ފްރާންސްގެ ގައުމީ ކޯޗު ޒިނެދީން ޒިދާންގެ ކޯޗިން ޓީމުގައި ކުރީގެ ކީޕަރު ފަބިއަން ބާތޭޒް ހިމަނައިފި އެވެ. 

އަމިއްލަ ގައުމުގެ 1998 ގައި ބޭއްވި ވޯލްޑް ކަޕާއި 2000 ގެ ޔޫރޯގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިނުމުގައި ހިއްސާވި އޭރުގެ ދެ ކުޅުންތެރިން އެކުގައި ފްރާންސްގެ ޓީމުގައި މަސައްކަތް ކުރުމަކީ ފްރާންސްގެ ސަޕޯޓަރުންނަށް ލިބުނު އުފާވެރިކަމެކެވެ. 

ޒިދާންގެ ކޯޗިން ޓީމުގައި ކުރީގެ ރޭސްޖެހުންތެރިޔާ ބޭތޭޒަށް އޮތީ ކީޕަރުން ތަމްރީނުކުރުމުގެ ދައުރެވެ. 

ކުޅުން ހުއްޓާލުމަށް ފަހު، ބާތޭޒް ވަނީ ރޭސިން ކުޅިވަރުގައި ޝާމިލުވެފަ އެވެ. އެކަމަކު ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭނާ އެނބުރި ފުޓްބޯޅައިގެ ތެރެއަށް 2020 ގައި އެނބުރި އައެވެ. އެއީ ކުރިން އޭނާ ކުޅުނު ޓޮލޫސޭގެ ކޯޗިން ޓީމުގެ މެންބަރެއްގެ ގޮތުގަ އެވެ. 

ފްރާންސް ގައުމީ ޓީމުގެ އާ ގޯލްކީޕިން ކޯޗު، ކުރީގެ ލެޖެންޑް ބާތޭޒް
ފްރާންސް ގައުމީ ޓީމުގެ އާ ގޯލްކީޕިން ކޯޗު، ކުރީގެ ލެޖެންޑް ބާތޭޒް

އޭގެ ކުރިން ފްރާންސްގެ ކޯޗުކަން ކުރި ރެއިމޮންޑް ޑޮމެނެކާއި ލޮރެންޓް ބްލޭންކްގެ ދައުރުގައި ގައުމީ ޓީމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޒިދާންގެ ކޯޗިން ޓީމުގެ ިލިސްޓް އިއްޔެ އާންމުކޮށްފަ އެވެ. ޒިދާންގެ އެންމެ އިސް އެސިސްޓެންޓް ކޯޗުންނަކީ ރެއާލް މެޑްރިޑްގައި ވެސް އޭނާ އެކު މަސައްކަތް ކުރި އޭނާގެ އެކުވެރި ދެ ކޯޗުން ކަމަށްވަ ޑޭވިޑް ބެޓޯނީ އަދި ހަމީޑޫ މަސައިޑޫ އެވެ. 

ރެއާލް މެޑްރިޑްގައި ޒިދާން (މ) އާ އެކު މަސައްކަތް ކުރި އޭނާގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ބެޓެނީ (ކ) އާއި މަސައިޑޫ (ވ): ފްރާންސްގެ ގައުމީ ޓީމުގައި ވެސް އެ ދެ ކޯޗުން ޒިދާންގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ
ރެއާލް މެޑްރިޑްގައި ޒިދާން (މ) އާ އެކު މަސައްކަތް ކުރި އޭނާގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ބެޓެނީ (ކ) އާއި މަސައިޑޫ (ވ): ފްރާންސްގެ ގައުމީ ޓީމުގައި ވެސް އެ ދެ ކޯޗުން ޒިދާންގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ

ރެއާލްގެ ކޯޗުކަން ދެފަހަރެއްގެ މަތިން، ޒިދާން އަދާކުރި އިރު ވެސް އޭނާާއާ އެކު ބެޓޯނީ އާއި މަސައިޑޫ މަސައްކަތް ކުރި އެވެ. ރެއާލްގެ ކޯޗުކަމުން 2021 ގައި ޒިދާން ވަކިވުމުން، ބެޓޯނީ ވަނީ ސްވިސް ލީގުގެ ކްލަބަކަށާއި ޓިއުނީޝިއާ ލީގުގެ ޓީމަކަށް ކޯޗުކޮށްދީފަ އެވެ. 

ފްރާންސްގެ ކޯޗިން ޓީމުގައި ދެން ހިމެނެނީ ސްކައުޓް އަދި ޓެކްޓިކަލް އޮބްޒަވާ ސްޓެފާނ ޕްލޭންކް އަދި ރެއާލްގައި ވެސް ޒިދާންގެ ކޯޗިން ޓީމުގައި މަސައްކަތް ކުރި ލީޑް ސްޓްރެޓެޖީ އަދި ފޯމަންސް އެޑްވައިޒަރު ގްރެގަރީ ޑިޕޮންޓް އެވެ.

ޑޭޓާ އާއި ވީޑިއޯ އެނަލިސްޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ފަރީޑް ތާބެތާއި އެވެ. އެސިސްޓަންޓް ވީޑިއޯ އެނަލިސްޓްގެ މަގާމަށް ކްލެމެންޓް އީބާޓާ އެވެ.