އާދައިގެ މަތިން މިފަހަރު ވެސް ނެށުންތެރިޔާ ސުނީތާ އަލީ އޭނާގެ އައިޑޮލް، ޕްރިޔާންކާ ޗޯޕްރާގެ އުފަން ދުވަހު އޭނާ އަށް ދިން "އަގުބޮޑު ހަދިޔާ" އަކީ އަމިއްލަ އަށް ޕާފޯމްކޮށްފައިވާ ވީޑިއޯ ލަވައެކެވެ. އެކަމަކު މި ލަވަ ސުނީގެ އެހެން ހުރިހާ ލަވަތަކަކާއި ޕީސީއަށް ހަދިޔާކުރި އެހެން ހުރިހާ ލަވަތަކަށްވުރެ މައްޗަށް އަރައިގެންދާ ސަބަބުތަކެއް އޭގައި އެބަވެއެވެ.
ސުނީތާ އަމިއްލަ އަށް ކޮންސެޕްޓް ހަދައިގެން އަމިއްލަ އަށް ޑައިރެކްޓްކޮށް އޭނާގެ އޮން ސްކްރީން ޑާލިން، ޑިސްކޯ އަބްދުﷲއާ އެކު ޕާފޯމްކޮށްފައިވާ މި ލަވައަކީ އޭގެ ފަންނުވެރިކަމަށް ބަލާއިރު ސުނީގެ އެހެން ލަވަތަކަށްވުރެން މަތިން ފިޔަޖަހަމުން އަންނަ ލަވައެކެވެ. "މައި ނޭމް އިޒް ޕީސީ" ގެ ނަން ދީފައިވާ މި ލަވައިގެ އަޑުގެ ވެރިން ހާއްސަވުމަކީ ވެސް ސުނީގެ ބުރަ މަސައްކަތަށް މިފަހަރު ލިބޭ ޕްލަސް ޕޮއިންޓެކެވެ.
ނިކަން ކެޗީ ޓިއުނަކަށް ފެތިގެންދާ މި ލަވައިގެ އަންހެން އަޑަކީ 90ގެ އަހަރުތަކުގައި ދިވެހި މިއުޒިކްގެ އުދަރެހުގައި ރަނިކަންކުރި ގަދަފަދަ އަޑުގެ ވެރިޔާ ފަޒީލާ އާމިރު އެވެ. އެހެންވީމަ ޕްރިޔާންކާއަށްޓަކައި ފަޒީލާ އާމިރު އެ ހުރީ ރިޓަޔާމަންޓުން އުފުއްލާލައިގެން ގެނެސްފަ އެވެ.
ފަޒީލާއާ އެކު ދެން މި ލަވަ ކިޔައިދީފައި ވަނީ ވޮއިސް އޮފް މޯލްޑިވްސް ކާމިޔާބުކޮށްފައިވާ ލަވަކިޔުންތެރިޔާ ތޮލާއެވެ.
ސަމާސާ ގޮތެއް އޭގައި ހިމަނާފައިވާ މި ލަވަ ލިޔުނީ ވެސް ތޮލާއެވެ. ލަވައިގައި ޑިސްކޯ އުޅެނީ ސުނީ އަށް ކިޔާ ނަން ހޯދުމަށެވެ. އެ ހިސާބުން ސުނީގެ މި ލަވަ ދެން ގޮސް ގުޅުވައިލަނީ ދިވެހިންނާ ރައްޓެހި ބޮލީވުޑުގެ މަޝްހޫރު ތަރިންގެ ނަންތަކާ އެވެ. ހަމަ އެގޮތަށް ޑިސްކޯ އަށް ކިޔަނީ ކޮން ނަމެއްތޯއޭ ކިޔާފައި ޓީޒްކުރަމުން ގޮސް ސުނީ ވެސް އަމުނާލަނީ ބޮލީވުޑްގެ މަޝްހޫރު ނަން ލިސްޓެކެވެ.
ސުނީތާ ބުނީ ޕްރިޔާންކާގެ 35 ވަނަ އުފަން ދުވަހަށް މި ލަވަ މުޅިން ހާއްސަކޮށްފައިނުވިޔަސް މި ލަވަ ނިސްބަތްވާ އޭނާގެ ހިތްދީވާނާ އަލްބަމަކީ ސީދާ ޕްރިޔާންކާ އަށް ހާއްސަކޮށްފައިވާ އަލްބަމެއް ކަމަށެވެ.
އުފަން ދުވަސް ފާހަގަކުރަން ޕްރިޔާންކާ އޭނާގެ އާއިލާއާ އެކުގައި ރާއްޖެ އައިސްގެން އުޅޭއިރު ސުނީ ބުނަނީ މިފަހަރު ޕްރިޔާންކާ އަށް އުނދަގޫކުރަން އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވާ ކަމަށެވެ.
"ވަރަށް ޕްރައިވެސީ ދީގެން މި ހުންނަނީ އޭނަގެ އުފަން ދުވަސްވީމަ. އޭނަ ޗުއްޓީ އަށް ގޮސްގެން އުޅޭ ރިސޯޓު ވެސް އެނގޭ. އެކަމަކު މަށެއް ނުބުނާނަން،" ސުނީ ބުންޏެވެ.