(އާދިއްތަ ދުވަހާ ގުޅޭ)

"ކާފާ!" އަންޖަލް ހަޅޭއްލަވައިގަތެވެ. 

ނިޒާރަށް އަޑުއިވިގެން ދުވެފައި އައެވެ. ހައިރާންވެ ހުރެގެން ތާމިރު ވެސް އައެވެ. ނިޒާރު ދޮރުގައި ހިފި އިރު ދޮރު ހުރީ ތަންޑުއަޅައިފައެވެ. އޭރު ވެސް އަންޖަލް ގޮވާ އަޑުއިވެއެވެ. 

"ކިހިނެއްވީ ދަރިފުޅާ؟" ދޮރުގައި ޓަކިޖަހައިލަމުން ނިޒާރު ބުންޏެވެ. "މި ދޮރު ހުޅުވަބަލަ!"

ބަނޑުގައި އަތްއަޅައިގެން، ގުދުވެ އޮވެގެން އަންޖަލް ގޮސް ދޮރު ހުޅުވިއެވެ. އަންޖަލް އަށް ހީވީ ބަނޑު ފަޅައިލައިފައި އެއްޗެއް ނުކުންނަނީ ހެންނެވެ. 

"އަހަރެން ހޮސްޕިޓަލަށް ގެންދޭ!" ވޭނަށް ކެތްކުރަމުން އަންޖަލް ބުންޏެވެ. "ބަނޑަށް ތަދުވަނީ!"

ނިޒާރު ވަގުތުން މަސައްކަތް ފެށިއެވެ. އެންބިއުލަންސަކަށް ނުގުޅުނެވެ. ލިބުނީ ޓެކުސީއެކެވެ. އަންޖަލް ފަހަތު ސީޓުގައި ބައިންދާފައި، ޖެހިގެން ދިމްނާ އިށީނެވެ. އަންޖަލްގެ ދަރިފުޅު އުރައިގެން އިނީ ދިމްނާއެވެ. ކާރަށް ދެން އަރަން އުޅުނީ ތާމިރެވެ. 

"ކީއްކުރަންތަ ތާމިރު ތި އެރީ؟" އަންޖަލް ހަޅޭއްލަވައިގަތެވެ. 

ތާމިރު މަޑުމަޑުން ފޭބުމުން ޝާފިޔާ އެރިއެވެ. ކާރު ދުއްވައިލިއެވެ. އަންޖަލް އުޅެނީ ތަދުވާ ވަރުން އިންނާނެ ގޮތެއް ނޭނގިގެންނެވެ. ހީވަނީ ބަނޑު ތެރެއިން ވަކި ދިމާއެއްގައި ތޫނު އެއްޗަކުން ޅިޔައަޅާ ހެންނެވެ. 

"ތަންކޮޅެއް ބާރަށް ދުއްވަބަލަ!" އަންޖަލް މަޑުމަޑުން ބުންޏެވެ. 

"ކިހިނެއްތަ ވީ ދަރިފުޅާ؟" ނިޒާރު ފަހަތަށް އެނބުރިފައި އެހިއެވެ. "ހަމަ ކުއްލިއަކަށްތަ ތަދުވާން ފެށީ؟"

"އާނ ކާފާ! މީތި ޖެހޭނީ ނަގަން،" އަންޖަލް ބުންޏެވެ. "އެހެން ނޫނީ އަހަރެން ވިހަވާނޯ!"

"އޭނ؟ ކާކު އެހެން ބުނީ؟" ނިޒާރު ސުވާލުކުރިއެވެ. "ދަރިފުޅަށް ކިހިނެއް އެނގެނީ އެއްޗެއް އޮތް ކަމެއް؟ ތި ވެދާނެ ބަނޑުހައިވެގެން ގޭސްވީކަމަށް ވެސް."

"ނޫނެކޭ ކާފާ!" އަންޖަލް ބުންޏެވެ. "އޭނަ ބުންޏޭ މި ނަގާށޭ ޖެހޭނީ."

"އަޖައިބެއްނު! ކާކުހޭ ބުނީ؟" ނިޒާރު އަނެއްކާ ވެސް އެހިއެވެ. "ހޮސްޕިޓަލުން އައި ގޮތަށް ގެއަށް އައީ. ދަރިފުޅު ގޮސް ވަނީ ކޮޓަރިއަށް. ޑޮކްޓަރަކަށް ދަރިފުޅުގެ ނަންބަރެއް ނުވެސް އެނގޭނެ. ދެން ކިހިނެއް..."

"ޑޮކްޓަރެއް ނޫނޭ! ބަރުގާންއޭ ބުނީ." ތަދުވާ ވަރުން އެހެން ކަމަކަށް ވިސްނައިނުލެވި އަންޖަލްއަށް ބުނެވުނެވެ. 

"އަނެއްކާ އެ ކަލޭގެ އައީ؟" ނިޒާރު ހައިރާންވެފައި ބުންޏެވެ. "ދަރިފުޅު ފެންފުޅި އެއްކޮށް ބުއިންތަ؟"

އަންޖަލް އޯކަށް ދެމެން ފެށިއެވެ. ޑުރައިވަރު ވަރަށް ހުސިޔާރެވެ. ވަގުތުން ކޮތަޅެއް ނަގައިފައި ދިއްކޮށްލިއެވެ. ހޮސްޕިޓަލަށް މަޑުކުރި އިރު ވެސް އަންޖަލްއަކަށް ހޮޑެއް ނުލެވެއެވެ. ވަރަށް އޯކަށް ދެމުނެވެ. އަންޖަލް ވެއްދީ އިމަންޖެންސީ ރޫމަށެވެ. ވެއްދުމުގެ ކުރިން ދަރިފުޅާ ބެހޭ ގޮތުން އެއްޗެއް ބުނަން އަންޖަލް އުޅުނެވެ. އެހެނަސް ވަގުތެއްނުލިބުނެވެ. ތާމިރު އައި އިރު އަންޖަލް ފެންނާކަށް ނެތެވެ. ވަން ގޮތަށް ތާމިރު އައީ އަންޖަލްގެ ދަރިފުޅު އުރައިގެން އިން ދިމްނާ ގާތަށެވެ. 

"ދީބަލަ އުރާލަން،" ތާމިރު ބުންޏެވެ. "މީނައަށް ކިޔާނެ ނަމެއް އަހަރެން ވިސްނައިފީމޭ! ހުސްނާ ކިޔަމާ!"

ނިޒާރު ވަރަށް ހިތްހަމަނުޖެހުނެވެ.

ހިތަށްއެރިއެވެ. އަންޖަލްގެ ހާލު އަހައިނުލި ތަނުގައި، ކުއްޖާއަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަން މީ ކޮން ވަގުތެއް ހެއްޔެވެ؟ ދިމްނާ އިނީ ތާމިރު ބުނި އެއްޗެއް ނީވޭ ކަމަށް ހެދިގެންނެވެ. އެހެން އިންދައި ކުއްލިއަކަށް ތާމިރު ކުއްޖާ ދަމައިގަތެވެ. 

"ނަންކިޔުމުގެ ހުރިހާ ކަމެއް އަހަރެން ހަމަޖައްސާނަން،" ވަރަށް އުފާވެފައި ތާމިރު ބުންޏެވެ. "މީނަ ގޮވައިގެން ކުޑަކޮށް ހިނގާލާފަ އަންނަންތަ؟ މި ތާ އެތެރޭ ފާޑުފާޑުގެ ބަލިތައް އުޅޭނެ. ބޭބީއަކަށް ކަމަކު ނުދާނެ. މި ތާ އަހަރެންގެ ދައްތައެއް އެބަ އޮތް ބާއްވާފައި. އޭނައަށް ބޭބީ ދައްކާލާފަ އަންނާނަން."

"މި ތާ އެތެރޭ ފާޑުފާޑުގެ މީހުން ވެސް އުޅޭނެ،" ދަރިފުޅު އަތުލަމުން ދިމްނާ ބުންޏެވެ. "ކޮއްކޮ ގޮވައިގެން އަހަރެން ހިނގާލަފާނަމޭ! ކިހާ ލޯބިކޮށް ނިދާލާފަ މި އޮތީ. ނުވެސް ރޮއި."

ތާމިރު އުޅުނީ އަނެއްކާ ވެސް ކުއްޖާ އަތުލާށެވެ. އޭގެ ކުރިން ތާމިރު ގޮވައިގެން ނިޒާރު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދައްކާ ވާހަކަ އެހެން ކުދިންނަށް ނީއްވުމަށް ޓަކައެވެ. 

"ތާމިރު ދިނީ ރަނގަޅު ފެނެއްތަ؟" ނިޒާރު މަޑުމަޑުން އެހިއެވެ. 

"އާނ! އެއަކު ނޯންނާނެ އެއްވެސް މައްސަލައެއް،" ޔަގީންކަމާ އެކުގައި ތާމިރު ބުންޏެވެ. "ސީދާ އަހަންނޭ ކިޔެވީ ވެސް. ކިޔެވި އިރު ވެސް ޖިންނިއެއް އުޅުނު އަހަންނަށް އުނދަގޫ ކުރަން. އެންމެ ފަހުން ބަލިވެގެން ދާން ޖެހުނީ."

"ޔަގީން ދޯ ފެނުގެ ކަމެއް ނޫންކަން؟" ނިޒާރު ސުވާލުކުރިއެވެ. 

"ތިހެނެއް ނުބުނާނަން،" ތާމިރު ޖަވާބުދިނެވެ. "ފަހަރެއްގަ ވެދާނެ ފެން ދިނީމަ ބަނޑުގަ ހުރި އެއްޗެއް ސާފުވަނީ ކަމަށް ވެސް. އެ އެއްޗަކަށް ބަނޑަކު ނޯވެވޭނެ. ހޮޑުލެވިއްޖެއްޔާ ފެންނާނެ. އަސޭމިރުސް ފުކެއް ވަރުގެ ކަޅު އެތިފުކެއް އޮންނާނީ."

އެ ވަގުތު ޑަކުޓަރު އައެވެ. އެހީތެރިއެއްގެ ގޮތުން އައީ ނިޒާރު ވީމައި، ނިޒާރުއަށް ގޮވިއެވެ. ކޮޓަރިއަކަށް ގެންގޮސް، އިރުކޮޅެއް ވަންދެން ވާހަކަ ދައްކާފައި ޑަކުޓަރު އެދުނީ ކަރުދާހު މަސައްކަތްތައް އަވަހަށް ނިންމައިލުމަށެވެ. ނިޒާރު ނުކުތް އިރު ތާމިރު ދޮރުމަތީގައި ހުއްޓެވެ. 

"ކީކޯ؟" ތާމިރު އެހިއެވެ. 

"ފުރަތަމަ ސްކޭންހަދާފަ، ދެވަނަ ސްކޭނެއް ހަދަން ވައްދާފަޔޯ ވީ،" ނުތަނަވަސްކަމާ އެކުގައި ނިޒާރު ބުންޏެވެ. "ލަފާކުރެވެނީ ޓިއުމަރެއް ކަމަށޯ! ވަރަށް ބޮޑޯ! ނަގާށޯ ޖެހޭނީ. ޑޮކްޓަރު ވެސް ހައިރާންވެފަ ހުރީ ކުއްލިއަކަށް އެހާ ބޮޑުވީމަ."

"ކިތަންމެ ބޮޑަސް، ނެގީމަ ދެން އެ ކަން ނިމުނީނު!" ތާމިރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ކޮން ކަމަކާ ހާސްވާންވީ؟ ކޮންމެ އަގެއް ދޭން ޖެހުނަސް އަހަރެން ހުއްޓާ ނިޒާރު ނުޖެހޭނެ ހާސްވާކަށް."

"އެ ކަމަކާ ހާހެއް ނުވެއޭ!" ކައިރީގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން ނިޒާރު ބުންޏެވެ. "އަންޖޫއަށް ކިހިނެއް އެނގުނީ އެއްޗެއް އޮތްކަން؟ ނަގަން ޖެހޭކަން؟ ކޮންމެވެސް ބަގުރާނެއްތޯ ލަމުރާނެއްތޯ މީހަކު ބުންޏޯ އޭތި ނަގާށޭ ޖެހޭނީ. ސީދާ ޓިއުމަރެކޭ ނުބުނޭ!"

ތާމިރު ވިސްނަން ފެށިއެވެ. ނިޒާރު މީހެކޭ ބުންޏަސް އެއީ މީހެއް ނޫންކަން ތާމިރަށް ވިސްނެއެވެ. 

"ތި ޖެހުނީ ދެވަނަ ފެންފުޅިއަކަށް ދާން،" ތާމިރު ބުންޏެވެ. "އަހަންނަށް ޔަގީން އަންޖޫ އެ ފެނެއް ނުބޯކަން. ބުއި ނަމަ، ތި ބުނާ މީހެއް ނުފެންނާނެ. އޭނައަށް މިހާރު ހުންނާނީ އަންޖޫ ގެއްލިފަ. އަންޖޫ ފެންފުޅި ނުބޮނީ، އެހެން ނޫނީ ފެންފުޅި ބަދަލުވީ. ފުޅި ހިފައިގެން ދިޔަ ގޮތަށް ގޮސް އަންޖޫއަށް ދޯ ދިނީ؟ އެއްވެސް ތާކު މަޑުކުރިންތަ؟"

ނިޒާރު ވިސްނައިލިއެވެ. ތާމިރު އެހެން ބުނުމުން ނިޒާރު ބަލި ހަނދާނެއްވިއެވެ. ރެސްޓޯރަންޓަށް ވަދެ އިށީންނަމުން ނިޒާރު ފެންފުޅި ބެހެއްޓީ މޭޒުމަތީގައެވެ. ކޮންމެވެސް މީހެއްގެ އަތުން ފެންފުޅީގައި ޖެހިފައި ފުޅި ވެއްޓުނެވެ. އެ މީހާ ވަގުތުން ފުޅި ނަގާފައި މޭޒުމަތީގައި ބަހައްޓާފައި ދިޔައީއެވެ. އެ ތަނުން ނިޒާރު ނުކުތް އިރު، ފެންފުޅި ވަރަށް ފިންޏެވެ. ތާމިރު ދިން ފުޅި ފިންޏެއް ނޫނެވެ. އެހެނަސް ފުޅީގެ ސައިޒާއި ވައްތަރު ހަމަ އެކައްޗެކެވެ. ނިޒާރު ނިންމީ ތަނުގެ އޭސީއިން ފެންފުޅި ފިނިވީކަމަށެވެ. 

"ޝައްކުވާ ކަހަލަ ގޮތަކަށް އެ ކަން ދިޔައީ،" ނިޒާރު ބުންޏެވެ. "މިހާރު ހަމަ ޔަގީން. އެހެން ފުޅިއެއް އަންޖޫއަށް ދެވުނީ."

ތާމިރަށް ފޯނެއް އައިސްގެން ފޯނަށް ބަލައިލާފައި ތާމިރު ދުރަށް ޖެހިލިއެވެ. ނިޒާރު ދިޔައީ، އަންޖަލްގެ އޮޕަރޭޝަނާ ބެހޭ ގޮތުން ނިންމަންޖެހޭ ލިޔެކިޔުމުގެ ކަންކަން ނިންމާށެވެ.

ދެ ގަޑިއިރަށް ފަހު ނިޒާރުއާ ޑަކުޓަރު ބައްދަލުކުރިއެވެ. ޑަކުޓަރުގެ މޫނު ފެނުމުން ނިޒާރުގެ ހިތްއަވަސްވިއެވެ. ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫންކަން ޔަގީންވިއެވެ. އެހެނަސް، ލިބުނީ އުފާވެރި ޚަބަރެކެވެ. އޮޕަރޭޝަން ކާމިޔާބެވެ.

"ބޮޑު ޓިއުމަރެއް ނެގީ،" ޑަކުޓަރު ބުންޏެވެ. "ގާތްގަނޑަކަށް އެއް ކިލޯ ހުރި. ނަސީބެއް އަވަހަށް ގެނައިކަން. ތަންކޮޅެއް ލަސްވި ނަމަ ވަރަށް ސީރިޔަސް ވީސް. އެއީ އިންބޯން ޓިއުމަރެއް. މާނައަކީ، ބޭބީއާ އެއްކޮށް އުފެދުނު އެއްޗެއް އެއީ. އެކަމަކު އެއްވެސް ސްކޭންއަކަށް ނާރާ. އެހެން ވެގެނެއް ނުވާނެ އެކަމަކު ވެފަ މި އޮތީ. މި ދާއިރާގަ މި ކަހަލަ ކަންކަން މަދުމަދުން ދިމާވޭ!"

ޑަކުޓަރު އިތުރަށް ބުނި ގޮތުގައި އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ޓިއުމަރެކެވެ. ނިޒާރަށް ޓިއުމަރު ދެއްކިއެވެ. ފެން އަޅާފައިވާ ފުޅިއެއް ތެރޭގައި އޮތް އިރު، ނިޒާރުއަށް އެ ޓިއުމަރު ވައްތަރުވީ އާދަޔާ ހިލާފު ބޯވައަކާއެވެ. ފައިތައް މަޑުމަޑުން ހަރަކާތްކުރާ ހެން ވެސް ނިޒާރަށް ހީވިއެވެ. 

"އިރުކޮޅަކުން ޕޭޝަންޓު ގެންދާނެ ރޫމަށް." ޑަކުޓަރު ބުންޏެވެ. 

ކޮޓަރިއަށް ގޮސް އަންޖަލްއަށް އިންތިޒާރުކުރަން ތިބިތިބުމުގައި، ތާމިރު ގާތުގައި އެ ވާހަކަ ބުނުމުން ތާމިރުގެ ދެލޯ ބޮޑުވި ތަން ނިޒާރަށް ފެނުނެވެ. 

"ބޯވައަކާއޭ ވައްތަރީ؟" ތާމިރު އެހިއެވެ. "ތިހެން ވިއްޔާ އަހަރެން ދިން ފެން އަންޖޫއެއް ނުބޮއި. ޔަގީން ކަށަވަރު. އެބަ އަންނަން."

ތާމިރު ދިޔަ ގޮތަށް ކޮޓަރިން ނުކުތެވެ. ފަހަތުން ނިޒާރު ވެސް ނުކުތެވެ. އޭރު އަންޖަލް ގެންނަނީއެވެ. އެނދު ވައްދަން ދޮރު ހުޅުވައިދިނީ ނިޒާރެވެ. އަންޖަލް އޮތީ ލޯ ހުޅުވައިގެންނެވެ. މޫނުމަތީގައި ހުރީ ވަރުބަލިކަމެވެ. އެނދު ގެނައި ތިން އަންހެނުންގެ ތެރެއިން އެކަކު އަތުގައި، ޓިއުމަރު ލާފައިވާ ފުޅި އޮތެވެ. 

"މި ގެންދާނީ ލެބަށް،" އޭނަ ބުންޏެވެ. "ރިޕޯޓު ލިބުނީމަ ގުޅާނެ. ބޭނުންތަ ފޮޓޯއެއް ނަގަން؟"

ނިޒާރު ފޮޓޯނަގަން އުޅުނު ވަގުތު އަންޖަލް އަތުގެ އިޝާރާތުން ފޮޓޯ ނުނަގަން އެދުނެވެ. ސަބަބެއް އަންޖަލް ނުބުނެއެވެ. އަންޖަލް ހަނދާންވީ، ފާލަން ކައިރީގައި ތާމިރު މަސްބާނަން ހުއްޓައި، ފާލަން މައްޗަށް އެރި ބޯވައެވެ. އެ ބޯވަ އާއި ޓިއުމަރާ ދެމެދު އޮތް ގުޅުމެއް އަންޖަލްއަކަށް ނޭނގެއެވެ. އެނގެނީ ކިހައި ވައްތަރުކަމެވެ. 

ހިތްއަވަސްވެފައިވާ ތާމިރު ސައިކަލަށް އަރައިފައި ބާރަށް ދުއްވައިލިއެވެ. މަގުމަތި އަމާން ގަޑިއެކެވެ. އޭގެ ފައިދާ ނަގައި، ގޯޅިއަޅަން އަނބުރައިލީ ވެސް މަޑުނުކޮށެވެ. ނުބައި ވަރަކަށް ސައިކަލު އެނބުރިފައި ހުއްޓައި، ތުނި ކޮތަޅަކަށް ފުރޮޅު އެރިއެވެ. ކައްސައިލިއެވެ. ކޮންޓުރޯލުން ނެއްޓިއެވެ. ހޫރެމުން ގޮސް ދުވާރަށް ސައިކަލު އަރައި، ފާރުގައި ޖެހުނެވެ. ތާމިރު ވެއްޓުނެވެ. ވީ ގޮތެއް ތާމިރަކަށް ނޭނގުނެވެ. ދެފައި އައްސިވިކަން އެނގުނެވެ. ތެދުވަން އުޅެއުޅެ ނުއެއް ތެދުވެވުނެވެ. ފަޔަކު އެއްވެސް ވަރެއް ނެތެވެ. (ނުނިމޭ)