ލަންޑަން (ސެޕްޓެމްބަރު 24) – މަޝްހޫރު ޓްރެވަލް އެޖެންސީ ތޯމަސް ކުކް ބަނގުރޫޓްވުމާ ގުޅިގެން އިންގްލެންޑުގެ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މާޔޫސްކަމާއި ނުތަނަވަސްކަން ކުރިމަތިވެއްޖެ އެވެ.
ތޯމަސް ކުކް އަކީ އިނގިރޭސި ވަރަށް ގިނަ ކްލަބްތަކެއްގެ ޓްރެވަލް ޕާޓްނަރެވެ. ވަރަށް ގިނަ ކްލަބްތަކުން ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ އަވޭ މެޗުތަކަށް ސަޕޯޓަރުންނަށް ޓްރެވަލް ޕެކޭޖް ވިއްކަނީ ތޯމަސް ކުކް މެދުވެރިކޮށެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި އެ ދެ މުބާރާތުގެ އަވޭ މެޗުތަކެއް އޮންނާނެތީ މިހާރު ޕެޖޭޖްތައް ގަނެފައިވާ ސަޕޯޓަރުންނަށް ކޮންޓިންޖެންސީ ޕްލޭނެއް ހެދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ބީބީސީން ރިޕޯޓްކުރެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ބުނީ އެ ކްލަބުގެ ހޯމް ބައެއް މެޗުތަކަށް ޓިކެޓާއި ހޮސްޕިޓާލިޓީ ޕެޖޭކްތަކެއް ތޯމަސް ކުކް އިން ވިއްކާފައިވާ ކަމަށާއި އަދި ޔުރޮޕާ ލީގުގައި ދެން ކުޅެން އޮތް އަވޭ ދެ މެޗަށް ސަޕޯޓަރުންނަށް ޓްރެވެލް ޕެކޭޖް ވިއްކާފައިވާ ކަމަށެވެ. އެ ކްލަބުން ބުނީ ކުންފުނި ބަނގުރޫޓްވި ހަބަރާ އެކު އެކު ކޮންޓިންޖެންސީ ޕްލޭނަކަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި އެކަމުގައި ސަޕޯޓަރުންނާ ގުޅަމުން ގެންދާނެ ކަމަށެވެ.
ޗެލްސީން އައީ ޗެމްޕިއަންސް ލީގުގައި ލިލް، އަޔަކްސް އަދި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ދިއުމަށް އެ ކްލަބުގެ ސަޕޯޓަރުންނަށް ތޯމަސް ކުކްގެ ޕެކޭޖްތައް އިޝްތިހާރުކުރަމުންނެވެ. ބައެއް ސަޕޯޓަރުން ވަނީ އެ ޕެކޭޖްތައް ގަނެފަ އެވެ.
ޗެލްސީން ބުނީ އޭގެ ތެރެއިން އަންނަ މަހު ދެ ވަނަ ދުވަހު ލިލްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހުގެ ހަ ވަނަ ދުވަހު ޕްރިމިއާ ލީގުގައި ސައުތުހެމްޓަނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ދިއުމަށް ތޯމަސް ކުކް މެދުވެރިކޮށް ޕެކޭޖް ގަނެފައިވާ ސަޕޯޓަރުންނަށް އެހެން ގޮތަކަށް ދަތުރުކުރަން ފައިސާ ދޭނެ ކަމަށެވެ.
ލިވަޕޫލުން ބުނި ގޮތުގައި އެ ކްލަބުގެ ކޮންމެ ހޯމް މެޗަކަށް ތޯމަސް ކުކް އިން 360 ހޮސްޕިޓާލިޓީ ޕެޖޭކް ވިއްކާފައިވާ ކަމަށެވެ.
އެމެރިކަން ނެޝަނަލް ފުޓްބޯލް (އެންއެފްއެލް) އިން ކުރިއަށް އޮތް ދެ މަހު ލަންޑަނުގައި ބާއްވާ އެމެރިކަން ފުޓްބޯލް މެޗުތަކަށް ޕެޖޭކް ވިއްކަން ރުހުން ދީފައިވާ ކުންފުންޏަކީ ވެސް ތޯމަސް ކުކް އެވެ. އެހެންވެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހާރު ޕެކޭޖް ގަނެފަ އެވެ. އެންއެފްއެލް އިން އަންނަނީ މިކަމުގައި ހަދާނެ ގޮތަކާ މެދު މަޝްވަރާކުރަމުންނެވެ.
މީހެ 178 އަހަރު ކުރިން އުފެދުނު، ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ބަނގޫޓްވީ ކުންފުނި ސަލާމަތްކުރަން ބޭނުންވާ 200 މިލިއަން ޕައުންޑް ހަމަނުޖެހުމުންނެވެ. އެމެޖެންސީ ޕްލޭނެއް ހެދުމަށް ފަހު ވަގުތު ކުރި މަސައްކަތުގައި ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ޗައިނާގެ ފޮސޫން އާއި އެހެން ހިއްސާދާރުންނާއި ކްރެޑިޓަރުންނަށް އެއްބަސްވުމަކަށް ނާދެވުނެވެ. އެއާ އެކު އެ ކުންފުނިން ބެންކްރަޕްސީ އިއުލާންކުރި އެވެ. އޭރު އެ ކުންފުނީ ޕެޖޭކްތަކާއި ޓިކެޓްތަކުގައި ހަ ލައްކައެއްހާ މީހުން ދިޔައީ ދަތުރުކުރަމުންނެވެ. އޭގެ ތެރެއިން އިނގިރޭސި ރައްޔިތުން އެނބުރި ގައުމަށް ގެންނަން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ތޯމަސް ކުކް އަކީ ރާއްޖެ އަށް ވެސް ގިނަ އަދަދަކަށް ޓޫރިސްޓުން ފޮނުވާ އޭޖެންޓެކެވެ. ރާއްޖޭގައި މިވަގުތު ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.