އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް ވަދެ ބަޑިން ހަމަލާދީ މަރާލި މީހުންގެ ތެރޭގައި ހިމެނޭ ޓީޗަރެއްގެ ފިރިމީހާ، އެކަމާ ހިތާމަކޮށްކޮށް މަރުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ދިން ހަމަލާތަކުގައި 18 އަހަރުން ދަށުގެ 19 ކުއްޖަކާއި އެ ކުދިންގެ ދެ ޓީޗަރަކު މަރާލި އެވެ.

އޭގެ ތެރޭގައި ޓެކްސަސްގެ ޔުވެލްޑީ ކިޔާ އަވަށުގައި ހުންނަ ރޮބް އެލިމެންޓްރީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ، އިރްމާ ގަރްސިއާ ވެސް ހިމެނެ އެވެ. އެ ސްކޫލުގައި ކިޔަވައިދެމުންދާތާ 23 އަހަރުވެފައިވާ އެ ޓީޗަރުގެ މަރާ އެކު، އޭނާގެ ފިރިމީހާ ޖޯ އަށް ކުރިމަތިވި ހިތާމަ ބޮޑެވެ. އަނބިމީހާގެ ޖަނާޒާގައި ބައިވެރިވެފައި ދިޔަތާ ގަޑިއެއްހާއިރު ފަހުން ޖޯ ވެސް މަރުވީ އެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް 24 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހަތަރު ކުދިން ތިބެ އެވެ. އެއީ 12-23 އަހަރާ ދެމެދުގެ ކުދިންނެވެ. އާއިލާއަށް ކުރިމަތިވި ހިތާމައިގެ ވަގުތު އެ މީހުންނަށް އެހީ ހޯދަން ގޯ ފަންޑް މީގައި ކެމްޕެއިނެއް ވެސް ފަށައިފަ އެވެ. މިހާތަނަށް ވަނީ 1.6 މިލިއަން ޑޮލަރު ލިބިފަ އެވެ. "ގޯ ފަންޑު މީ" ޕޭޖުގައި ބުނެފައިވާ ގޮތުގައި ޖޯ މަރުވީ ހިތާމާގައި ހިތް ހަލާކުވެގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖޯގެ އަނބިމީހާ އެންމެ ފަހު ވަގުތު ވެސް މަސައްކަތްކުރީ ސްކޫލްގައި ކުދިން ސަލާމަތްކުރާށެވެ.

ސްކޫލްގެ ތެރެއަށް ބަޑި ޖެހީ، އުމުރުން 18 އަހަރުގެ، ސެލްވަޑޯ ރާމޯސް ކިޔާ ޒުވާނެކެވެ. އެ ސްކޫލާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ރެސްޓޯރަންޓެއްގައި، ދުވަހު އުޖޫރަ އަށް މަސައްކަތް ކުރާ އެ ޒުވާނާ، އޮޓަމެޓިކް ރައިފަލަކާއި ގިނަ އަދަދެއްގެ ވަޒަން ހިފައިގެން ސްކޫލްގެ ތެރެއަށް ވަދެގެން ދިޔައީ، ވަޒަން ނާރާ ޒާތުގެ ޖެކެޓެއް ވެސް ގައިގައި އަޅުވައިގެންނެވެ. ވެހިކަލެއްގައި ސްކޫލް ކައިރިއަށް ގޮސް، ސްކޫލްގެ ބޭރަށް ވެހިކަލް ދޫކޮށްލުމަށް ފަހު، އެ ޒުވާނާ ސްކޫލްގެ ތެރެއަށް ބަޑި ޖަހަން ފެށި ސަބަބެއް ނޭނގެ އެވެ.