މިދިޔަ މެއި މަހު އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އައިސްފައިވަނީ ސްރީ ލަންކަން އެއާލައިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން އެ މަހު ސްރީލަންކަން އެއާލައިނުން 18،700 ފަސިންޖަރުން އައިސްފައިވެ އެވެ. އެއީ ހަފްތާއަކު 19 ފްލައިޓެވެ. މިދިޔަ އޭޕްރީލް މަހު އެންމެ ގިނަ ފަސިންޖަރުން އައިސްފައިވަނީ ސިންގަޕޯ އެއާލައިންސުންނެވެ. އެ މަހު ވެސް 18،100 ފަސިންޖަރުން އައިސްފައިވެ އެވެ.
ދެވަނައަށް އެންމެ ގިނަ ފަސިންޖަރުން މިދިޔަ މަހު ރާއްޖެ އައީ އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯއިންނެވެ. އެއާލައިނުން ހަފްތާއަކު 25 ފްލައިޓް ރާއްޖެ އައިސްފައިވެ އެވެ.
ތިން ވަނައަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސް އިންނެވެ. އެ އެއާލައިން އިން 16،000 ފަސިންޖަރުން އައިސްފައިވެ އެވެ. އެ އެއާލައިނުން ހަފްތާއަކު 19 ފްލައިޓް އޮޕަރޭޓްކުރެ އެވެ.
މާޗް މަހު ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އައިސްފައިވަނީ އޭރޯފްލޮޓް އިންނެވެ. އެއާލައިނުން 19،000 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަސިންޖަރުން އައީ އެމިރޭޓްސްއިންނެވެ. އެއީ 32،000 އަށް ވުރެ ގިނަ ފަސިންޖަރުންނެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން އައީ މެދުއިރުމަތީގެ އެއާލައިންތަކުންނެވެ. އެމިރޭޓްސްގެ އިތުރުން އިއްތިހާދު އަދި ގަތަރު އެއާވޭސް އިން ވެސް ގިނަ އަދަދެއް ޓޫރިސްޓުން އައިސްފައިވެ އެވެ.
މާޗް އަދި އޭޕްރީލް މަހަށް ފަހު އަނެއްކާ ވެސް މެދުއިރުމަތީގެ އެއާލައިންތަކުން އަންނަ ފަސިންޖަރުން އިތުރުވާން ވަނީ ފަށައިފަ އެވެ.