ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި މެޗެއްގައި ޕޯޗަގަލްގެ ކުރިގެ ކުޅުންތެރިޔާ ޑިއޭގޯ ޖޯޓާ އަށް ނިސްބަތްކޮށް މަލާމާތްކުރި ސަޕޯޓަރުން އުމުރު ދުވަހަށް ސަސްޕެންޑް ކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފި އެވެ.
އެ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އައް ތޯއޫންއާ ދެކޮޅަށް އަލް ހިލާލް ކުޅުނު މެޗުގައި، ހިލާލްގެ މިޑްފީލްޑަރު ރުބެން ނޭވްސް އަށް ޖެއްސުންކުރުމުގެ ގޮތުން ތޯވޫންގެ ބައެއް ސަޕޯޓަރުން ވަނީ "ޖޯޓާ ޖޯޓާ" އޭ ގޮވައި މަލާމާތްކޮށްފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި ޖޯޓާ ވަނީ މަރުވެފަ އެވެ.
ޖޯޓާ އާއި ނޭވްސްއަކީ ކުޑައިރުން ފެށިގެން އެއް އެކަޑަމީއެއްގައި ހޭދަކުރި ދެ ކުޅުންތެރިންނެވެ. އަދި އެކުއެކީގައި ޖޯޓޯ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ވޯލްވާހެމްޓަން ވޮންޑާސް އަށް ވެސް އެ ދެ ކުޅުންތެރިން ކުޅުނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އަލް ތާއޫންގެ ހޯމް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އަލް ހިލާލްގެ ކްރިސެންސިއޯ ސަމާވިލްއާ އެކު ހިލޭ ޖެހުމެއް ނަގަން ނޭވްސް ތައްޔާރުވަމުން ދަނިކޮށް، ސަޕޯޓަރުންގެ ފަރާތުން "ޖޯޓާ، ޖޯޓާ، ޖޯޓާ" އޭ ކިޔައި އަޑުގަދަ ކުރަމުންދިޔަ މަންޒަރެވެ.
އެ ވަގުތު ސަޕޯޓަރުންނަށް މަލާމާތުގެ ރާގަކަށް އަތްޖަހައި، "ތަމްބްސް އަޕް" އިޝާާރާތް އިޝާރާތް ދެއްކުމަށް ފަހު، ނޭވްސް ވަނީ އޭނާގެ ދެލޮލަށާއި މައްޗަށް އިނގިލިން އިޝާރާތްކޮށްފަ އެވެ. އަދި އެއަށް ފަހު އެ އަޑުތައް އަންނަ ދިމާލަށް އިނގިލި ދިއްކޮށްލި އެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނޭވްސް ބުނީ އެކަން ކުރުމަށް ފަހު އެ މީހުން އަޅުކަންކުރަން ނުދާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އަހަރެން އެދެނީ އެމީހުން އެ ކުރި ކަންތަކަށްފަހު ފަހުން ނަމާދަށް ނުދިއުން،" އޭނާ ބުންޏެވެ.
ޖޯޓާ އަށް މަލާމާތްކުރާ ވީޑިއޯ އަށް އިންސްޓަގްރާމްގައި ކުރި ކޮމެންޓްގައި ރޮނާލްޑޯ ބުނީ އެ ސަޕޯޓަރުން، އުމުރުދުވަހަށް ދަނޑަށް ވަނުން މަނާ ކުރަން ޖެހޭ ކަމަށެވެ.
"ލީގުން މިކަމަށް ފިޔަވަޅު އަޅައި ސަޕޯޓަރުންގެ މިފަދަ އަމަލުތަކަށް އަދަބު ދޭންޖެހޭނެ. މިއީކީ ފުޓްބޯޅައެއް ނޫން. އަދި ކަންކަމުގައި އިންތަކެއް ހުންނަންޖެހޭނެ. މިކަހަލަ ގޮތްގޮތަށް އުޅޭ މީހުންނަށް ދެން ދުވަހަކު ވެސް ދަނޑަށް ނުވަދެވޭ ގޮތް ހަދަންޖެހޭނެ،" ރޮނާލްޑޯ ކުރި ކޮމެންޓްގައިވެ އެވެ.
ސައުދީގެ ފުޓްބޯޅަ އިދާރާއިން ބުނީ ކަމާބެހޭ ކޮމިޓީތަކުން މައްސަލަބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
"މިއީ ސައުދީގެ ފުޓްބޯޅައިގެ އުސޫލުތަކާ ރަށްޓެހި ސިފަތަކެއް ނޫން. އެސްއޭއެފްއެފް (ސައުދީ ފުޓްބޯޅަ އެސޯސިއޭޝަން) އާއި އެސްޕީއެލް (ސައުދީ ޕްރޯ ލީގު) އިން ގަބޫލުކުރާ އުސޫލަކީ މީހުންނަށް ދިމާވާ އަމިއްލަ ހިތާމަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ފުރައްސާރަކުރުމާއި ރުޅިއަރުވަން އުޅުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަން. އަދި އެއީ ސައުދީ ފުޓްބޯޅައިން ޖާގަ ދެވޭނެ ކަމެއް ވެސް ނޫން. މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިމުމުން އެޅި ފިޔަވަޅު އިއުލާނުކުރާނެ،" ސައުދީގެ ފުޓްބޯޅަ އިދާރާއިން ބުންޏެވެ.