އާ ޓުއާއަކާ އެކު އިނގިރޭސިވިލާތުގެ ލެޖެންޑްރީ ބޭންޑް "ރޯލިން ސްޓޯން" އަނެއްކާ އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.
"ސިކްސްޓީ"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓުއާއަކީ ޔޫރަޕުގައި ކުރިއަށް ގެންދާނެ ޓުއާއެކެވެ. ޔޫރަޕިއަން ޓުއާގައި ރޯލިން ސްޓޯން އިން ޖަރުމަނާއި އިޓަލީގެ އިތުރުން ލަންޑަނާއި ބްރަސެލްސް އަދި ސްވިޓްޒަލެންޑަށް ވެސް ދިޔުމަށް ހަމަޖެހިފައިވެ އެވެ.
އެތައް އަހަރެއް ވަންދެއް ފޭނުންގެ ހިތްތައް ހަމަޖައްސައިދެމުން އައިސްފައިވާ އެ ބޭންޑް މިފަހަރުގެ ޓުއާގައި 14 ޝޯއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. މި އަންނަ ޖޫން މަހުން ފެށިގެން އެ ޓުއާ ކުރިއަށްދާއިރު، އެ ޓުއާ އަކީ ބޭންޑަށް 60 އަހަރު ފުރުމުގެ އުފަލުގައި ކުރިއަށް ގެންދާ ޓުއާއެކެވެ.
މިކް ޖެގާ އާއި ކީތު ރިޗާޑްސް އަދި ރޮނީ ވުޑްގެ ބޭންޑު އެންމެ ފަހުން ބޮޑު ޓުއާއެއް ދީފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ. ނަމަވެސް "ނޯ ފިލްޓާ"ގެ ނަމުގައި އެ ބޭންޑުން މިދިޔަ އަހަރު ކުޑަ ޓުއާއެއް ބޭއްވި އެވެ. އެ ޓުއާ ކުރިއަށް ގެންދިޔައީ އެމެރިކާގަ އެވެ.
ހާޑް ރޮކް މުޅި ދުނިޔެ އަށް މަގުބޫލުކުރި ރޯލިން ސްޓޯން އަކީ 1960ގެ އަހަރުތަކުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ބޭންޑެކެވެ. އެ ބޭންޑްގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ގިއްމީ ޝެލްޓާ" އާއި "ޕެއިންޓް އިޓް ބްލެކް" އަދި "ޓަމްބްލިން ޑައިސް" ފަދަ ލަވަތައް ހިމެނެ އެވެ.