މަރިޔަމް ހަނާ އަށް މާބަނޑުއިރު ހުރިހާ ކަމެއް ވެސް ދިޔައީ އާދައިގެ ގޮތަކަށެވެ. އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ސްކޭން ހަދާފައި ޑޮކްޓަރުން ބުނަމުން ދިޔައީ ވެސް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. އެހެންވެ، ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތެއް އޮތް ކަމަކަށް ހަނާ އާއި އޭނާގެ ފިރިމީހާ ކުޑަކޮށް ވެސް ހިއެއް ނުކުރެ އެވެ. އެކަމަކު އުފަންވިތާ ހަތަރު ވަރަކަށް ގަޑި އިރު ތެރޭ ދަރިފުޅު ނޫވާން ފެށި އެވެ. އޭނާގެ ހިތުގައި ސީރިއަސް އުނިކަމެއް ހުރެގެން، ފުރާނަ އަށް ނުރައްކާވެފައިވާކަން އެނގުނީ އެ ހިސާބުންނެވެ.

ދެން އައީ އެ ހާލަތުގެ ހިތްދަތިކަމާއި ދަރިފުޅަށް ބޭނުންވާ އަވަސް ފަރުވާ ހޯދުމުގެ ގޮންޖެހުންތަކެވެ. އުފެދުމުގައި ހިތުގައި އުނިކަމެއް ހުރުން ނުވަތަ ކޮންޖެނިޓަލް ހާޓް ޑިޒީސްއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުގެ ހަފްތާ ފާހަގަކުރަމުން އަންނަ އިރު ހަނާގެ އާއިލާ ފަދަ އެތައް ބަޔަކު ރާއްޖޭގައި އެ ހިތްދަތިކަމާއި ގޮންޖެހުންތައް ހިއްސާކުރެ އެވެ.

ދުނިޔޭގައި އަދި ރާއްޖޭގައި ވެސް، އުފަންވާ އިރު އުނިކަމެއް ހުންނަ ކުދިންގެ ތެރޭގައި އެންމެ ގިނައީ ހިތުގެ އުނިކަން ހުންނަ ކުދިންނެވެ. އެގޮތުން ރާއްޖޭގައި ކޮންމެ ސަތޭއަކުން އެކަކީ އުފެދުމުގައި ހިތުގައި އުނިކަމެއް ހުންނަ މީހެކެވެ. ކޮންޖެނިޓަލް ހާޓް ޑިޒީސްއާ މެދު ހޭލުންތެރިކަން އިތުރުކޮށް އެފަދަ އުނިކަން ހުންނަ ކުދިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގައި 500 ކުއްޖަކު ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 98 ޕަސެންޓަކީ 10 އަހަރުން ދަށުގެ ކުދިންނެވެ.

އުފެދުމުގައި އުނިކަން ހުރި 329 ކުދިން ރާއްޖޭގައި މިދިޔަ ދެ އަހަރު ތެރޭ (2016 އަދި 2017) ފާހަގަކުރެވިފައިވާ އިރު އޭގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަތީ އަދަދެއްގެ ކުދިންނަށް (31 ޕަސެންޓް) ދިމާވެފައިވަނީ ކޮންޖެނިޓަލް ހާޓް ޑިޒީސް އެވެ. އަދި އަލަށް ފާހަގަކުރެވޭ އެފަދަ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮންޖެނިޓަލް ހާޓް ޑިޒީސްއަކީ ކޮބާ؟

ހިތުގައި އުނިކަމެއް ހުންނަން މެދުވެރިވަނީ މާބަނޑު ދުވަސްވަރުގެ ކުރީކޮޅުގަ އެވެ. އެއީ ކުއްޖާގެ ހިތް ރަނގަޅަށް ނުއުފެދޭތީ އެވެ. މިހެން ދިމާވަނީ ކީއްވެގެން ކަމެއް ހުރިހާ ފަހަރަކު ނޭނގެ އެވެ. އެކަމަކު އެކަމަށް މަގުފަހިކުރާ ކަންތައްތަކެއް ހުންނަކަން ސިއްހީ މާހިރުން ފާހަގަކުރައްވަ އެވެ.

ގުދުރަތީ ސަބަބުތަކަށް ބަލާ އިރު، ޑައުންސް ސިންޑްރޯމް ފަދަ ކްރޮމޮޒޯމަލް މައްސަލަތަކާއި މައިންބަފައިންގެ ފަރާތުން ހިތުގެ އުނިކަން ވާރުތަވުން ހިމެނެ އެވެ. އޭގެ އިތުރުން މާބަނޑުއިރު ހަކުރު ކޮންޓްރޯލް ނުކުރެވުމާއި މާ ބޮޑަށް ފަލަވުމާއި ބައެއް ބާވަތްތަކުގެ ބޭހާއި ރަލާއި މަސްތުވާތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި މައިމީހާ އަށް ރުބެއްލާ ޖެހުމަކީ ވެސް ދަރިފުޅުގެ ހިތުގައި އުނިކަމެއް ހުންނަން މެދުވެރިވެދާނެ ސަބަބުތަކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ގެއްލުންހުރި ކަންކަމާ ދުރުހެލިވެ ދުޅަހެޔޮ އާދަތައް ގެންގުޅުން ތުއްތުކުއްޖާގެ ސިއްހަތަށް ކޮންމެހެން މުހިއްމެވެ.

ކުއްޖާ އުފަންވުމުގެ ކުރިން، މައިމީހާގެ ބަނޑަށް 18-22 ހަފްތާގައި، އަލްޓްރަސައުންޑް ސްކޭންގެ އެހީގައި ހިތުގެ އުނިކަމެއް ހުރިތޯ ބައެއް ފަހަރު ދެނެގަނެވެ އެވެ. އަނެއް ބައި ފަހަރު ކުއްޖާ އުފަންވާ ތަނުން ވެސް އެފަދަ އުނިކަން ފާހަގަކުރެވެ އެވެ. ނުވަތަ އެއަށް ވުރެ ލަހުން، އުމުރުގެ ފުރަތަމަ އަހަރުތަކުގައި އެކަން އެނގުން ވެސް އެކަށީގެންވެ އެވެ. ބައެއް ކުދިން ފުރާވަރަށް އަޅަންދެން ނުވަތަ އެއަށް ވުރެ ދޮށީ އުމުރަށް ދަންދެން ވެސް އެކަން ނޭނގި ހުރެދާނެ އެވެ.

އުފެދުމުގައި، މައިގަނޑު ދެ ބާވަތަކަށް ބެހިގެންވާ 18 ވައްތަރެއްގެ އުނިކަން ހިތުގައި ހުންނަން މެދުވެރިވެ އެވެ. އޭގެ ތެރެއިން ގިނަ ވައްތަރުތަކުގައި، އަވަހަށް ދެނެގަނެވި ފަރުވާދެވިއްޖެ ނަމަ، އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެ އެވެ. ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ވަރަށް ގިނަ ފަހަރު މިފަދަ މައްސަލަތަކަށް ފަރުވާއެއް ބޭނުމެއް ނުވެ އެވެ. ނުވަތަ ވަރަށް ފަސޭހަ އިން އެކަމެއް ރަނގަޅުކޮށްލެވެ އެވެ. އެކަމަކު ސީރިއަސް ކޭސްތަކުގައި ނުވަތަ ކޮންޖެނިޓަލް ހާޓް ޑިޒީސްގެ ބޮޑު މައްސަލައަކާ އެކު އުފަންވާ ކުދިންނަށް ފުރާނަ އަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އަދި އެފަދަ ކަންކަމަށް ވަގުތުން ފަރުވާ ބޭނުންވެ އެވެ.

ސަލާމަތްކުރެވުނީ "ނަސީބު ރަނގަޅުކަމުން"

އަލަތު ދަރިފުޅުގެ ހަށިގަނޑުގައި އޮކްސިޖަން މަދުވެ ސީރިއަސް ހާލަތަކަށް ދިޔަކަން ގަބޫލުކުރަން ވެސް ހަނާ އަށް އެންމެ ފުރަތަމަ ދަތިވި އެވެ. ހާލު ބޮޑުވެ، އޮޕަރޭޝަން ކުރަން ރާއްޖެ އިން ބޭރަށް އޭނާ ގެންދަން ޖެހިފައިވާ ކަމުގެ ޚަބަރު ލިބުނު އިރު ހަނާ ފުރަތަމަ ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. އެކަމަކު އޭނާ އަށް މަޖުބޫރުވީ އެއީ ހަގީގަތެއްކަން ގަބޫލުކުރާށެވެ. އެއާއެކު، ހަނާގެ ދެމަފިރިންގެ ކުރިމަތީގައި އޮތީ ދަރިފުޅަށް އެ ވަގުތުން ވަގުތަށް ބޭނުންވާ ފަރުވާ ހޯދުމުގެ ބޮޑު ގޮންޖެހުމެވެ.

"ބޭބީގެ ހިތުގެ ކަނާތް ފަރާތުގައި ހުންނަން ޖެހޭ އޮކްސިޖަން ފޮނުވައިދޭ ހޮޅި އިނީ ވާތް ފަރާތުގައި. ވާތް ފަރާތުގެ ހޮޅި އިނީ ކަނާތް ފަރާތުގައި. ދޭތި އޮޅިފައި އިނީ. އެހެންވީމާ ހަށިގަނޑަކަށް ރަނގަޅު ލެއެއް ނުދޭ. ގޯސް ލޭ ދަނީ،" 2009ގައި ލިބުނު ދަރިފުޅުގެ ހިތުގައި ހުރި މައްސަލަ ހަނާ ކިޔައިދިނެވެ.

"ޑޮކްޓަރުން ބުނީ ބޭބީ މިހާރު ދިރިއޮތީ ހިތުގައި ހުރި ލޯވަޅުގެ ސަބަބުންނޭ. އެކަމަކު އެއީ އާއްމުކޮށް 48 ގަޑިއިރު ތެރޭ ބެދޭނެ ލޯވަޅެކޭ. އެހެންވީމަ އެ ލޯވަޅު ބެދިއްޖެއްޔާ ބޭބީ އަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބުނީ."

އޮޕަރޭޝަންކުރަން ރާއްޖެ އިން ބޭރަށް ދަރިފުޅު ގެންދެވެން އޮތީ އޭނާ ސްޓޭބަލްކުރުމަށް ބޭނުންވާ އިންޖެކްޝަނެއް ޖަހައިގެންނެވެ. އެކަމަކު އެ އިންޖެކްޝަން ރާއްޖެ އިން ލިބޭކަށް ނެތެވެ. ހަނާ ބުނިގޮތުގައި އެ ވަގުތު ސްރީ ލަންކާ އިން އެ އިންޖެކްޝަން ގެނެވޭ ގޮތްވީ ނަސީބު ރަނގަޅުކަމުންނެވެ. އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމާ އެކު، ދެވަނަ ދުވަހު އިންޑިއާ އަށް ފުރޭ ގޮތް ވެސް ހަމަޖެހުނެވެ. އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް، ދަރިފުޅުގެ ބަރުދަނުގައި ތިން ކިލޯ ހަމަ ނުވާތީ އޮޕަރޭޝަން ނުކޮށް މަޑުކުރީ އެވެ. އެހެންވެ، ފުރަތަމަ ކުރި ކަމަކީ ދަރިފުޅުގެ ހިތުގައި ހުރި ލޯވަޅު ބޮޑުކުރުމެވެ.

"އެއީ އުކުޅުވަޅު ތޮރުފައިގެން ހަދާ މައިނާ ސާޖަރީއެއް. އެ ސާޖަރީ ހަދައިގެން އެންއައިސީޔޫގައި ބޭއްވި ހަފްތާއެއް ވަންދެން. އޭރު ވެސް އޮކްސިޖަން ދަށްވެފައި، ރަނގަޅުވެފައި އެކަހަލަ ގޮތަކަށް ދިޔައީ،" ހަނާ ބުންޏެވެ.

"ސާދަވަނަ ދުވަހު ބަރުދަން ތިން ކިލޯ އަށް އެރީމަ އެ ދުވަހު ސާޖަރީ ހެދީ. އެއީ އަށް ގަޑިއިރު އޮޕަރޭޝަނެއް. އަޅުގަނޑު ކައިރީގައި ބުނީ ބޭބީ ފެންވަރުލާށޭ، ސްޓެރިލައިޒް ކޮށްލަން. ހެނދުނު އެކަންތައް ކުރަން އުޅުނު އިރު ހިތަކަށް ނާރާ ބޭބީ އަލުން ފެންނާނެއެކޭ ވެސް. އެއީ އެހާ ބޮޑު އޮޕަރޭޝަނެއް ކުރަން ދާތީ. ހިތުން ދުއާކޮށްލަކޮށްލާ ހުރީ. ބަރާބަރު އަށްގަޑި އިރު ފަހުން ބުނީ އޮޕަރޭޝަން ކާމިޔާބޭ. އެކަމަކު ވަރަށް ކްރިޓިކަލްއޭ. ހާޓް ރޭޓް ދަށްވާތީ ޗެސްޓް ކްލޯޒް ނުކޮށް ބާއްވާފައޭ އޮތީ. އެކަމަކު އިރާދަކުރެއްވިއްޔާ 24 ގަޑި އިރު ތެރޭ އެކަން ރަނގަޅުވެ، ޗެސްޓް ކްލޯޒް ކުރެވުނު."

ދަރިފުޅު އައިސީޔޫގައި ހަފްތާއެއްހާ ދުވަހު ބޭއްވުމަށް ފަހު ނެރުނުތާ ދެ ހަފްތާ ފަހުން އެނބުރި ރާއްޖެ ދިޔުމުގެ ހުއްދަ ހަނާމެންނަށް ލިބުނެވެ. އޭގެ ފަހުން ގަވާއިދުން ހަދަމުން އައި ޓެސްޓުތައް ދަރިފުޅުގެ އުމުރުން ހަ އަހަރުގައި ހުއްޓާލީ އެވެ. ހުރިހާ ކަމެއް ރަނގަޅެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ނަސީބު ހުރި ގޮތުން އެ ދުވަހު އެ އިންޖެކްޝަން ވެސް ލިބުނީ. އޭތި ނުލިބުނު ނަމަ ކިހިނެއް ވާނީ؟ ނުވެސް ފުރޭނެ ދެއްތޯ؟ ސާޖަރީ ހެދުން ލަސްވި ނަމަވެސް ބޭބީގެ ހާލު ގޯސްވަމުންދާނީ،" އިތުރު ކުއްޖަކު ވެސް ހުރި ހަނާ ބުންޏެވެ.

އައިޝަތު އީޝަލް އަށް މިހާރު އަށް އަހަރެވެ. ބާސްކެޓްބޯޅަ ކުޅޭށާއި ފަތަން އީޝަލް ދެ އެވެ.

ބޮޑެތި ގޮންޖެހުންތަކެއް

އީޝަލް އުފަންވިތާ މާ ގިނަ ދުވަހެއް ނުވެ، ކޮންޖެނިޓަލް ހާޓް ޑިޒީސްއާ މެދު ހޭލުންތެރިކަން އުފައްދައި އެފަދަ އުނިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚިދުމަތް ދިނުމަށް އަމިއްލަ ޖަމްއިއްޔާއެއް ރާއްޖޭގައި އުފެއްދި އެވެ.

ހިތުގައި އުނިކަމެއް ހުރުމުގެ ސަބަބުން އުމުރުން ދެ މަހުގައި އަލަތު ދަރިފުޅު މަރުވުމުގެ ހިތާމައިގައި ތިބި ހިޝްމަތު ފާއިޒު (ހިޝްކޮ) އާއި އަލީ މުއާޒު އެ ދަރިފުޅުގެ ހަނދާނުގައި އުފަންކުރި ޓައިނީ ހާޓްސް އިން ވޭތުވެދިޔަ އަށް އަހަރު ތެރޭ އީޝަލް ފަދަ އެތަކެއް ސަތޭކަ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ދިވެހިންގެ ތެރޭގައި ކޮންޖެނިޓަލް ހާޓް ޑިޒީސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ޓައިނީ ހާޓްސް އިން އަންނަނީ ހިންގަމުންނެވެ.

އެކަމަކު އާއިލާތަކަށާއި އެ ޖަމްއިއްޔާގެ މަސައްކަތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް އެބަ ހުއްޓެވެ.

"ރާއްޖެ ކަހަލަ، ރަށްތައް ދުރުދުރުގައި ހުރި ޖަޒީރާ ގައުމެއްގައި ޚާއްސަކޮށް މާލެ ނޫން ރަށެއްގައި މި ކަހަލަ ބޭބީއެއް ލިބިގެން މާލެ ގެނައުމާއި މި ހުރިހާ ކަމެއް ކުރަން ޖެހުން އެއީ ވަރަށް ބޮޑު ހިތްދަތިކަމެއްކަން އެނގޭ. އޭގެ އިތުރުން، މިއަދާ ހަމައަށް ވެސް (އޮޕަރޭޝަންކުރަން) ދާން މި ޖެހެނީ ރާއްޖެ އިން ބޭރަށް. އެކަމަކު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައިނާ ޕްރޮސީޖާސް ރާއްޖޭގައި ފަށަން އުޅޭ ކަމުގެ އުއްމީދު އަޅުގަނޑުމެންނަށް އެބަ ލިބޭ،" ޓައިނީ ހާޓްސްގެ ކޯ ފައުންޑަ ހިޝްމަތު ވިދާޅުވި އެވެ.

"މިފަދަ ކުދިންނަށް ވީހާ ވެސް ކުރީބައިގައި ފަރުވާ ލިބުނީމަ ރަނގަޅު ކުރިމަގެއް އެބަ ލިބޭ. ބަނޑުގައި އޮންނަ އިރު ވެސް މިކަން ނޭނގި މި ކަހަލަ ކުއްޖަކު ދުނިޔެ އަށް އައުން، އެއީ އެންމެ ދެކެން ބޭނުން ނުވާ ކަމަކީ. އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާއަކީ އެއީ. ކޮންޖެނިޓަލް ހާޓް ޑިޒީސްއާ އެކު ކުއްޖަކު އުފަންވެ، އޭނާ ވަރަށް ބޮޑު ވޭނެއްގެ ތެރެއަށް ދާ ފަހުން މިކަން އެނގުން. އެއީ ކުއްޖާގެ ސިކުނޑި އަށް ވެސް ގެއްލުންތަކެއް ލިބި އާދައިގެ ދިރިއުޅުމެއް ނޫޅެވެން މެދުވެރިވެދާނެ ކަމެއް. އެއާ ޚިލާފަށް މާބަނޑު އިރު މިކަން ފާހަގަކުރެވުނީމާ ސާޖަރީ ހެދެން ހުރި ތަންތަނަށް އެބަ ފޮނުވޭ ވިހަން."

ރާއްޖޭގައި ހުރީ މި ދާއިރާ އިން ޚާއްސަ އެންމެ ޑޮކްޓަރެކެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ޑރ. އައިޝަތު އެލީނާ ފިޔަވައި ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓަކު ނެތެވެ. އެއީ ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ޑރ. އެލީނާ، ޑރ. އަލީ ޝަފީގުމެން ފަދަ ބޭބޭފުޅުން ވަރަށް ގާތުން ވަރަށް ރަނގަޅަށް މަސައްކަތްކުރައްވާ. އެކަމަކު ޑިމާންޑާ އެއްވަރަށް ޚިދުމަތް ނުލިބުމުގެ ދަތިކަން ވަރަށް ބޮޑު. ޚާއްސަކޮށް އަޅުގަނޑުމެންގެ ޕޭޝެންޓުގެ ވަރަށް ބޮޑު ޕަސެންޓޭޖެއް މި އުޅެނީ ރަށްރަށުގައި،" ހިޝްމަތު ވިދާޅުވި އެވެ.

ފަރުވާ ހޯދުމުގެ ދަތިތަކާ އެކު އޮތް އަނެއް ގޮންޖެހުމަކީ އާއްމު ހޭލުންތެރިކަން ކުޑަވުމެވެ.

"ދުރާލާ ޕްލޭންކޮށްގެން ބަލިވެއިނުމުގެ ހޭލުންތެރިކަން ކުޑަ ކަމަށް ފާހަގަކުރެވެނީ. ތިރީސް ނުވަތަ ސާޅީހުގެ އަހަރުތަކުގެ މީހުން ޕްލޭންކޮށްފާނެ. އެކަމަކު ވިހީގެ އަހަރުތަކުގައި އުޅޭ މީހުން އަދިވެސް އެބަ ޖެހޭ ޕްރެގްނެންސީ ރަނގަޅަށް ޕްލޭންކުރަން،" ހިޝްމަތު ފާހަގަކުރެއްވި އެވެ.

"ޕްލޭން މި ކުރަނީ ހަމައެކަނި ކޮންޖެނިޓަލް ހާޓް ޑިޒީސް ކުރިމަތިވެދާނެ ކަމަކަށް ނޫން. ތެލެސީމިއާ އާއި އެ ނޫން ވެސް ބައިވަރު ކަންތައްތަކެއް އެބަ ހުރޭ ވިސްނަން ޖެހޭ."

ކައިވެނިކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކުރު ކޯހުގައި މި މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދަން އެ ޖަމްއިއްޔާ އިން ކުރަމުންދާ މަސައްކަތް ކާމިޔާބުވުން ވަރަށް މުހިއްމު ކަމަށް ޓައިނީ ހާޓްސް އިން ދެކެ އެވެ.

"ޕްރެގްނެންސީއަކީ ޕްލޭންކުރަން ޖެހޭ އެއްޗެއް ކަމާއި އޭގައި ހުރި ރިސްކު ފެކްޓާތައް ކިޔައިދިނުން ބޭނުމަކީ. އެއީ މިފަދަ އުނިކަން ހުންނަން މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަންކަން އަންގައިދިނުމަށް،" ހިޝްމަތު ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި މެސެޖުތައް ދެވިދާނެ. އެކަމަކު ސީދާ ކޮންމެ ކައިވެންޏަކަށް މި މައުލޫމާތު ދެވިއްޖެއްޔާ ވަރަށް ބޮޑު އިމްޕެކްޓެއް ގެނެވޭނެ."

ޖަމްއިއްޔާ ހިންގުމުގައި ޓައިނީ ހާޓްސް އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމެވެ. ހިޝްމަތު ފާހަގަކުރެއްވިގޮތުގައި ޚާއްސަކޮށް މިދިޔަ އަހަރުން ފެށިގެން ފަންޑިންގެ ތާށިކަން ވަރަށް ބޮޑެވެ.

"ޓައިނީ ހާޓްސް އަށް ނުވަ އަހަރުވާން އުޅޭ އިރު 500 ޕޭޝެންޓުން އެބަތިބި. ރެޖިސްޓްރޭޝަނާއި އެކި ކަންކަމަށް ކޮންވެސް ވަރެއްގެ އޮފީހެއް ބޭނުންވޭ. ޑޯނާސް ވެސް އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ވުރެ ބޮޑަށް ފޯކަސްކުރަނީ ޕްރޮގްރާމްތަކަށް. އެކަމަކު ހަގީގަތަކީ ޕޭޝެންޓުންނާއި އާއިލާތަކާ ބައްދަލުކޮށް އެ މީހުންގެ ވާހަކަތައް އަޑުއަހާ ހަދަން އެކަށީގެންވާ މާހައުލެއް އެބަ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ޓައިނީ ހާޓްސްގެ ފުރަތަމަ ދުވަސްތަކުން ފެށިގެން އެ ޖަމްއިއްޔާގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ ހަނާގެ ދެމަފިރިންގެ އަމިއްލަ ތަޖުރިބާ ހިތްދައްޗެވެ. އެކަމަކު އެ މީހުން އެހެން މައިންބަފައިންނަށް ދެނީ އުއްމީދުގެ މެސެޖެކެވެ. އެއީ ރައްކާތެރިކަމާ މެދު ދުރާލާ ވިސްނައިފި ނަމަ ރަނގަޅުވާނެ ކަމެވެ.

"ޑޮކްޓަރުން ވިދާޅުވަނީ ބަނޑުގައި ބޭބީ އޮއްވާ ޑައިގްނޯޒް ކުރެވޭނެއޭ. އަޅުގަނޑުމެންގެ ކޭސްގައި ނުވީ. ވެދާނެ މި ކޮޅުގައި ތިބޭ ރޭޑިއޮލޮޖިސްޓުން އޭރު އެހާ އެވެއާ ނޫނީ ކަމަށް،" ހަނާ ބުންޏެވެ.

"އެކި މީހުންނަށް އެކި ގޮތަށް ދިމާވާނީ. ކޮންމެ ގޮތެއް ވިޔަސް ވަގުތުން ބޭބީ އަށް ފަރުވާ ދެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ އުއްމީދު އޮންނާނެ."