ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ މެދު އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ، ޔޫއެފާ އާއި ކޮންކާކަފާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތް ކުރި އޭއެފްސީން ވިސްނުން ބަދަލުކޮށް އޭނާ އަށް ތާއީދުކޮށްފި އެވެ.
ޖަޕާނުގެ ޓޯކިޔޯގައި ހުކުރު ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، އޭއެފްސީގެ ރައީސް ބަހްރޭނުގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލްހަލީފާ ވިދާޅުވީ ހުދު އޭނާ ވެސް އޭޝިއާގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ވެރިންނާ ވާހަކަ ދެއްކި ކަމަށެވެ. އެ ފަރާތްތަކުގެ ތާއީދު ވެސް އިންފަންޓީނޯއަށް އޮތްކަން ހާމަކުރައްވާފައިވާ ކަމަށް، ފީފާގެ އިންތިހާބުގައި މީގެ ކުރިން އިންފަންޓީނޯއާ ވާދަކުރެއްވި ސަލްމާން ވިދާޅުވި އެވެ.
"ތިޔަ ބޭފުޅާ [އިންފަންޓީނޯ] ވަނީ އޭޝިއާގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކުރައްވާފައި. އަޅުގަނޑު ވެސް މި ބައްރުގެ ގިނަ މެންބަރުންނާ ވާހަކަދެއްކިން. ތިޔަބޭފުޅާގެ އިހްސާސްތައް އަޅުގަނޑަށް އެނގޭ،" އިންފަންޓީނޯ ވެސް ބައިވެރިވެ ވަޑައިގެންނެވި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ސަލްމާން ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަދި ޔަގީންވާ ގޮތުގައި މިއީ އަޅުގަނޑުމެންގެ ގިނަ މެންބަރުންގެ ވެސް އިހްސާސް. އަދި އަޅުގަނޑުވާނީ ތިޔަބޭފުޅާއަށް ވެސް އެކަން ދަންނަވާފައި."
އަންނަ މާޗް މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން އިންފަންޓީނޯ އިއުލާން ކުރީ މި އަހަރު ކުރީކޮޅެވެ. އެ އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތަކުގެ ތާއީދު އޮތީ އިންފަންޓީނޯއަށެވެ.
ނަމަވެސް، އޭނާއާ މެދު ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން، އިންފަންޓީނޯ އިވެސް ވަނީ ފީފާގެ ސުލްހައިގެ އިނާމުގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް ޓްރަމްޕަށް ދެއްވާފަ އެވެ.
ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރާތީ، ރަޝިއާ ދެކޮޅަށް ފީފާއިން ފިޔަވަޅު އެޅި އެވެ. އެކަމަކު އިޒްރޭލުން ފަލަސްތީނުގައި ނަސްލު ނައްތާލުމުގެ ގަތުލްއާންމެއް ހިންގަމުންދާއިރު ވެސް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކުރުނެވެ. އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ވެސް، އެމެރިކާއާ ދެކޮޅަށް ފިޔަވަޅުއަޅާކަށް އިންފަންޓީނޯއަކަށް ނުކެރުނެވެ.
ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ބައިން ހިއްސާވިއްކަން 4.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ފީފާއިން އޯގަސްޓް މަހު އިއުލާން ކުރި އެވެ. އެކަން ހުއްޓާލަން އިންފަންޓީނޯއާ މަޖުބޫރުވީ ބައްރުތަކުގެ ފުޓްބޯޅަ އިދާރާތަކުން އެކަމާ ދެކޮޅަށް ތެދުވުމުންނެވެ.
އެކަމާ ދެކޮޅަށް އޭއެފްސީ އާއި ޔޫއެފާ އަދި ކޮންކާކޭފްއާ ގުޅިގެން، މަސައްކަތް ފެށި އެވެ. އެކަމާ ގުޅިގެން އިންފަންޓީނޯއާ އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ، އޭޝިއާގެ ގައުމުތަކަށް އޭއެފްސީން ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު މިހާރު ސަލްމާން ވިދާޅުވަނީ އެއީ މާޒީ ކަމަށެވެ. އޭނާ ވިދާޅުވީ ސްވިޒަލެންޑްގެ ޒިޔުރިކްގައި އިންފަންޓީނޯއާ އެކު ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގައި ހިޔާލުތަފާތުވުންތައް ހައްލުވެފައިވާ ކަމަށެވެ.
"މާޒީގައި އަޅުގަނޑުމެން ވާހަކަދެއްކި އިރު ބައެއް މައްސަލަތައް ހުރި. ނަމަވެސް އެ ދެކަންތައް އެއްކޮށްލައިގެން ނުވާނެ. އަޅުގަނޑަށް ހީވަނީ އެންމެ ފަހުން ޒިއުރިކްގައި އަޅުގަނޑުމެން ބޭއްވި ބައްދަލުވުންތަކުގައި ސުވާލު އުފެދިފައިވާ ކަންކަން އޮޅުންފިލުވައި ދީ ސާފުކޮށްދެއްވި،" ސަލްމާން ވިދާޅުވި އެވެ.