ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
އެ ސްކޫލުން ބުނީ ގްރޭޑް 8 އާއި 9 ގެ ދަރިވަރުންގެ ފަރާތުން 50،000ރ. ހާލުގައި ޖެހުނު މީހުންނަށް ހަދިޔާކޮށްފައި ވަނީ އެ ކުދިން، 2019 އާއި 2022 ގައި ބޭއްވި އޭބީއީ ފެއާ އިން ލިބުނު ފައިސާ އިން ކަމަށެވެ.
އެ ދަރިވަރުން ފައިސާ ހަވާލުކޮށްފައި ވަނީ ހާލުގައި ޖެހޭ މީހުންނަށް އެހީވަމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށެވެ. އެ ޖަމިއްޔާ އިން ވެސް ވަނީ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފަންޑް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެ ފަންޑަށް ވެސް 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިފައިވެ އެވެ.
އެ ޖަމިއްޔާގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ވެސް ވަނީ ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފަންޑެއް ހުޅުވާލައިފަ އެވެ. އެ ފަންޑަށް ވެސް 2.9 މިލިއަން ރުފިޔާ ލިބުނެވެ.
ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާތީ، އެ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.