މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ތައާރަފްކޮށްދޭކަށް ނުޖެހޭނެ އެވެ. އޭނާ ޝޯއެއް ނުދޭ ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. އެހެންވެ ސުނީގެ އެއް ހުވަފެނަކަށް ވެފައި އޮތީ ރާއްޖެއިން ބޭރުގައި ޕަފޯމް ކުރުމެވެ. އެކަން ހަގީގަތަކަށް ވަނީ އެވެ.
ސުނީ މިހާރު އަންނަނީ އަވަށްޓެރި ސްރީ ލަންކާގައި ޕަފޯމް ކުރަން ތައްޔާރުވަމުންނެވެ. އެއީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޝޯ އޮންނާނީ 23 ކަވިރަޓްނަ ޕްލޭސްގަ އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ބާއްވާ ޝޯއެއްގައި ޕަފޯމް ކުރުމުގެ ފުރުސަތު، ލިބި މިކަމުގެ ތައްޔާރީތައް ސުނީ މިހާރު ވަނީ ފަށައިފަ އެވެ.
ރާއްޖޭން ބޭރުގެ ސްޓޭޖެއްގައި ހުނަރު ދައްކާލަން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުރި ކަމެއް ރާއްޖޭން ބޭރުގެ ސްޓޭޖެއްގައި ޕަފޯމްކޮށްލަން ލިބުމަކީ،" ބޮލީވުޑް/ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގެ އެންމެ ބޮޑު ފޭން ބުންޏެވެ. "މި ފުރުސަަތު ލިބުނީމަ ވަރަށް އުފާވެ، ހިތްހަމަޖެހިފައި މިހީރި. ރާއްޖެ އެމްބަސީ އަށް ޝުކުރު ވެސް އަދާ ކުރަން."
ސުނީ ބުނީ އޭނާ އަށް ލަންކާގައި ޕަފޯމް ކުރަން ފުރުސަތު ލިބުނީ އޭނާ އަށް ޕްރިޔަންކާގެ ނުފޫޒު އައިސްފައި އޮތްލެއް ބޮޑުކަމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އެހެންވީމާ އެކޮޅުގައި ބޮޑަށް ޕަފޯމް ކުރާނީ ވެސް ޕީސީގެ ލަވަތަކަށް. އެކަމަކު އަމިއްލަ ބައެއް ލަވަތަކަށް ވެސް ޕަފޯމް ކުރާނަން. ވަރަށް އުފަލުން މިހިރީ ރާއްޖޭން ބޭރުގެ ސްޓޭޖަކުން ފުރުސަތު ލިބުމުން،" ސުނީ ބުންޏެވެ. "މިއީ އިތުރަށް ކުރިއަށް ދާން އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް އުންމީދު ކުރަނީ."
އޭނާ ބުނީ ލަންކާގައި ދޭ ޝޯގައި އޯޑިއަންސް އޮންނާނެ ގޮތެއް އަދި ނޭނގޭ ކަމަށެވެ.
"ރާއްޖޭ އެމްބަސީން އޮގަނައިޒް ކުރާ އެއްޗަކަށްވީމަ ބޮޑަށް ގަބޫލު ކުރެވެނީ މީތި ބޮޑަށް ބަލާނީ ލަންކާގައި އުޅޭ ދިވެހިން ކަމަށް،" ހިތް ދީވާނާގެ ނަމުގައި ސިލްސިލާ ވީޑިއޯ ސީޑީތަކެއް ވެސް ނެރެމުން އަންނަ ނެށުންތެރިޔާ ބުންޏެވެ. "އެކަމަކު ދެން އޯޑިއަންސް ބޭނުންވާ ގޮތަށް ޕަފޯމް ކުރާނީ."
ސުނީ ބުނީ ލަންކާގައި ޕަފޯމް ކުރަން ފުރުސަތެއް ލިބުނީ އޭނާގެ ޝެޑިއުލް ވަރަށް ބޮޑަށް ފުލްވެފައި ވަނިކޮށް ކަމަށެވެ. މިއީ ބޮޑު ބަންދު ކަމަށްވާތީ ކުރިއަށް އޮތް ދެ މަސް ދުވަހަކީ އޭނާ އެންމެ ބޮޑަށް ބިޒީވާ ދުވަސްވަރެވެ.
"އަސްލު ފުރަތަމަ ލަންކާގައި ޕަފޯމް ކުރަން ދައުވަތު ލިބުނީ މި މަހުގެ ވިހީގައި. އެކަމަކު ވިހީގައި މާލޭގައި ޝޯއެއް އޮންނާތީ ނަވާރަ އަށް ހަމަޖެއްސީ. އެންމެ ދުވަހަކަށް މި ދަނީ ވެސް،. ހިތާނީ މޫސުމާ ވެސް އެކު ވަރަށް ބިޒީކޮށް މި އުޅެނީ،" ސުނީ ބުންޏެވެ. "ނަވާރައިގައި ޝޯ ދީފައި ހަމަ މަޑު ނުކޮށް އަންނާނީ."
"ހިތް ދީވާނާ 7" ގެ މަސައްކަތް ވެސް ކުރަމުން އަންނަ ސުނީ ބުނީ އަންނަ ޑިސެމްބަރު މަހު މުމްބާއީގައި ޕްރިޔަންކާއާ ބައްދަލު ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"އެހެންވީމާ އެއަށް ވެސް ވަރަށް ބޮޑަށް ލުކްފޯވާޑް އެބަ ކުރަން. ޑިސެމްބަރުގައި ޕީސީއާ މީޓްވާނެ ކަމުގެ ޔަގީންކަން އޭނާގެ ޓީމުން ވެސް ލިބިފައި އޮތީ،" ސުނީ ބުންޏެވެ.