ރާއްޖޭގެ ގައުމީ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފި އެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗަށް ފަހު، ރާއްޖޭގެ ޓީމަށް އަމާޒުކޮށް އިމްރާން ހުތުރު ބަހުން ވާހަކަ ދައްކައި، އަހުލާގީ މިންގަނޑުން ބޭރުން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

މި މައްސަލައިގައި، ފުޓްބޯލް ސްރީ ލަންކާ (އެފްއެފްއެސްއެލް) އިން ވަނީ ވަގުތުން ފިޔަވަޅު އަޅައިފަ އެވެ. އެފްއެފްއެސްއެލްގެ ރައީސް ޖަސްވާރު އުމަރު އަމިއްލަ އަށް އިސްނަންގަވައިގެން މި މައްސަލައިގައި، ފިޔަވަޅު އަޅާފައިވާ ކަމަށް ވެ އެވެ.

ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ އޮފިޝަލެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިމްރާން ވަގުތުން މަގާމުން ވަކިކުރަން ޖަސްވާރު އެންގެވި ކަމަށް ލަންކާގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ބައެއް އޮފިޝަލުން ސޯޝަލް މީޑިއާގައި ބުންޏެވެ. 

މިޔަންމާގެ ޔަންގޮންގައި މިހާރު ކުރިއަށް ގެންދާ، އޭއެފްސީ ޑިވެލޮޕްމެންޓް ފޭސްގެ ކޮލިފައިންގައި ރާއްޖޭން ވަނީ 4-0 އިން ލަންކާ ބަލިކޮށްފަ އެވެ. މިއީ މި އަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ފަސްގަނޑުގައި 3-2 އިން ފަހަތުން އަރައި ލަންކާ އިން ހޯދި މޮޅުގެ ބަދަލު ރާއްޖެ އިން ހިފި މެޗެކެވެ.

ލަންކާގެ ޓީމުގެ އެސިސްޓެންޓް ކޯޗު އިމްރާންގެ ރުޅިވެރިކަން ފެޅިގެން ދިޔައީ ކުރީގެ މެޗުގެ ނުތަނަވަސްކަމާ ގުޅުވަ އެވެ.

މޮޅާ އެކު ރާއްޖެ އާއި އެ ގުރޫޕްގެ ކޮލިފައިން ބާއްވާ މިޔަންމާ ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ އަނެއް މަރުހަލާއިން ޖާގަ ކަށަވަރު ކޮށްފަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް މި ދެ ޓީމު މާދަމާ ބައްދަލުކުރާނެ އެވެ.

އަނެއްކޮޅުން، ވިދިވިދިގެން ދެ މެޗުން 4-0 އިން ބަލިވެ، ލަންކާ އޮތީ ގްރޫޕްގެ ފުލުގަ އެވެ. ލަންކާގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ބްރޫނާއީއާ ދެކޮޅަށެވެ.