ދަންމާމް، ސައުދީ އަރަބިއާ (ޖުލައި 4) - އިންގްލެންޑާއި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ސައުދީ އަރަބިއާ ޕްރޯ ލީގުގައި ވާދަކުރާ އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޖެރާޑް މިދިޔަ ޖޫން މަހު ބުނީ ސައުދީ އަރަބިއާ އިން އޭނާ އަށް ހުށަހެޅުން ލިބުނު ކަމަށެވެ. ސައުދީ ލީގަށް ޖެރާޑް، 43، ބަދަލުވިއިރު އޭނާ އެންމެ ފަހުން ކޯޗިންގައި ފެނުނީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބް އެސްޓަން ވިލާ އިންނެވެ. އެޓީމުގެ ނަތީޖާތައް ދަށްވެ ޖެރާޑް ވަކިކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އޭގެފަހުން ޖެރާޑް ހުރީ ހުހަށެވެ.
ޖެރާޑް ހަވާލުވި އަލް އިއްތިފާގު، މިދިޔަ ސީޒަނުގެ ސައުދީ ލީގު ނިންމާލީ 16 ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ. ޗެމްޕިއަން އަލް އިއްތިހާދާ އެ ޓީމާ ދެމެދު 35 ޕޮއިންޓުގެ ފަރަގެއް އޮތެވެ.
އަލް އިއްތިފާގުން އަދި ޖެރާޑްގެ އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެހެންވެ ޖެރާޑް އެޓީމާ ގުޅުނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެ އެވެ.
ސައުދީ ލީގު ވަރުގަދަކުރަން ކްލަބްތަކުން ބޮޑެތި ހަރަދުތައް އަންނަނީ ކުރަމުންނެވެ. އެ ގައުމުގެ ކްލަބްތަކުން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އޭގެތެރޭގައި ކަރީމް ބެންޒެމާ އާއި ރުބެން ނެވޭސްގެ އިތުރުން އެންގޯލޯ ކާންޓޭ ހިމެނެ އެވެ. އަދި، ސައުދީގެ އަލް ނަސްރުން ވަނީ އިންޓަ މިލާނަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު، މާސެލޯ ބްރޮޒޮވިޗްގެ ސޮއި އިއްޔެ ހޯދައިފަ އެވެ.
ފުޓްބޯޅައިން 2016 ވަނަ އަހަރު ރަސްމީކޮށް ރިޓަޔާ ކުރުމަށް ފަހު ކޯޗިންގައި ޖެރާޑް އެންމެ ފުރަތަމަ ފެނުނީ 2018 ވަނަ އަހަރު ސްކޮޓްލެންޑުގެ ރޭންޖާސް އިންނެވެ. އެ ޓީމާ ހަވާލުވެ 10 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ.
ރޭންޖާސްގައި ނެރުނު ރަނގަޅު ނަތީޖާތަކާ އެކު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެސްޓަން ވިލާ އިން ޖެރާޑަށް ފުރުސަތު ލިބުނެވެ. ވިލާ އަށް ޖެރާޑް ކޯޗުކޮށްދިން 40 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ 13 މެޗުންނެވެ.
ޖެރާޑް ސައުދީ ލީގަށް ބަދަލުވިއިރު ޕްރިމިއާ ލީގު ކްލަބް ފުލަމްގެ ޕޯޗުގަލް ކޯޗު މާކޯ ސިލްވާ ހޯދަން އަލް ހިލާލް އިން މަސައްކަތް ކުރިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު އަލް ހިލާލްގެ 21 މިލިއަން ހުށަހެޅުމަށް ސިލްވާ ނޫނެކޭ ބުނުމުން އެޓީމުން ވަނީ އާ ކޯޗެއް ހޯދައިފަ އެވެ.