އަންނަ ހަފުތާގައި ޓައިނީ ހާޓްސް އިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ކެއާ ފޯ ޓައިނީ ހާޓްސް ކޭމްޕް"، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ސަބަބުން ފަސްކޮށްފި އެވެ.
މި ކޭމްޕު ބޭއްވުމަށް ހަމަޖައްސާފައި އޮތީ މި މަހު 19 އިން 21 އަށް ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރު ފެތުރެމުންދާ ރޯގާގެ ނުރައްކާ ކުޑަވިހާ އަވަހަކަށް، ސިއްހީ މުއައްސަސާތަކުގެ ލަފާގެ މަތިން ކޭމްޕް ބާއްވާނެ އެވެ.
ޓައިނީ ހާޓްސްގެ މި ކޭމްޕަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޭމްޕެކެވެ. އަދި މި އަހަރު އެ ޖަމިއްޔާ އިން ބާއްވާ މިފަދަ ހުރިހާ ހަރަކާތެއްގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވާސަލް އެންޓަޕްރައިސިސް އިންނެވެ.
މިހާރު ހަލުވި ކަމާ އެކު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ސަބަބުން ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުން ބަންދުކޮށް، އެކި ފަރާތްތަކުން ހިންގަން ރާވާފައިވާ ގިނަ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.