އޮޓާވާ (މެއި 7) - ސީރިއާގެ ރެފިއުޖީ ދެމަފިރިން ކަމަށްވާ މުހައްމަދު އާއި އަފްރާ ބިލާން އެ މީހުންގެ ކުޑަ ދެ ކުދިންނާ އެކު ކެނެޑާ އަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ކެނެޑާ އަށް އެތެރެވާ ރެފިއުޖީންނަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަރަށް ހިތްޕުޅުހެވެ. އެހެންވެ ސީރިއާގެ ދެމަފިރިން ވެސް ތިބީ ބޮޑު ވަޒީރު ޓްރޫޑޯ އަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފަ އެވެ. އެންމެ ފަހުން އެ ދެމަފިރިން ނިންމީ އެ މީހުންނަށް އަލަށް ލިބުނު ދަރިފުޅަށް ޓްރޫޑޯގެ ނަމުން ނަން ދިނުމަށެވެ. ސީރިއާގެ ދެމަފިރިންނަށް ބުރާސްފަތި ދުވަހު ލިބުނު ދަރިފުޅަށް ކިޔާފައި ވަނީ ޖަސްޓިން ޓްރޫޑޯ އާދަމް ބިލާން އެވެ.
މުހައްމަދު، 29، ސީރިއާގެ އަދާކުރީ ބޯކޮށާ މީހެއްގެ ވަޒީފާ އެވެ. ސީރިއާ ސިފައިން އެއް ފަހަރަކު ވަނީ މުހައްމަދު ހައްޔަރުކޮށްފަ އެވެ. މިނިވަންވުމާ އެކު މުހައްމަދު އަނެއްކާވެސް ހައްޔަރުކޮށްފާނެތީ އެ އާއިލާ އިން ނިންމީ ސީރިއާ ދޫކޮށް ދިއުމަށެވެ. ބޮޑު ވަޒީރު ކަމަށް ޓްރޫޑޯ ވަޑައިގަތުމަށް ފަހު ސީރިއާގެ ރެފިއުޖީންނަށް ކެނެޑާ އިން މަރުހަބާ ކިޔާކަން އެނގުމުން މުހައްމަދު އާއިލާ ނިންމީ ކެނެޑާ އަށް ދިއުމަށެވެ.
"ކެނެޑާ ވަރަށް ރައްކާތެރި. ހަނގުރާމައެއް ނޯވޭ. ހުރިހާ ކަމެއް ވެސް ރަނގަޅު،" އަފްރާ ބިލާން ބީބީސީ އަށް ބުންޏެވެ.
އަފްރާ ބުނީ ކެނެޑާގައި ދިމާވި މައްސަލައަކީ އެ ތަނުގެ ފިންޏަށް ހޭނުން ކަމަށެވެ. އެކަމަކު މިހާރު ހުރިހާ ކަމެއް ހަމަޖެހި ފިރިމީހާ މުހައްމަދަށް ވެސް ތަރުކާރީ ފިހާރައަކުން ވަޒީފާ ލިބިފައިވާ ކަމަށް ބުންޏެވެ.
އަފްރާ ބުނީ ކެނެޑާގެ ބޮޑު ވަޒީރު ވަރަށް ހެޔޮ ކަމަށާއި އެ މީހުންގެ ދަރިފުޅަށް ބޮޑު ވަޒީރުގެ ނަމުން ނަންދިނީ ވެސް ޓްރޫޑޯ އަށާއި ކެނެޑާ ރައްޔިތުންނަށް ޝުކުރު އަދާ ކުރަން ކަމަށެވެ.
ޓްރޫޑޯ އަށް ނޮވެމްބަރު 2015 ގައި ބޮޑު ވަޒީރުކަން ލިބިވަޑައިގެންނެވި ފަހުން މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ސީރިއާގެ 40،000 އަށް ވުރެ ގިނަ ރެފިއުޖީން ކެނެޑާގައި ވަޒަންވެރި ކުރުވާފައިވެ އެވެ. ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު ފަހުކޮޅު މަނާކުރުމާ ގުޅިގެން ޓްރޫޑޯ ވަނީ އެމެރިކާ އިން ފޮނުވާލާ ރެފިއުޖީންނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ.