އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޓޭލާ ސުވިފްޓްގެ މަޝްހޫރު ލަވަ "އޮގަސްޓް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ޓިކްޓޮކް އެކައުންޓުން މިއުޓްކޮށް، އެ ލަވަ ބޭނުންކުރުން ހުއްޓުވައިފި އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާތަކުގައި ބޮޑު ބަހުސެއް ވެސް ވަނީ އުފެދިފަ އެވެ.
މި މައްސަލަ އުފެދުނީ ޓްރަމްޕްގެ ރަސްމީ ކެމްޕޭން އެކައުންޓް "ޓީމް ޓްރަމްޕް" އިން އޮގަސްޓް މަސް ފެށުން ފާހަގަކުރުމުގެ ގޮތުން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ.
ޓްރަމްޕް އާއި އަނބިކަނބަލުން މިލާނިއާ ޓްރަމްޕް ހަވާ އަރުވާ މަންޒަރު ބައްލަވަން ތިއްބަވާ މަންޒަރު ފެންނަ އެ ވީޑިއޯގެ ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ޓޭލާގެ 2020 ވަނަ އަހަރުގެ އަލްބަމް "ފޯކްލޯ"ގައި ހިމެނޭ "އޮގަސްޓް" ލަވަ އެވެ.
އެ ވީޑިއޯގައި ވަނީ "އަހަރެމެން ޓޭލާގެ ލަވަ ބޭނުންކުރުމުން އޭނާ ވަރަށް އުފާވާނެކަން ކަށަވަރު" ކަމަށް ބުނެ ޓޭލާއަށް ނިސްބަތްކޮށް މަލާމާތްކުރާ ރާގެއްގައި ކެޕްޝަނެއް ވެސް ލިޔެފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ވީޑިއޯ އާންމުކުރިތާ ދުވަސްކޮޅެއްގެ ތެރޭގައި ޓޭލާގެ ކޮޕީރައިޓް ޓީމުން ވަނީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައި، ޓިކްޓޮކް މެދުވެރިކޮށް އެ ވީޑިއޯގެ އަޑު ކަނޑާލައިފަ އެވެ.
ޓިކްޓޮކް ބޭނުންކުރާ މީހުންނަށް އެ ވީޑިއޯ ބަލާއިރު މިހާރު ފެންނަނީ ކޮޕީރައިޓްގެ ވެރިފަރާތުން އެ އަޑު ނުވަތަ ލަވަ ބޭނުންކުރުމުގެ ހުއްދަ ދީފައިނުވާ ކަމަށް ބުނާ މެސެޖެކެވެ.
އެކަމާ ގުޅިގެން ޓޭލާގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށް، އަމިއްލަ މިއުޒިކްގެ މިލްކުވެރިކަން ބޭނުންކޮށްގެން ޓޭލާ އެޅި ފިޔަވަޅަށް ތައުރީފުކޮށްފަ އެވެ.
މިއީ ޓްރަމްޕްގެ ކެމްޕޭން ޓީމުން ޓޭލާގެ ލަވަތައް ބޭނުންކުރުމުން އޭނާގެ ޓީމުން އެކަން ހުއްޓުވި ފުރަތަމަ ފަހަރެއް ނޫނެވެ.
އެމެރިކާގެ ޑިމޮކްރެޓިކްގެ ކެންޑިޑޭޓުންނަށް އާންމުކޮށް ތާއީދުކުރާ ޓޭލާއަކީ ޓްރަމްޕްގެ ސިޔާސީ ފިކުރާ ފާޅުގައި ދެކޮޅު ހަދަމުން އަންނަ ފަންނާނެކެވެ. ޓޭލާގެ ލަވަތަކުގެ މާސްޓާ ރެކޯޑިންގްސްގެ ފުރިހަމަ މިލްކުވެރިކަން އޭނާއަށް ލިބިފައިވުމާ އެކު، ސިޔާސީ މަގުސަދުތަކުގައި އޭނާގެ މިއުޒިކް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ގާނޫނީ ބާރު މިހާރު އޭނާއަށް އޮވެ އެވެ.