އާދަޔާ ހިލާފަށް މަސްވެރިކަން ދަށްވެފައިވާ ކަމުގެ ޝަކުވާ ސްރީ ލަންކާގެ މަސްވެރިން ކުރަމުން އަންނަ އަންނާތީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި މަހުގެ އާބާދީ ހުރި ގޮތް ދެނެގަތުމަށް ސައިންޓިފިކް ދިރާސާއެއްކުރަން އެ ގައުމުގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް އިން ނޭޝަނަލް އެކުއަޓިކް ރިސޯސަސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެޖެންސީ (ނާރާ) އަށް އަންގައިފި އެވެ.
ލަންކާގެ އައްސޭރިފަށުގެ މަސްވެރި އާއިލާތަކަށް ލިބޭ މަހުގެ މިންވަރު މަދުވެ، އެ މީހުންގެ ދިރިއުޅުމަށާއި އާމްދަނީއަށް ވަނީ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމަށް ދަނީ ބުނަމުންނެވެ. 'ނާރާ' އިން މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ލަންކާގެ އައްސޭރިފަށާ ގާތް ސަރަހައްދުތަކުން (ކަނޑުގެ ތިލަ ހިސާބުން) މަސް ބޭނޭ މިންވަރު ވަނީ ގާތްގަނޑަކަށް 50 ދަށަށް ގޮސްފަ އެވެ.
ލަންކާގެ ފިޝަރީޒް ޑެޕިއުޓީ މިނިސްޓަރު ރަތުނާ ގަމަގޭ ވިދާޅުވި ގޮތުގައި، ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި އެލް ނީނޯގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތެރިކަމަށް ކުރާ އަސަރުތައް ދިރާސާގައި ވަރަށް ތަފްސީލްކޮށް ބަލާނެ އެވެ. ސައިންސްވެރިން އިންޒާރުދޭ ގޮތުގައި އެލް ނީނޯގެ ސަބަބުން ކަނޑުގެ ފަށަލަތައް ހޫނުވެ، މަސްތަކަށް ބޭނުންވާ ކާނާ (ފައިޓޮޕްލެންކްޓަން) މަދުވެ، މަސްތައް ހިޖުރަކުރާ މިސްރާބު ބަދަލުވެ އެވެ.
މި ދިރާސާ ކުރަން މި އެންގީ ދާދިފަހުން ޖެފްނާގެ ތޮންޑަމަނާރޫ ލެގޫން ސަރަހައްދުން ގިނަ އަދަދެއްގެ މަސް މަރުވެފައި ވަނިކޮށް ފެނުނު މައްސަލައެއް ވެސް 'ނާރާ' އިން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ގޮތުގައި މި ރިޕޯޓުން ލިބޭ ސައިންޓިފިކް މައުލޫމާތަށް ބިނާކޮށް، މަސްވެރިކަން ކުރާނެ ސަރަހައްދުތަކާއި، މަސްވެރިކަން ކުރާނެ މޫސުންތަކާ ގުޅޭގޮތުން ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރާނެ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ.