ދެން އަންނަ ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބޭއްވުމަށްޓަކައި މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ 15 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން، މައާފަށް އެދި ނެރުނު ބަޔާނުގައި ޖަސްވާރު ވަނީ ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ލަންކާ ފުޓްބޯޅަ ކޮޅަށްނަގަން ކުރާ މަސައްކަތުގައި، ދެން އަންނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޖަސްވާރު ވިދާޅުވި އެވެ.

ސާފްގެ ކޮމްޕެޓިޝަން ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ ޖަސްވާރު ވިދާޅުވިގޮތުގައި ދެން އަންނަ ސާފް ޗެމްޕިއަންޝިޕް އަށް މަސް ފަހުން ބާއްވާނެ ކަމަށް ބެލެވެ އެވެ. 

"ދެން އޮންނަ ސާފް ޗެމްޕިއަންޝިޕް އަށް މަސް ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް ބެލެވޭ. އަހަރެން މިހާރު މިދަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ސްރީ ލަންކާގައި ބޭއްވުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް މަޝްވަރާ ކުރަމުން. މިއީ އަހަރެމެންގެ ގައުމީ ޓީމަށާއި ސަޕޯޓަރުންނަށް އަދި މުޅި ފުޓްބޯޅަ އާއިލާއަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް،" ޖަސްވާރު ވިދާޅުވި އެވެ.

ބަންގްލަދޭޝް އަތުން 4-0 ން ބަލިވެ، މުބާރާތުން ވަކިވާން ޖެހުނީ ޖަސްވާރު ވިދާޅުވި ގޮތުގައި އަމިއްލަ ޓީމަށް ހެދުނު ގޯސްތަކުގެ ސަބަބުންނެވެ. 

ނަމަވެސް އެންމެ މެޗެއްގެ ނަތީޖާއިން މުޅި ޓީމު ހޯދާފައިވާ ކުރިއެރުން ފަނޑުވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފާއިތުވި 15 އަހަރު ފީފާ ރޭންކިންގެ 200 އިން ދަށުގައި އޮތުމަށް ފަހު، ލަންކާގެ ރޭންކިންގެ 207 އިން 184 އަށް ޖެހިލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފާއިތުވި ދެ އަހަރުތެރޭގައި އަހަރެމެންގެ ޓީމުން ވަނީ 12 މެޗުން މޮޅުވެ ހަ މެޗު އެއްވަރުކޮށްފައި. މި ބައްޔަކީ އަނެއްކާވެސް ކުރިމަތިވި ހުރަހެއް. އެކަމަކު މިއީ އަހަރެމެންގެ ދަތުރުގެ ނިމުމެއް ނޫން،" ޖަސްވާރު ލިޔުއްވާފައިވެ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް، ބާއްވަން ކުރިން ފުރުސަތު ލިބުނީ ލަންކާއަށެވެ. އެކަމަކު ސާފުން މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ވާހަކަ ދައްކައި، ލަންކާ އަތުން ހޯސްޓް ރައިޓްސް އަތުލި އެވެ. އެކަމަކު ސަރަހައްދުގެ ބައެއް ގައުމުތަކުގައި އޮތް ސިޔާސީ ވާދަވެރިކަމާ ހެދި އެއް ގައުމުގެ ޓީމު އަނެއް ގައުމަށް ދަތުރުކުރަން ބޭނުން ނުވުމުންނާއި އިންތިޒާމު ހަރަދުތައް ބޮޑުވާނެތީ ސާފްއިން އެ ހިޔާލު ދޫކޮށްލި އެވެ. 

އާންމުކޮށް ވެސް ބާއްވަމުން އައި ފޯމެޓަށް، ބާއްވަން އަލުން ނިންމި އެވެ. ސާފްއިން މުބާރާތް ބާއްވަން ނިންމީ ބަންގްލަދޭޝްގަ އެވެ. ލަންކާއިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ރާއްޖެއާ ގުޅިގެން 2018 ގަ އެވެ.