ޓްރާންސްފާ މާކެޓްގައި 380 މިލިއަން ޕައުންޑް (514 މިލިއަން އެމެރިކާ ޑޮލަރު)، ހޭދަކޮށްގެން އާ ސީޒަނާ ކުރިމަތިލި ޓޮޓްނަމް ހޮޓްސްޕާސް ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓްނަމް ބަލިވީ 2-0 ންނެވެ.
މިދިޔަ ސީޒަނުގައި ރެލިގޭޝަނުގެ އަނދަވަޅުން އެ ކްލަބް ސަލާމަތް ކުރި އިޓާލީގެ ކޯޗު ރޮބާޓޯ ޑެ ޒާބީ އަށް، އާ ސީޒަނުގައި ޓީމު ހަމަޔަކަށް އެޅުވޭ ގޮތެއް ނުވެ އެވެ.
މީގެކުރީ ތިން ސީޒަނެއްގައި ކޮންމެ މެޗެއްގައި ހެން، އެ ކްލަބްގެ ސަޕޯޓަރުން އަޑުގަދަކޮށް މަލާމާތް ކުރަނީ މެނޭޖްމެންޓުން ކްލަބަށް އެކަށީގެންވާ ހަރަދު ނުކުރާތީ އެވެ. ރެލިގޭޝަނުގެ ތުންފަތްމަތިން ކިރިކިރިޔާ ސަލާމަތްވެ، އާ ސީޒަނާ ކުރިމަތިލީ ސަޕޯޓަރުންގެ ޑިމާންޑަށް ޖަވާބު ދީ، ހަރަދުކޮށްގެންނެވެ.
އެ ކްލަބުން ސޮއި ކުރުވި އަށް ކުޅުންތެރިންގެ ޓްރާންސްފާ އަށް، 500 މިލިއަނުން ކުރި ހޭދައިގެ ފައިދާ އަދި ނުނެގެ އެވެ. އޭގެތެރެއިން ފަސް ކުޅުންތެރިން ރޭގެ މެޗުގައި ފުރަތަމަ 11 ގައި ކުޅެން ނުކުތެވެ.
ނިއުކާސަލް ވެސް އޮތީ ކަލްބް އަލުން ބިނާ ކުރުމުގެ މަރުހަލާގަ އެވެ. ކުރީގެ ކެޕްޓަން ބުރްނޯ ގިމަރޭސް އާއި އެންތަނީ ގޯޑާން އާއި ނިކޯ ގޮންޒާލޭޒް ވެސް ވިއްކާލި އެވެ. ޓޮޓަނަމް އާއި ނިއުކާސަލްއާ ދެމެދު ވެސް ޓްރާންސްފާގެ މުއާމަލާތް ކުރި އެވެ. ސެންޑްރޯ ޓޮނާލީ ސޮއި ކުރުވަން ޓޮޓްނަމުން 100 މިލިއަން ޕައުންޑް ނިއުކާސަލަށް ދެއްކި އެވެ.
އެކަމަކު އެ އަގުބޮޑު ޓްރާންސްފާގެ ހޭދައިގެ ފައިދާއެއް ނިއުކާސަލާ ދެކޮޅަށް ޓޮޓްނަމަކަށް ނުނެގުނެވެ. ނަތީޖާގައި ކުރި ހޯދީ ނިއުކާސަލުންނެވެ.
ޓޮނާލީ ފުރަތަމަ ބޯޅައިގައި ޖައްސާލުމާ އެކު ނިއުކާސަލްގެ ސަޕޯޓަރުން ނުރުހުމުގެ ގޮވުންތަކުން އަޑުގަދަކޮށްލި އެވެ.
އަލަށް ސޮއި ކުރުވި ކުޅުންތެރިންގެ ތެރެއިން އުމަރު މަރްމޫޝް ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗުގެ 63 ވަނަ މިނެޓްގައި ޓޮނާލީ ބަދަލު ކުރުމުން، ނިއުކާސަލްގެ ސަޕޯޓަރުން އޭނާ އަށް މަލާމާތް ކުރުމުގެ ގޮތުން ގޮވި އެވެ. "ކަލޭ ހުންނަން ޖެހޭނީ ބޮޑު ކްލަބެއް" ގަ އެވެ.
ނިއުކާސަލްގެ ލަނޑުތައް ޖެހީ އެންތަނީ އެލަންގާ އާއި ޔޯން ވިސާ އެވެ.
ސްޕާސް އަށް ނަތީޖާ ނުނެރެވުނަސް، ޑެ ޒާބީ ބުނީ އަދި ހާސްވާން ނުޖެހޭ ކަމަށެވެ.
"ހާސްވާކަށް އަދި ނުޖެހޭ،" މެޗަށްފަހު ސްޕާސްގެ ކޯޗު ބުންޏެވެ.
"އަހަރެމެން މިދާ މިސްރާބާއި ޕްލޭނަކީ ކޮބައިކަން އަހަރެންނަށް އެނގޭ. ނަތީޖާއާ މެދު ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން. އަހަރެމެން ޖެހޭނެ އިތުރަށް ރަނގަޅުކުރަން. ދަނޑުމަތީގައި ބުރަކޮށް މަސައްކަތްކޮށް ކުޅުންތެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން އިތުރު ކުރަންޖެހޭ."
ބޮޑު ހަރަދު ކުރިޔަސް ޓީމު ޖޯޝެއް ނުގެނެވޭކަން އޭނާ އެއްބަސްވި އެވެ.
"އާނ ޔަގީނުން ވެސް ތިއީ ރަނގަޅު ވާހަކައެއް. އެންމެ ބޮޑު މައްސަލައަކީ، އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ވިސްނުން (މެންޓަލިޓީ) ގެނައުން. ދެރަކަމަކީ ބާޒާރުން ގިނަ ކުޅުންތެރިން ގަނެގެން ނުވަތަ ޓީމަށް ލައިގެން ރަނގަޅު މެންޓަލިޓީއެއް ނުގަނެވޭނެތީ. ފުޓްބޯޅައަކީ ޖާދޫއެއް ކަހަލަ ކަމެއް. އެކަކު ކުރާ ކަމަކުން އެއް ޓްރާންސްފާ ވިންޑޯއެއްގައި ގިނަ ކުޅުންތެރިން ބަދަލުކޮށްގެން ވަގުތުން ހަމަހަމަކަން ހޯދިދާނެ. ނުވަތަ އިތުރު ވަގުތު ބޭނުންވާނެ."