ސްވިމް މޯލްޑިވްސްއިން އަލަށް ތަޢާރަފު ކުރި "އޮޑިން ރަށަށް" ސީރީޒްގެ ފުރަތަމަ ރޭހުގައި ބައިވެރިވުމަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި އިންޑަވިޖުއަލް އިވެންޓުގެ ހުރިހާ ޖާގަތަކެއް ފުރިއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންޓަނޭޝަނަލް ފެތުމުގެ އިވެންޓް އިންތިޒާމު ކުރި ސްވިމް މޯލްޑިވްސްއިން މިފަހަރު ލޯންޗު ކުރި "އޮޑިން ރަށަށް" ރޭހުގެ ފުރަތަމަ ސީރީޒް ބާއްވާނީ ވިލިމާލޭގަ އެވެ.
އޮކްޓޯބަރު ތިންވަނަ ދުވަހު ބާއްވާ ރޭހުގައި ބައިވެރިވާން މިދިޔަ ހޯމަ ދުވަހު ހުޅުވާލުމުން 24 ގަޑިއިރު ތެރޭގައި އިންޑވިޖުއަލް ކެޓަގަރީގެ ހުރިހާ ޖާގައެއް ފުރިފައިވާކަމަށް އެ ކްލަބުން ބުންޏެވެ. އިންޑަވިޖުއަލް ކެޓަގަރީގައި ހިމެނެނީ 50 ޖާގަ އެވެ.
ރާއްޖޭގައި ފެތުމުގެ ކުޅިވަރު ޕްރޮމޯޓް ކުރާ އަމިއްލަ އެ ކްލަބުން ބުނިގޮތުގައި ޓީމު ރިލޭއަށް ހުޅުވާލި 25 ޖާގައިގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ ފަސް ޖާގަ އެވެ.
މިއީ ރާއްޖޭގެ ތާރީހީ އަދަކާދައަކާ ގުޅުވައިގެން އެކުލަވާލި ފެތުމުގެ މުބާރާތެއް ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
"ރާއްޖޭގެ ރަށްރަށުގައި ކުރިން ބަނދަރު ނަހަދާއިރު ރަށަށް ފައިބަން އޮންނަ ގޮތަކީ އޮޑިން ފުންމާލައިގެން ފަތާފައި ރަށަށް އެރުން. ހާއްސަކޮށް ޒުވާނުން ބޮއްކުރައެއްގައި ނުވަތަ ކުޑަ ދޯންޏެއްގައި ރަށަކަށް ނާރާނެ ފަތާފައި އެރުމުގެ އާދަ އޮތުމުން. އެ ކޮންސެޕްޓު ރޭހެއްގެ ސިފައިގައި ފައްކާކުރީ،" ސްވިމް މޯލްޑިވްސްގެ އޮފިޝަލް ބުންޏެވެ.
ރޭސް ކުރިއަށްދާނެ ގޮތް
- އިންޑަވިޖުއަލް ރޭސް:
ފެތުންތެރިން ގޮވައިގެން އޮޑިއެއް ގޮނޑުދޮށުން ފެށިގެން 500 މީޓަރު ބޭރަށް ކަނޑަށް ނުކުތުމަށްފަހު، ކަށިގަނޑު ފުމެލުމުން ފެތުންތެރިން ފުންމާލައިގެން ފަތާފައި ގޮސް އެއްގަމަށް އެރުމެވެ. އެންމެ ފުރަތަމަ ރަށަށް އަރާ މީހާއަކީ އެ ރޭހުގެ ޗެމްޕިއަނެވެ.
- ޓީމު ރިލޭ:
އެއްގަމުގައި ހުންނަ ފެތުންތެރިޔާ ފަތާފައި އޮޑިއަށް ދިއުމުން، އޮޑީގައި ހުރި އޭނާގެ ޓީމުމޭޓް ފުންމާލައިގެން ދެމީހުން އެކުގައި ފަތާފައި އަލުން އައިސް ރަށަށް އެރުމެވެ. އެންމެ ފުރަތަމަ އެކުގައި އަރާ ޓީމަކީ ޗެމްޕިއަން ޓީމެވެ..
އަލަށް ފަތާ މީހުންނަށް ފުރުޞަތު:
އަލަށް ފަތާ ފެތުންތެރިންނަށް ކިކް ބޯޑެއް، ނޫޑްލްސްއެއް ނުވަތަ ފިންސެއް އަޅައިގެންވެސް ފެތިދާނެ އެވެ.
ސްވިމް މޯލްޑިވްސްއިން ބުނީ އެ ކްލަބްގެ އަމާޒަކީ ވީހާވެސް ގިނަ މީހުންނަށް ކަނޑުގައި ފެތުމުގެ އުފާވެރިކަން ހޯދައިދިނުމެވެ.
ސްވިމް މޯލްޑިވްސްގެ އެހެން ރޭސްތަކެކޭ އެއްގޮތަށް، "އޮޑިން ރަށަށް" ރޭހުގައި ވެސް ސަލާމަތީ ފިޔަވަޅުތަކަށް، ހަތަރު ކެނޯގައި ރެސްކިއު ޓީމެއް ޙަރަކާތްތެރިވާނެކަމަށް، އެ ކްލަބުން ބުންޏެވެ.
ފެތުމުގެ މުބާރާތްތައް ރަށްރަށުގައި ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް ދެކެނީ ބައެއް ރަށްރަށުން ދެކެނީ، ސްވިމް މޯލްޑިވްސްއިން ބުނިގޮތުގައި، އެ ރަށްރަށުގައި ފަތާ ފެންގަނޑެއް ނެތުމެވެ.
އެކަމަކު "އޮޑިން ރަށަށް" ރޭހުގެ ކޮންސެޕްޓާ އެކު ރަށްރަށުގައި ވެސް ފެތުމުގެ މުބާރާތް ބޭއްވުމަށް ހައްލު ލިބިގެންދާނެކަމަށް އެ ކްލަބުން ބުންޏެވެ.
"ބޭނުންވަނީ އޮޑިއަކާއި ބީޗެއް ކަމަށްވުމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މި ރޭސް ބޭއްވިދާނެ. ގަސްދުކުރަނީ މި ރޭސް އެހެން ރަށްރަށަށް ފުޅާކުރުމަށް،" އެ ކްލަބްގެ އޮފިޝަލް ބުންޏެވެ.
ސްވިމް މޯލްޑިވްސއިން ބުނިގޮތުގައި އެ ކްލަބްގެ ވިސްނުމަކީ ކޮންމެ ރަށެއްގެ ޗެމްޕިއަން އަތޮޅު މުބާރާތަށް ކޮލިފައިވެ، އަތޮޅު މުބާރާތުގެ ގަދަ 10 ފެތުންތެރިން ގައުމީ "އޮޑިން ރަށަށް" މުބާރާތަށް ކޮލިފައިވެ، ގައުމީ ޗެމްޕިއަނެއް ހޮވުމެވެ.
ވިލިމާލެ ރޭހަކީ މި ކޮންސެޕްޓަށް ބާއްވާ ފުރަތަމަ ރޭހެވެ. މިއަހަރު ތެރޭ މި ސީރީޒްގެ އިތުރު ތިން ރޭސް ބޭއްވުމަށް ސްވިމް މޯލްޑިވްސްއިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކްލަބުން ބުންޏެވެ.
އެކަމަށް ޝައުޤުވެރިވާ ކައުންސިލްތަކުން ނުވަތަ ކުލަބުތަކުން ސްވިމް މޯލްޑިވްސްއާ ގުޅުމަށް އެ ކްލަބުން އެދެ އެވެ.