ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި މިއަދު ކުޅުނު މެޗުން ސްރީ ލަންކާ އަތުން 69-64 އިން މޮޅުވެ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.
ކުޅުނު ފުރަތަމަ މެޗުން އިއްޔެ ބޮޑު ތަފާތަކުން ރާއްޖޭގެ އަންހެން ޓީމު އިންޑިއާ އަތުން ބަލިވުމުން މިއަދުގެ މެޗަށް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު މެންދުރު ކުޅުނު މެޗުގެ ބޮޑުބައިގައި ރާއްޖޭން ލީޑުގައި އޮތްއިރު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ރާއްޖޭގެ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލްބާރީ އާއި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭން ނިންމާލީ 18-09 އިން ރަނގަޅު ލީޑަކާ އެކު އެވެ. ދެ ވަނަ ކުއާޓަރުގައި އެ ލީޑުފުޅާކުރިއިރު، އައިމިނަތު އިސްރާއު (އިއްކޮ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުޅި މެޗަށް ބަލާއިރު ވެސް އޭނާ ދެއްކި ކުޅުން ތަފާތެވެ. ރާއްޖޭން ދެ ވަނަ ކުއާޓަރު ނިންމާލީ 38-25 އިން ރަނގަޅު ލީޑަކާ އެކު އެވެ.
ރާއްޖޭގެ ޓީމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވީ ތިން ވަނަ ކުއާޓަރުގަ އެވެ. މި ކުއާޓަރުގައި ލަންކާ އިން ކުޅުން ރަނގަޅުކޮށް ރާއްޖެ ހާސްކޮށްލި އެވެ. އެ ގޮތުން ލަންކާ އިން ވަނީ އެއް ފަހަރު ލީޑު ވެސް ނަގައިފަ އެވެ. އެއީ 44-43 އިންނެވެ. އެކަމަކު ރާއްޖޭން ހިތްވަރުއެލުވައިނުލައި ކުޅުން ކުރިއަށް ގެންގޮސް އަލުން ލީޑުބޮޑުކުރީ އެވެ. ރާއްޖެ ކޮޅަށް މި ކުއާޓަރުގެ ލީޑު އަނބުރާލުމުގައި ބަދަލެއްގެ ގޮތުގައި އަރައި ހައުމާ އުބައިދުﷲ (ހައު) ވަނީ މުހިއްމު ޕޮއިންޓްތަކެއް އެއްކޮށްފަ އެވެ. ރާއްޖޭން މި ކުއާޓަރު ނިންމާލީ 50-44 އިން ކުރީގައި އޮވެގެންނެވެ.
ފަހު ކުއާޓަރުގައި ރާއްޖޭން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެ ލީޑު ދެމެހެއްޓި އެވެ. ރިޝްމާ އާއި ޝިއުރާ ވަނީ މި ކުއާޓަރުގައި ރަނގަޅަށް އެ ކުޅުންތެރިންގެ ތަޖުރިބާ ބޭނުންކޮށްފަ އެވެ. މި ކުއާޓަރުގައި ވެސް އިއްކޮ ވަނީ ޓީމަށް މުހިއްމު ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ. ރާއްޖޭން ފަހު ކުއާޓަރު ނިންމާލުމާ އެކު ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އަދި ގިނަ ކުޅުންތެރިންގެ ލޮލުން ކަރުނަ އޮހުނެވެ.
އަންހެން ޓީމުގެ މި ކާމިޔާބީގައި އެންމެ ބޮޑަށް އުފާފާޅުކުރާނެ އެއް ފަރާތަކީ އަންހެން ޓީމުގެ ކޯޗު ލަންކާގެ ސުޕުން ވިމާލް އެވެ. ސުޕުން އެ ހުވަފެނެއް ދެކޭތާ 18 އަހަރު ފަހުން ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ވަނީ އޭނާގެ ކޯޗުކަމުގައި ލަންކާ ބަލިކޮށްފަ އެވެ. މި ފަހަރު އަންހެން ޓީމާ ހަވާލުވެ ހުރެ ސުޕުން މި ވަނީ ލަންކާ އަންހެން ޓީމު ވެސް ކަޓުވާލައިފަ އެވެ.
"އަހަންނަށް ބުނާނެ އެއްޗެއް ވެސް ނޭނގޭ. އެހާ އުފާވެފައި މިހުރީ. އެންމެ ފުރަތަމަ އަހަރެން މި އަންހެން ޓީމު ގޮވައިގެން އުޅުނުއިރު ތިބީ އަށް ކުޅުންތެރިން. އެކަމަކު އެސޯސިއޭޝަނުން އެއްބާރުލުން ދީގެން ޓީމެއް ހެދުނީ. ދެން މިހާރު އަަހަރެމެން މި ހުރީ ކުރިއަށް އަމާޒުހިފާފައި. ޕްލޭނެއް އެބައޮތް ކުރިއަށްދާނީ އެ ގޮތަށް،" ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެ ސުޕުން ބުންޏެވެ.
ސުޕުން ބުނީ ސެމީގައި ބޫޓާން ނޫނީ ނޭޕާލާ ޖެހޭއިރު ރަނގަޅަށް މަސައްކަތްކޮށްގެން ފައިނަލަށް ނުދެވޭންވީ ސަބަބެއް ނެތް ކަމަށެވެ. މި މެޗުން އަންހެން ބާސްކެޓްބޯޅަ ޓީމު މޮޅުވުމުން ލަންކާގެ އޮފިޝަލުން ވެސް ވަނީ ސުޕުން އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ. ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.
މިއަދު ރާއްްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗުގައި ނޭޕާލް އަތުން 76-62 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރުގައި ފިރިހެން ބާސްކެޓްބޯޅަ ޓީމުން ލީޑު ނެގި ނަމަވެސް ހިފަހައްޓައިނުލެވުނެވެ. ނޭޕާލް ޓީމުން އެންމެ ބޮޑަށް އެ ޓީމުގެ ލީޑުގެ ފަރަގު ބޮޑުކުރީ ތިން ވަނަ ކުއާޓަރުގަ އެވެ. ފިރިހެން ޓީމަށް ސެމީން ފުރުސަތު ނުލިބުނު އެންމެ ބޮޑު ސަަބަބަކީ އިއްޔެ ބަންގްލަދޭޝް އަތުން ބަލިވުމުންނެވެ.