ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ އެކު ސްޓޭޓް ފާމާ އިން މަސައްކަތް ފަށައިފި އެވެ. 

ސްޓޭޓް ފާމާއިން މިއަދު ބުނި ގޮތުގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭހާއި ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރަން އެސްޓްރަޒެނިކާގެ މަންދޫބުންނާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގު މުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރަން އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ. 

ސްޓޭޓް ފާމާއިން ބުނި ގޮތުގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާ އެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރަން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

އެސްޓްރަޒެނިކާއަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކަށްވާއިރު، މި ފެށުނު މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއް ނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ގަބޫލުކުރެ އެވެ.