ސްރީ ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރެއް ކަމަށްވާ ކަންޗިޕާނީ އިމްރާންގެ ތިމާގެ މީހަކަށް ކޮލަމްބޯގައި އިއްޔެ ބަޑިން ހަމަލާދީ މަރާލައިފި އެވެ. 

ފުލުހުން ގަބޫލުކުރާ ގޮތުގައި، މާލިގާވައްތޭގެ ސަންގަރާޖާ މަވަތާ މަގުގައި ދިން މި ހަމަލާ އަކީ ރާވައިގެން ޖިނާއީ ކުށްތައް ކުރާ ގްރޫޕްތަކުގެ ތެރޭގައި ބާރު ދެއްކުމާއި ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ. މި ހަމަލާގައި މަރާލާފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަޒްމީ މުހިއްދީން، 54، އެވެ. 

މި ހަމަލާ ދިނީ ކޮލަމްބޯ 10 ގެ ސަރަހައްދުގަ އެވެ. އަދި މަޝްހޫރު ހޮޓާތަކާ ވެސް އެ ހިސާބު ދުރެއް ނޫނެވެ. 

ފުލުހުންގެ ތަރުޖަމާނު އޭއެސްޕީ އެފް.ޔޫ. ވޫޓްލާ ވިދާޅުވި ގޮތުގައި، މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު އެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ އެ ސަރަހައްދުން ފިލައިގެން ގޮސްފައި ކަމަށް ވެސް ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ހިނގި ބަޑި ޖެހުުމުގެ 22 ހާދިސާއެއްގައި 15 މީހުން މަރާލާފައިވެ އެވެ. 

 ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި ބަޑީގެ މި ހުރިހާ ހަމަލާތަކަކީ ވެސް ރޭވިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެކެވެ. މީގެ ބޮޑުބައެއް ގުޅިފައިވަނީ ރޭވުންތެރިކަމާ އެކު ކުށްކުރާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވާދަވެރި ނެޓްވޯކްތަކާ އެވެ. 

 ލަންކާގައި ހަރަކާތްތެރިވާ ނުރައްކާތެރި 18 ގޭންގެއް ހޯދައި ރޫޅާލުމަށްޓަކައި ފުލުހުންގެ ހާއްސަ 15 ޓީމެއް މިހާރު ދަނީ މުޅި ގައުމުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.