މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެ އަށް 48 މިލިއަނަށް ވުރެ ސިނގިރޭޓު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުމުގެ ގާނޫނުގެ ދަށުން އެ އިދާރާ އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމުން ރާއްޖެ އަށް އެ ތަކެތި އެތެރެކުރާ މިންވަރު ދަށްވި އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެތެރެކުރީ 76 މިލިއަން ސިނގިރޭޓެވެ. ނަމަވެސް، އޭގެ ކުރީ އަހަރުތަކުގައި އެ އަދަދު ހުރީ 338 މިލިއަނުން މަތީގަ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު؛
- 2021 ވަނަ އަހަރު: 345،123،496 ސިނގިރޭޓު
- 2022 ވަނަ އަހަރު: 356،755،492 ސިނގިރޭޓު
- 2023 ވަނަ އަހަރު: 349،887،124 ސިނގިރޭޓު
- 2024 ވަނަ އަހަރު: 338،083،260 ސިނގިރޭޓު
- 2025 ވަނަ އަހަރު: 76،214،347 ސިނގިރޭޓު
އެ ސިނގިރޭޓުތަކުގެ ޑިއުޓީ އަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވެ އެވެ.
ކަސްޓަމުން ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 48،881،100 ސިނގިރޭޓު އެތެރެކުރި ކަމަށެވެ.
ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރަން ސަރުކާރުން ވަނީ އެ ފަދަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ނޮވެމްބަރު 2024 އިން ފެށިގެން އަށް ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ނަމަވެސް، އެ ނިންމުން ބަދަލުކޮށް، މިދިޔަ ޖުލައި މަހު އިމްޕޯޓު ޑިއުޓީ އަނެއްކާ ވެސް ހަތަރު ރުފިޔާއަށް ކުޑަކުރި އެވެ.