އަންނަ އަހަރު ކުރީކޮޅު ސައުދީ އަރަބިއާގައި ބާއްވާ އޭޝިއަން ކަޕާ ދިމާވާތީ، އެ ގައުމުގައި ބާއްވާ ސްޕެނިޝް ސުޕަ ކަޕް ތުރުކީ އަށް ބަދަލުކޮށްފި އެވެ. 

އަންނަ އަހަރުގެ އޭޝިއަން ކަޕް އޮންނާނީ ޖެނުއަރީ ދޭކުން ފެބްރުއަރީ ފަހަކަށެވެ. ސްޕެނިޝް ސުޕަ ކްޕް ބާއްވާނީ ފެބްރުއަރީ 2-7 އަށެވެ. 

ސައުދީގެ ބޮޑު ސްޕޮންސާޝިޕަކާ އެކު 2020 އިން ފެށިގެން، ސްޕެއނިޝް ސުޕަ ބާއްވަމުން ދަނީ އެ ގައުމުގަ އެވެ. އެކަމަކު އަންނަ އަހަރު އޭޝިއަން ކަޕް އެ ގައުމުގައި ބާއްވާތީ، ތުރުކީ އަށް އެ މުބާރާތް ބަދަލުކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އެވެ.

ސައުދީގައި މުބާރާތް ނުބޭއްވުނަސް އެ ގައުމުގެ ރިޔާދު ސީޒަން ޓިކެޓުން މުބާރާތް ސްޕޮންސަކުރާނެ ކަމަށް ސައުދީ އާންމު މުނިފޫހިފުލުވުމުގެ އިދާރާގެ ވެރިޔާ ތުރުކީ އަލް ޝައިހްގެ އެޑްވަޒއިޒަރު އަބްދުލްމުޙްސިން އަލްޝައިޚް ވިދާޅުވި އެވެ. 

ސްޕެނިޝް ސުޕަ ކަޕް 2028 ން ފެށިގެން އަނެއްކާ ވެސް ސައުދީއަށް ބަދަލުކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ، ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސިއެޑާޑް ވާދަކުރާ މުބާރާތް ކުޅޭނީ އިސްތަންބޫލްގެ އަތާތުރުކް ސްޓޭޑިއަމްގަ އެވެ. އެ ދަނޑަކީ ޔޫއެފާގެ ގިނަ މެޗުތަކެއް ވެސް ބާއްވާ ދަނޑެކެވެ. 

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މުބާރާތުގެ އިންތިޒާމުތަކަށާއި ޕްރޮމޯޓް ކުރުމަށް އިސްތަންބޫލްގައި ހަރަކާތްތެރިވާ ކުންފުންޏަކުން މަސައްކަތް ކުރާނެ ކަމަށެވެ. 

އޭޝިއަން ކަޕް ބާއްވާނީ ސައުދީ ފަސް ސިޓީއެއްގަ އެވެ. ޖުމުލަ އަށް ދަނޑެއްގައި އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރުތުގެ މެޗުތައް އެ ގައުމުގައި ކުޅޭނެ އެވެ.