ލަންޑަން (ނޮވެމްބަރު 7) - ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަކީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި މެންޗެސްޓާ ސިޓީގެ ކާމިޔާބު ލީޑަރު ވިންސެންޓް ކޮމްޕެނީއާ އެއް ފެންވަރުގެ ކުޅުންތެރިއެއް ކަަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ފްރާންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީއާ އެކު ހަތް ފަހަރު ހޯދާފައިވާ މިހާރު އުމުރުން 35 އަހަރުގެ ސިލްވާ ޗެލްސީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފުރަތަމަ މެޗުގައި ވެސްޓް ބްރޮމް ކޮޅަށް ސިލްވާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހުން ސިލްވާ އަންނަނީ ޗެލްސީ ފަހަތުގައި ތަފާތު ދައްކަމުންނެވެ. ޕްރިމިއާ ލީގުގެ މިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ނޮމިނޭޓްވި އެވެ.

"ސިލްވާގެ ކެރިއަރަށް ބަލާއިރު އޭނާ އަކީ މޮޅު ޑިފެންޑަރުން ތެރޭގައި މި ކިޔާ ވެން ޑައިކާއި ކޮމްޕެނީ ލެވެލްގެ ކުޅުންތެރިއެއް. އެ ލެވަލް ޑިފެންޑަރުންނަކީ ފަހުގެ ފުޓްބޯޅައިގައި އާދަޔާހިލާފު ލީޑަޝިޕެއް ދެއްކި ކުޅުންތެރިން. ޑިފެންސިވް ޕެއާއެއްގައި ކުޅޭއިރު ދެން ހުންނަ ކުޅުންތެރިޔާގެ އެންމެ މޮޅު ކުޅުން ދައްކަން އެހީތެރިވާ ޑިފެންޑަރުން،" ލަމްޕާޑް ބުންޏެވެ.

ޗެލްސީ ކޯޗުކަމާ މިދިޔަ ސީޒަނުގައި ހަވާލުވެ ލަމްޕާޑަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ޓީމު ކޮޅަށް ވަންނަ ގޯލުތައް ހުއްޓުވުމުގަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑު ހޭދައެއް ކުރިއިރު، ޗެލްސީން ވަނީ ސިލްވާގެ އިތުރުން އިނގިރޭސި ވާތު ބެކް ބެން ޗިލްވެލް އާއި ސެނެގޯލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ގެނެސްފަ އެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ހަތް މެޗުގެ ތެރެއިން ވަނީ އެންމެ ގޯލެކެވެ. ލަމްޕާޑް ބުނީ ޑިފެންސިވް ރެކޯޑް ރަނގަޅުވުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ޕްރިމިއާ ލީގު ކަހަލަ ވާދަވެރި ދިގު ލީގެއްގައި އަހަރެމެންނަށް ނަތީޖާގެ ކޮންޓްރޯލް ދެމެހެއްޓޭނީ ރަނގަޅަށް ޑިފެންސް ކޮށްގެން. އެކަން މިހާރު މިދަނީ ކުރެވެމުން. ތަށި ހޯދާނަމަ އެންމެ މުހިއްމީ ފުރަތަމަ ޑިފެންސަށް އިސްކަން ދިނުން،" ލަމްޕާޑް ބުންޏެވެ.

ކުރިން ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިން ލަމްޕާޑް ބުނީ އޭސީ މިލާނަށް ވެސް ކުރިން ކުޅެފައިވާ ސިލްވާގެ ސަބަބުން ޗެލްސީ ފަހަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ ލައްވައި ކޮންމެ މެޗެއް ނުކުޅެވޭނެ ކަމަށެވެ. އެތުން ސީޒަނުގެ މުހިއްމު މެޗުތަކުގައި ސިލްވާ ފިޓްކޮށް ބަހައްޓަން ބޭނުންނަމަ ބައެއް މެޗުތަކުގައި އޭނާ ނުލައި ކުޅެން ޖެހޭނެ ކަމަށް ލަމްޕާޑް ބުންޏެވެ.

ލީގުގައި މިރޭ ޗެލްސީ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެލިގޭޝަނުގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.