ޓްރެޝަރީ ބިލްގެ ގޮތުގައި ސަރުކާރުން 2.2 ބިލިއަން ރުފިޔާ ވިއްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އަނބުރާ ދައްކާގޮތަށް މިދިޔަ ހަފުތާގައި ވިއްކާފައި ވަނީ 912 މިލިއަން ރުފިޔާގެ ޓީބިލަކާއި 230 މިލިއަން ރުފިޔާގެ ޓީބިލަކާއި 100 މިލިއަން ރުފިޔާގެ ޓީބިލް އަދި 980.5 މިލިއަން ރުފިޔާގެ ޓީބިލެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ ޓީބިލްތަކުގެ ތެރެއިން 912 މިލިއަން ރުފިޔާގެ ޓީބިލް ވިއްކީ 3.50 ޕަސެންޓު އިންޓްރެސްޓަކާއެކު އެއް މަހުން އަނބުރާ ދައްކާ ގޮތަށެވެ. ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް 230 މިލިއަން ރުފިޔާގެ ޓީބިލް ވިއްކީ 3.87 ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ.
ސަރުކާރުން ވިއްކި 100 މިލިއަން ރުފިޔާގެ ޓީބިލް ހަ މަސް ދުވަސް ތެރޭ އަނބުރާ ދައްކަން ޖެހެނީ 4.23 ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ. އަދި 980.5 މިލިއަން ރުފިޔާގެ ޓީބިލް އަނބުރާ ދައްކަން ޖެހެނީ 4.60 ޕަސެންޓު އިންޓްރެސްޓާއެކު އެއް އަހަރުގެ ތެރޭގަ އެވެ.
ފިނޭންސް މިނިސްޓްރީން ޓީބިލްގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ ޖުމްލަ ރުފިޔާގެ އަދަދު 29 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ އިރު، އަންނަ ހަފުތާއަށް ވެސް ވަނީ 1.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފަ އެވެ.
އަންނަ ހޯމަ ދުވަހު ރަސްމީކޮށް ވިއްކަން ހުޅުވާލާފައިވާ ޓީބިލްތަކުގެ ތެރޭގައި 554 މިލިއަން ރުފިޔާގެ ޓީބިލަކާއި 44 މިލިއަން ރުފިޔާގެ ޓީބިލަކާއި 233 މިލިއަން ރުފިޔާގެ ޓީބިލް އަދި 885 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
ސަރުކާރުން ޓީބިލް ވިއްކަނީ ހަތަރު މިންގަނޑެއްގެ ތެރެއިންނެވެ. އެއީ 28 ދުވަހާއި 91 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ދީފައިވާ މުއްދަތުގެ ތެރޭ އަނުބުރާ ނުދެއްކިއްޖެ ނަމަ، އިތުރުވާ ދުވަސްތަކަށް އިންޓްރެސްޓު ދާނީ ބޮޑުވަމުންނެވެ.