މެޑްރިޑް (ޖުލައި 4) - ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ޒުވާން ތަރި ޔާއޯ ފެލިކްސް، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ. މިއާ އެކު އޭނާ ވެފައިވަނީ ފުޓްބޯޅައިގެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއަށެވެ.

އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް އަށް ވުރެ އަގު ބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިންނަކީ ޕީއެސްޖީން ގެންދިޔަ ނޭމާ އާއި ކިލިއަން އެމްބާޕޭގެ އިތުރުން ބާސެލޯނާ އިން ގަތް ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭ އެވެ.

ގިނަ ކްލަބްތަކުން ހޯދަން މަސައްކަތްކުރި ޔާއޯ ފެލިކްސް ވަނީ އެތުލެޓިކޯއާ އެކު ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެތުލެޓިކޯ އިން ޔާއޯ ފެލިކްސް ގަންނަން އެއްބަސްވި ޓްރާންސްފާ ފީ ދައްކާނީ ދެ އަހަރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން ފުރަތަމަ އިންސްޓޯލްމަންޓް ދައްކާނީ މެންޗެސްޓާ ސިޓީ އަށް އެތުލެޓިކޯގެ މިޑްފީލްޑަރު ރޮޑްރީ ވިއްކާލުމަށް ފަހު ލިބޭ ފައިސާއިންނެވެ. ސިޓީ އަށް ރޮޑްރީ ވިއްކާލާނީ 79 މިލިއަން ޑޮލަރަށެވެ. އަދި ފަހުގެ އިންސްޓޯލްމަންޓް ދައްކަން އެންޓޮއިން ގްރީޒްމަން ވިއްކާލައިގެން ލިބޭ ފައިސާ ވެސް ބޭނުންކުރާނެ އެވެ.

ޔާއޯ ފެލިކްސް އަކީ ދެ ވަނަ އަށް އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާ އެވެ. އެންމެ އަގުބޮޑު ކުޅުންތެރި އަކީ 203 މިިލިއަން ޑޮލަރަށް 2018 ވަނަ އަހަރު ޕީއެސްޖީން ގެނައި އެމްބާޕޭ އެވެ. އެތުލެޓިކޯ އިން ޔާއޯ ފެލިކްސްގެ ސޮއި ހޯދީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ވެސް މީގެ ކުރިން އޭނާ ހޯދަން މަސައްކަތްކޮށްފައި ވަނިކޮށެވެ. އެ ކްލަބްތަކުން ޔާއޯ ފެލިކްސް ގެންނަން ކުރި މަސައްކަތް ހުއްޓާލީ ބެންފީކާ އިން އޭނާ ވިއްކާލަން ކިޔާ އަގުބޮޑުވުމުންނެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ދާދި ފަހުން ބުނީ ޒުވާން ކުޅުންތެރިންނަށް ބޮޑު އިންވެސްޓެއް ކޮށްގެން ގެއްލުމެއް ނެތް ކަމަށާއި މިހާރު ކުޅުންތެރިންގެ އަގު އުފުލެމުންދާ ރޭޓަށް ބަލާއިރު އެ ކުޅުންތެރިންގެ އަގު މުސްތަގުބަލުގައި އެތަށް ގުނައެއް އުފުލިގެންދާނެ ކަމަށެވެ.

އެޓޭކިން މިޑްފީލްޑަރަކަށާއި ދެ ފަޅިން ވެސް ކުޅޭ ޔާއޯ ފެލިކްސް އަކީ ޔޫރަޕްގެ މުބާރާތެއްގައި ހެޓްރިކް ހެދި ޕޯޗުގަލްގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ އެ ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް ކޮޅަށެވެ. އެ ރެކޯޑް ކުރިން އޮތީ 1962 ވަނަ އަހަރު އޭރު އުމުރުން 20 އަހަރުގެ ޕޯޗުގަލްގެ ލެޖެންޑް އުސޭބިއޯ އަތުގަ އެވެ.

ޒުވާން އުމުރުގައި ޕޯޓޯ ޔޫތު ޓީމަށް ކުޅުނު ޔާއޯ ފެލިކްސް އަށް ޕޯޓޯގެ ސީނިއާ ޓީމުން ކޮންޓްރެކްޓެއް ދޭން ދެކޮޅު ހެދި ސަބަބަކީ އޭނާ އެހެން ކުޅުންތެރިންނަށް ވުރެ ހަށިގަނޑު ބަލިކަށިކޮށް ހުރުމުން ކުރިއަރާނެ ފުރުސަތު ކުޑަކަމަށް ނިންމުމަށް ފަހު އެވެ. ޕޯޓޯ އިން ކޮންޓްރެކްޓް ނުދިނުމުން ޔާއޯ ފެލިކްސް ގުޅުނީ ޕޯޓޯގެ އެންމެ ވާދަވެރި ބެންފީކާ އަށެވެ. އެ ޓީމުގައި އޭނާ ހޯދަމުން އައި ކުރިއެރުމަށް ބެލުމަށް ފަހު ސީނިއާ ޓީމުން ފުރުސަތު ދޭން ފެށީ އުމުރުން 17 އަހަރުގަ އެވެ. މިހާރު އޭނާ ވަނީ ޕޯޗުގަލް ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އަދި ދާދި ފަހުން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ޔާއޯ ފެލިކްސް ހިމެނެ އެވެ.