ހުޅުމާލެ ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑުނީ އެ ތަނުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިއަދުގެ މެންދުރު 2:30 ހާއިރު ހުޅުމާލެ 2 ގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ އެއްކޮށް ހައްލުކޮށް، އެއްކޮށް ކަރަންޓު ދިނީ ހަވީރު ހައެއް ޖަހާކަންހާއިރު އެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނު ކަމަށެވެ.
ހިދުމަތް މެދުކެނޑުނު ސަރަހައްދުތައް:
- ހިޔާ ޓަވަރު 5، 6، އަދި 7
- ވިނަރެސްގެ 10 ޓަވަރު
- އަމާން ދޯދި 12، 13، 14، 15، އަދި 16
- އަމާން އުދަރެސް 5، އަދި 6
- އެމްޕީއެލް ޓަވަރުތައް
"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.