އަންނަ އަހަރުން ފެށިގެން މާލޭ ލީގު ފުޓްބޯޅަ މުބާރާތް ނުބާއްވަން ނިންމައި ފުޓްބޯޅަ ސީޒަނުގެ ތެރެއިން ކްލަބްތަކާއި ކުޅުންތެރިންނަށް ނޭވާލާނެ ޖާގަތަކެއް ދޭން އެފްއޭއެމުން އާ ގޮތްތަކެއް ރާވައިފި އެވެ.
އަދި މި އަހަރުގެ ސީޒަން ވެސް އެކި ސަބަބުތަކާ ހެދި ދިގުލާފައިވާތީ މި އަހަރު ޕްރެޒިޑެންޓްސް ކަޕް ނުބާއްވާ ގޮތަށް ވެސް ވަނީ ނިންމައިފި އެވެ.
މާލޭ ލީގަކީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މުބާރާތެކެވެ. އެ މުބާރާތުގައި އަށް ޓީމު ވާދަކޮށް ދެ ބުރު ކުޅެ ޕްރިމިއާ ލީގަށް ހޮވެނީ ހަ ޓީމެވެ. އަނެއް ދެ ޓީމަށް އެ ހިސާބުން ސީޒަން ނިމެ އެވެ. އެފްއޭއެމުން 2001 ވަނަ އަހަރު ތައާރަފްކުރި މާލޭ ލީގު 2007 ގައި ބާއްވާފައި ވެސް ހުއްޓާލި އެވެ. އަލުން ފެށީ މިދިޔަ އަހަރެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ މާލޭ ލީގު އުވާލައި ފުޓްބޯޅަ ކަލަންޑަށް ގެންނާނެ ސީދާ ބަދަލުތައް ފައިނަލްކުރާނީ އަދި ކްލަބްތަކާ އެކު މަޝްވަރާގެ ބުރެއް ބާއްވާފައި ކަމަށެވެ.
އުސޫލެއްގެ ގޮތުން މިހާރު ކަނޑައަޅާފައިވަނީ ޕްރެޒިޑެންޓްސް ކަޕުން ސީޒަން ފެށުމަށެވެ. އޭގެ ސަބަބުން އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމަށް އެ މުބާރާތުގެ ކުރިން ވާދަވެރި މެޗުތަކެއް ލިބޭނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު ޕްރިމިއާ ލީގު ބާއްވާއިރު، ސީޒަން ނިންމާނީ އެފްއޭ ކަޕުންނެވެ. ސީޒަން ދެމިގެންދާނީ ނުވަ މަސް ދުވަހަށެވެ.
އެފްއޭއެމުން ރާވާފައިވަނީ އަހަރުގެ ތެރޭ ލިބޭ އިންޓަނޭޝަނަލް ހަތަރު ބްރޭކަށް ރާއްޖޭގެ ސީޒަން ވެސް މެދުކަނޑާލާށެވެ. އޭރުން ގައުމީ ޓީމަށް އަހަރެއްގެ ތެރޭ 36 ދުވަސް ލިބިގެންދާނެ އެވެ.
ސާންތީ ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސީޒަން ބާރުބޮޑު ނުވާނެ ކަމަށާއި ތިން މުބާރާތް ނުވަ މަސް ދުވަހަށް ބަހާލުމުން، ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭ މައްސަލައަށް ހައްލެއް ލިބި ތައްޔާރުވާން ވެސް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އެފްއޭއެމުން މިހާރު ނިންމާފައިވަނީ ޕްރިމިއާ ލީގަށް އަތޮޅުތެރޭ ޓީމުތައް ކޮލިފައިވާ މިނިވަން ޗެމްޕިއަންޝިޕް އަބަދުވެސް އެއް އަހަރު ކުރިއަށް ބޭއްވުމަށެވެ. މާނައަކީ އަންނަ އަހަރުގެ މުބާރާތުން ހޮވޭ ޓީމުތައް ޕްރިމިއާ ލީގުގައި އަނެއް އަހަރު ވާދަކުރަން ޖެހުމެވެ.
"އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދާނީ އެކުއެކީގައި. އަދި އަންނަ އަހަރު މިނިވަން ޗެމްޕިއަންޝިޕުން ހޮވޭ ޓީމުތައް ޕްރިމިއާ ލީގުގައި ވާދަކުރަނީ ޖެހިގެން އަންނަ އަހަރު. އޭގެ ސަބަބުން އެ ޓީމުތަކަށް ޕްރިމިއާ ލީގަށް ތައްޔާރުވާން ވަގުތު ލިބޭނެ. ކުޅުންތެރިން ހޯދުމުގައި ވެސް މާލޭ ޓީމުތަކާ ހަމަހަމަ ފުރުސަތެއް ލިބޭނެ،" ސާންތީ ވިދާޅުވި އެވެ.
އެފްއޭއެމުން ގެނައި އެހެން ބަދަލުތަކުގެ ތެރޭފައި ޔޫތު ޗެމްޕިއަންޝިޕް ދެ އަހަރުން އެއް އަހަރު އުމުރުފުރާ ބަދަލުކޮށްގެން ބާއްވަން ނިންމުން ހިމެނެ އެވެ. މި އަހަރު 19 އަހަރުން ދަށަށް ބޭއްވި އިރު އަންނަ އަހަރު އޮންނާނީ 21 އަހަރުން ދަށަށެވެ. އޭރުން މި އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖެހިގެން އަންނަ އަހަރެއްގައި އޮންނާނީ 19 އަހަރުން ދަށަށެވެ. މި އަހަރުގެ މުބާރާތް ސީޒަން މެދުތެރެއިން ބޭއްވި ނަމަވެސް އަންނަ އަހަރު އެންމެ ފުރަތަމަ އޮންނާނީ އެ މުބާރާތެވެ.