ލަންޑަން (ޖުލައި 8) - އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު ދީނާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ޓޯނީ ބްލެއާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އެކަމަކު 2007 ވަނަ އަހަރު ޑޯނިން ސްޓްރީޓުން ނުކުމެވަޑައިގެންވި ފަހުން ބްލެއާ ފެންނަނީ ދީނުގެ މުހިންމު ކަމާބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ބޮޑު ވަޒީރުކަން ދޫކޮށްލެއްވުމަށް ފަހު ބްލެއާ ވަނީ ކެތޮލިކް ދީނަށް ވަންނަވައިފަ އެވެ. އެކަމަކު ބްލެއާ މިހާރު ވިދާޅު ވަނީ ކޮންމެ ދުވަހަކު ވެސް ގުރުއާން ތަރުޖަމާ ކިޔާ ކަމަށެވެ. އަދި ކީރިތި ގުރުއާން ކިޔެވުމަކީ އަގީދާ ވަރުގަދަވާ ކަމެއް ކަމަށް ވެސް ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ގުރުއާން (ގުރުއާން ތަރުޖަމާ) ކިޔަވަން. ގުރުއާނަކީ މައުލޫމާތުން ފުރިގެންވާ ފޮތެއް،" ބްލެއާ ވިދާޅުވި އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް އުފައްދާފައިވާ ކުއާޓެޓުގެ ޚާއްސަަ މަންދޫބުގެ މަގާމު ވެސް ބްލެއާ ވަނީ އަދާކުރައްވައިފަ އެވެ.