މި އަހަރުގެ މިހާތަނަށް ޓީބިލް ވިއްކި އަދަދު 30 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ކޮމާޝަލް ބޭންކުތަކަށް 16 ބިލިއަން ރުފިޔާގެ ޓީބިލް އަދި އެހެން މާލީ އިދާރާތަކަށް 13.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރަށް ވިއްކި ޓީބިލްގެ އަދަދު 100 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ވިއްކީ 26 ބިލިއަން ރުފިޔާގެ ޓީބިލެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، އެއް މަހުގެ މުއްދަތަށް ދޫކުރި ޓީބިލްގެ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ތިން މަހުގެ މުއްދަތަށް ވިއްކި ޓީބިލްގެ އަދަދު ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން ހަ މަހަށް ދޫކޮށްފައިވާ ޓީބިލްގެ އަދަދު 3.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި އެއް އަހަރަށް ދޫކުރި ޓީބިލްގެ އަދަދު 23 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އިސްލާމިކް އިންސްޓްރޫމަންޓްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވިއްކި އެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުން ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 66 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު ހުރީ 57 ބިލިއަން ރުފިޔާގަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލް އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.