ގަލޮޅު ދަނޑުން މިހާރު ފެންނަ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ އުމުރުން 40 އަހަރުގެ ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އެވެ. މީގެ ކުރިން 26 ނަމްބަރު ޖޯޒީގައި ފެނިގެންދިޔަ އައްޔަ މި އަހަރު ކުޅެނީ 40 ނަމްބަރަށެވެ. އެއީ ކެރިއަރުގެ ފަހު އަހަރު އޭނާގެ އުމުރު ދައްކުވައިދޭ ނަމްބަރަށް ކުޅުމުގެ ގޮތުންނެވެ.
ވިކްޓަރީގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރުމަށް ފަހު އައްޔަ ފަހުން ވަނީ ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. އަދި އެ ދެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. ޔުނައިޓެޑް ވިކްޓަރީއާ އައްޔަ ގުޅުނީ މިދިޔަ އަަހަރު އެވެ. މިއީ އޭނާގެ 15 ވަނަ ފުޓްބޯޅަ ސީޒަނެވެ.
މިދިޔަ ސީޒަނެކޭ އެއްގޮތަށް މި އަހަރު ވެސް މާލޭ ލީގުގެ ގަދަ ހަޔަކުން ޖާގަ ނުލިބުމުން ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އަދި އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އޮންނަން ޔުނައިޓެޑް ވިކްޓަރީ އަށް ޖެހިފައި ވަނީ ރެލިގޭޝަނުގައި ކުޅޭށެވެ.
އައްޔަ ބުނީ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައިވާ ޔުނައިޓެޑް ވިކްޓަރީ އަށް ދިމާވާ މައްސަލަ އަކީ މެޗުގެ ފަހު ވަގުތުތަކުގައި ހެދޭ ގޯސްތަކުން މެޗުތައް ގެއްލުން ކަމަށެވެ.
"މުހިއްމު މެޗުތަކުގައި ފަހު މިނެޓްގައި ބަލިވެފައި ހުންނާނީ ގިނަ މެޗުތަކުގައި. އެއީ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ،" އައްޔަ ބުންޏެވެ.
"ޓީމުގައި ވަރަށް ޒުވާން ކުޅުންތެރިން މިތިބެނީ. ދެން އެހެންވީމަ ކޮންސަންޓްރޭޝަން ވެސް ނުހިފެހެއްޓިގެން މިދަނީ."
މީގެ ކުރިން އައްޔަ ވަނީ 2012ގެ ސީޒަނުގައި ވެލެންސިއާއާ އެކު ރެލިގޭޝަން ކުޅެފަ އެވެ. އެ ފަހަރު ހަތަރު ޓީމެއްގެ މެދުގައި ރެލިގޭޝަން ކުޅުނުއިރު، ވެލެންސިއާ ސަލާމަތްވީ ކިރިޔާ އެވެ.
ރެލިގޭޝަނުގެ ފަހު މެޗުގައި ވިޔަންސާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު އިރު ފަހު 10 މިނިޓަށް ދިޔައިރު ވެސް ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ވެލެންސިއާ މޮޅުވީ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 4-1 އިންނެވެ. މިއީ އައްޔަގެ ކެރިޔަރުގައި އޭނާ ފާހަގަކުރާ އެންމެ ހާއްސަ އެއް ވަގުތެވެ.
"ރެލިގޭޝަނަކީ ފުޓުބޯޅައިގައި އަންނާނެ އެންމެ ބޮޑު ޕްރެޝަރު، އަޅުގަނޑު ވެސް ރެލިގޭޝަން ކުޅެފައި ހުރީމަ. ތިން ޓީމު އޮތަސް ވަރަށް ޕްރެޝަރުގައި ކުޅެން ޖެހޭނީ. ލީގު މެޗުތަކާ ވަރަށް ތަފާތުވާނެ،" އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އައްޔަ ބުންޏެވެ.
މި ފަހަރުގެ ރެލިގޭޝަނުގައި އައްޔަގެ ތަޖުރިބާ ޔުނައިޓެޑް ވިކްޓަރީ އަށް މުހިއްމެވެ. ރެލިގޭޝަނުގައި ޔުނައިޓެޑް ވިކްޓަރީ ކުޅޭނީ ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން އައްޔަ ވަނީ ނިންމާފަ އެވެ. އޭނާ ދެން ފެންނާނީ ކޯޗިންގެ ދާއިރާއިން ކަމަށް ބެލެވެ އެވެ.
މި ސީޒަނުގައި ގިނަ ކޯޗުން ވަނީ އައްޔަގެ ކޮމިޓްމަންޓަށް ތައުރީފްކޮށްފަ އެވެ. އޭގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަދި އައްޔަ އަށް ކުރިން ވިކްޓަރީގައި ކޯޗުކޮށްދިން އަލީ ސުޒޭން އާއި އޭނާގެ ކޮއްކޮ އަދި މިހާރު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހުގެ އިތުރުން ވިކްޓަރީގެ މިހާރުގެ ކޯޗު ލާޒްލޯ ކިސް ވެސް ހިމެނެ އެވެ.
މާލޭ ލީގުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ. ރެލިގޭޝަން މެޗުތައް ފަށާނީ މި މަހު ފަހުކޮޅުގަ އެވެ.