ދުންފަތް އިސްތިއުމާލު ކުރުމުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް ދިވެހި ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ދުންފަތް އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސާޖިދާ ވަނީ، ދުންފަތުން ލިބޭ ސިއްހީ ގެއްލުމަކީ އެތައް ޖީލުތަކަކަށް ދެމިގެންދާ ސިއްހީ ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މިގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ އިތުރުން، އެ މީހަކު ވަށައިގެންވާ މީހުން ނުވަތަ "ސެކަންޑް-ހޭންޑް ސްމޯކާސް"އަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރާ ކަން ސާޖިދާ ފާހަގަކުރެއްވި އެވެ.
"ދުންފަތުގެ ގެއްލުންތަކާމެދު ވިސްނާއިރު އެއީ އިސްރާފުކުރެވޭ ފައިސާތަކެއް. ހަށިގަނޑަށް ގެއްލުންދޭން ކުރެވޭ ހަރަދުތަކެއް. ދެވަނަ ކަމަކަށް ދިރި ހުރުމަށާއި ދިރިއުޅުމަށް ހުރަސް އެޅޭ ކަމެއް. ފުއްޕާމޭގެ ބަލިތަކާއި، ކެންސަރާއި ހިތުގެ މައްސަލަތަކާއި، މިހެން ގޮސް ހަށިގަނޑުގެ އެތެރޭގެ ހިންގުމުގެ މުޅި ނިޒާމު ފެއިލްކޮށްލާ ވިހައެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަށް އިޝާރާތް ކުރައްވައި ސާޖިދާ ވިދާޅުވީ، ކުރިއާ ހިލާފަށް ދުންފަތް އިޝްތިހާރުކުރުމަށް ތަފާތު އާ އުކުޅުތައް ބޭނުންކޮށްގެން ކުޑަކުދިން ވެސް އެ ވާބާގައި ޖައްސަމުންދާ ކަމަށެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޝީޝާ އާއި ވޭޕު ފަދަ ޒަމާނީ އާ ބާވަތްތަކުން އެފަދަ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމުގެ ނުރައްކަލާ ހަމައަށް ހުށަހެޅިގެންދެ އެވެ.
މި ކަމަށް މުޅި މުޖުތަމައު ހޭލައިތިބެ، އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވަނީ ވިޔަފާރިވެރިން ވެސް މި މަސައްކަތުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން،" ސާޖިދާ ވިދާޅުވި އެވެ.
އަމިއްލަ ސިއްހަތާއި ހަށިގަނޑަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އެއްވެސް މީހަކު ބޭނުންނުވާނެކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވަނީ އެ ވަބާއިން ދުރުވުމަށް އާ އަޒުމަކާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.