ޖަރުމަނުގެ ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕުން، އެ ކުންފުނީގެ ދަރަނި ނުދެއްކިގެން، ބޭންކްރަޕްސީ ފައިލްކޮށްފި އެވެ.
ޔޫރަޕްގެ ތިން ވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕުން ބޭންކްރަޕްސީ ފައިލް ކުރުމުން ޖަރުމަނުގެ މިއުނިކް ކޯޓުން އަންނަނީ އިންސޮލްވެންސީ ޕްރޮސީޑިން ފަށައިފަ އެވެ.
އެ ކުންފުނީގައި 11،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިރު ކުންފުނި ބަނގުރޫޓުވެ، އޮޕަރޭޝަން ހުއްޓާލަން ޖެހުނު ކަން ކުންފުނީގެ މުވައްޒަފުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ، ބީއައިއެލްޑީގައިވާ ގޮތުން މިދިޔަ ހަފްތާ ބަންދުގައި އެ ކުންފުނިން ވަނީ އެ ގައުމުގެ އިގްތިސާދީ އަދި ފައިނޭންސް މިނިސްޓްރީއާ އެކު މިކަމުގައި މަޝްވަރާތައް ކޮށްފަ އެވެ. އެ ކުންފުނިން ވަނީ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ ފަންޑިންއެއް ހޯދަން އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮވިޑާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެން ކުންފުނިން ވަނީ ސަރުކާރުގެ އިކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑު މެދުވެރިކޮށް 650 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި ސަރުކާރުން ގެރެންޓީ ދީގެން ޔޫރަޕްގެ ކޮމާޝަލް ބޭންކް، ޔުނިކްރެޑިޓުން 315 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގައިފަ އެވެ.
އެފްޓީއައި މެދުވެރިކޮށް ދަތުރުތައް ދާން ބުކިން ހަދާފައިވާ މީހުންގެ ތެރެއިން މި ވަގުތު ދަތުރުތަކުގައި އުޅޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރަން ހުރި ދަތުރުތައް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.