ލަންޑަން (ސެޕްޓެމްބަރު 29) - މަޝްހޫރު ޓްރެވަލް އެޖެންސީ ތޯމަސް ކުކް ބަނގުރޫޓްވެ އެކަމުގެ އަސަރު ގިނަ ފަރާތްތަކަށް ކުރަމުން އަންނައިރު، ޗައިނާގެ ފޮސުން ގްރޫޕުން ހިންގަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވުލްވްސް އަށް ވެސް އޭގެ ލޮޅުން އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ތޯމަސް ކުކް އަކީ އިނގިރޭސި ވަރަށް ގިނަ ކްލަބްތަކެއްގެ ޓްރެވަލް ޕާޓްނަރެވެ. ވަރަށް ގިނަ ކްލަބްތަކުން ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ އަވޭ މެޗުތަކަށް ސަޕޯޓަރުންނަށް ޓްރެވަލް ޕެކޭޖް ވިއްކަނީ ތޯމަސް ކުކް މެދުވެރިކޮށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގައި ތޯމަސް ކުކްގެ ދައުރު ވަރަށް ބޮޑެވެ. އޭގެ ތެރެއިން އެއް ކްލަބަކީ ވުލްވްސް އެވެ.

ވުލްވްސް ހިންގަމުން އަންނަ ފޮސުން ގްރޫޕްގެ ޗެއާމަން ގުއޯ ގުއޯޗަންގެ ބޮޑު ހިއްސާއެއް ތޯމަސް ކުކްގައި އޮތްއިރު، ފުޓްބޯޅައިގެ މާލީ ކަންތައްތަކާ ބެހޭ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި ތޯމަސް ކުކްގެ މި މައްސަލަ ތެރޭގައި ޗެއާމަން ގުއޯ އަށް ލިބޭ ގެއްލުން އުޅޭނީ 1.2 ބިލިއަން ޕައުންޑްގައި ކަމަށާއި މީގެ ސަބަބުން ވުލްވްސްގެ 20 އިންސައްތަ ހިއްސާ ފޮސުން ގްރޫޕުން ވިއްކާލަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންވެއްޖެނަމަ ވުލްވްސްގެ ހިންގުމުގެ މޮޑިއުލަށް ބަދަލުތަކެއް އައިސް މިހާރު އެދާ މިސްރާބުން ކައްސާލުމުގެ ފުރުސަތު ބޮޑެވެ.

ފޮސުން ގްރޫޕުން 2016 ވަނަ އަހަރު ވުލްވްސް ގަތްއިރު އެ ކްލަބްގެ އަގަކީ 45 މިލިއަން ޕައުންޑެވެ. އެ ކްލަބްގެ އަގު މިހާރު އުޅެނީ 350 މިލިއަން ޕައުންޑްގަ އެވެ. ފޮސުން ގްރޫޕުން ވުލްވްސްގެ 20 ޕަސެންޓް ހިއްސާ ވިއްކާލާނަމަ އެ މީހުންގެ ވިސްނުން ހުރީ އެ ކްލަބްގެ ސިއްރު އެހީތެރިޔާގެ ނަމުން ފާހަގަވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މަޝްހޫރު އެހެން ގިނަ ކުޅުންތެރިންގެ އޭޖެންޓް ޖޯޖް މެންޑޭޒަަށް ހިއްސާވާ ބައި އެހެން ބަޔަކަށް ވިއްކާލާށެވެ.

މެންޑޭސްގެ އެހީތެރިކަމާ އެކު ވުލްވްސް އިން ވަނީ މިހާރުގެ ޓްރާންސްފާ މާކެޓްގެ އަގުތަކަށް ބަލާއިރު ނިސްބަތުން ކުޑަ އަގެއްގައި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އާއި އަރަމުން އަންނަ ތަރި ރުބެން ނެވޭސްގެ އިތުރުން މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް ފަދަ ތަރިންގެ ސޮއި ވުލްވްސް އިން ހޯދީ ޔޫރަޕްގެ ނަން މަޝްހޫރު އަދި ޗެމްޕިއަންސް ލީގުގައި ވެސް ކުޅޭ ޓީމުތަކުން ފާރަލަމުން އަންނަނިކޮށެވެ. ވުލްވްސްގައި މިހާރު އޮތް ޓީމުގައި ޕޯޗުގަލްގެ ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަވީ މެންޑޭސްގެ ނުފޫޒުންނެވެ. މެންޑޭސް އަތުން ވުލްވްސްގެ އެ ހިއްސާ ގެއްލިއްޖެނަމަ ވުލްވްސްގައި ތިބި އޭނާ ގެނައި ކުޅުންތެރިންތައް އެ ކްލަބް ދޫކޮށްލާނެ އެވެ.

ތޯމަސް ކުކްގެ މި ކަންތައްތަކުގެ ސަބަބުން ވުލްވްސް އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މީޑިއާގައި އެ ޓީމުގެ އޮފިޝަލަކު ބުނެފައިވާއިރު، އެއީ މައްސަލަތައް މީޑިއާގައި އޮއްބާލަން ދެއްކި ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.

ވުލްވްސްގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ވެސް ތޯމަސް ކުކް ބަނގުރޫޓްވުމުގެ ގޯސް އަސަރުކުރާނެ އެވެ. އެއީ ގިނަ ފުޓްބޯޅަ ސަޕޯޓަރުން ވަނީ ދުރާލާ މެޗުތައް ބެލުމަށް ގިނަ ޓިކެޓްތަކެއް ނަގައިފަ އެވެ. ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް މީގެ ގެއްލުން ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅަ އާއި ނެޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)ގެ ކްލަބްތައް ހިމެނެ އެވެ.

މީގެ 178 އަހަރު ކުރިން އުފެދުނު، ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ބަނގޫޓްވީ ކުންފުނި ސަލާމަތްކުރަން ބޭނުންވާ 200 މިލިއަން ޕައުންޑް ހަމަނުޖެހުމުންނެވެ. މިއީ ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް ނިންމައި އާންމުކުރި ބްރެކްސިޓްގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާނެ ނުރަނގަޅު ކަންތައްތަކުގެ ފެށުމެއް ކަމަށް މަޝްހޫރު މީޑިއާތަކުން ރިޕޯޓްކުރެ އެވެ.