ރަބާތު (ނޮވެމްބަރު 20) - މޮރޮކޯގައި ކާބޯތަކެތި ބަހަނިކޮށް ފިތިގެން 15 މީހުން މަރުވެއްޖެ އެވެ.

މޮރޮކޯގެ ޓައުނެއް ކަމަށްވާ އެސައުއިރާގައި ކާބޯތަކެތި ބެހީ ޗެރިޓީއަކުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މީހުން ފިތުނު ހާދިސާގައި ވަނީ 40 މީހުން ޒަޚަމްވެފަ އެވެ. ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކާބޯތަކެތި ހޯދަން މި އަހަރު ވަނީ އެތައް ބަޔަކު ކިޔޫ ހަދައިފަ އެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ކާތަކެތި ހޯދަން ބައެއް މީހުން ވަނީ ކިޔޫ ފަޅާލާފައި މަސައްކަތް ކޮށްފަ އެވެ.

މޮރޮކޯގެ ދާޚިލީ ވަޒީރު ވިދާޅުވީ ފިތިގެން އަނިޔާ ލިބުނު މީހުންނަށް އެހީވުމަށް ރަސްގެފާން އަންގާފައިވާ ކަމަށެވެ. ފިތިގެން މީހުން މަރުވި ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.