ޕެނަލްޓީ ޖަހައިގެން 5-3 ން ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާއިން ޗެރިޓީޝީލްޑް ދިފާއުކޮށްފި އެވެ.
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީޝިލް މާޒިޔާއިން، މި ކާމިޔާބު ކުރީ ހަތްވަނަ ފަހަރަށެވެ. އެ އައްޑަނަ އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ވެސް އޮތީ އެ ޓީމުގެ އަތުގަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ.
މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި ޖެހި ދެ ލަނޑުންނެވެ.
ފުރަތަމަ ހާފު ނިއުއިން ނިންމާލީ ތިން ލަނޑު ޖަހައިގެންނެވެ. އަދި އެ ޓީމު އަތުގައި ދެ ލަނޑުގެ ލީޑެއް ވެސް އެ ހާފު ނިމުނު އިރު އޮތެވެ.
މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ނިއުއިން ލިޑް ނެގި އެވެ. އެ ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ މިދިޔަ ސީޒަނުގައި ވެސް ނިއު އަށް ކުޅުނު ބްރެޒިލްގެ ވިންގާ ގިލްޔޭމީ ސިލްވާ އެވެ.
މާޒިޔާގެ ކުޅުންތެރިން އުފެއްދި ހަމަލާއެއް، ނިއުގެ ޑިފެންސުން ހުއްޓުވުމަށް ފަހު އަވަހަށް ކުރިއަށް ދިން ބޯޅަ ލިބުނީ ސިލްވާ އަށެވެ. އޭނާ ބާރު ސްޕީޑްގައި ކުރިއަށް އަރައިގެން ގޮސް އޭރިއާގެ އަރިމަތިން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށް ދިނެވެ. ޑޯރީ ވަނީ އެ ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ނިއުގެ ދެވަނަ ލަނޑަކީ، ދަނޑުމަތީގައި ހުރި އެންމެ އުމުރުން ދޮށި އެއް ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އާއި ދަނޑުމަތީގައި ތިބި ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީގެ ކޮމްބިނޭޝަން ފެނިގެން ދިޔަ ލަނޑެކެވެ.
މެޗުގެ 36 ވަނަ މިނެޓްގައި ކައުންޓަ އެޓޭކްގައި ލިބުނު ފުރުސަތުގައި، މާޒިޔާގެ ހާފުގެ ތެރެއިން އީތަން ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ސެންޓޭ އަށް ބޯޅަ ދިނެވެ. ތަޖުރިބާކާރު ފޯވާޑް ވަނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފަށް އެއްވެސް ގުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ 43 ވަނަ މިނެޓްގައި މާޒިޔާގެ ލަނޑު ޖެހީ އިލާން އިމްރާނެވެ. އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)، ދިން ހިތްގައިމު ޕާސް ލިބިގަނެ އިލާން ވަނީ އެ ބޯޅަ ގޯލްގެ ތިރީކަނަށް ފޮނުވާލައިފަ އެވެ.
ނަތީޖާ އެއް ލަނޑަށް ފަރަގު ކުޑަކޮށްލައިގެން މާޒިޔާ އަށް މާގިނައިރަކު ނުތިބެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޯރީ ވަނީ އިތުރު ލަނޑެއް ޖަހައި ނިއު އަށް އަނެއްކާވެސް ލީޑް ފުޅާކޮށްދީފަ އެވެ. އެ ލަނޑު ޖަހަން ވެސް އޭނާ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ސިލްވާ އެވެ.
އެކަމަކު މި ފަހަރު ޑޯރީ އަށް އެ ބޯޅަ ލިބުނީ މާޒިޔާގެ ހާފުގެ މެދެއްހާ ހިސާބުންނެވެ. އެ ބޯޅަހިފައިން އޭނާ ކުރިއަށް ދިޔައީ ހަލުވި ސްޕީޑާ އެކު އެވެ. އަދި އޭރިއާ ތެރެއަށް ވަދެ، އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ކީޕަރު ހުސައިން ޝަރީފްގެ ގައި މަތިން އޮއްސާލަފަ އެވެ. އެ ބޯޅަ އަށް ހުސައިން ކުރިމަތިލީ ވެއްޓިގެނެ، ޑޯރީގެ ފައިދަށުން ބޯޅަ ހޯދުމަށެވެ. އެކަމަކު އެ ފުރުސަތެއް ތަޖުރިބާކާރު ޑޯރީ ނުދިނެވެ.
ދެވަނަ ހާފު ފެނުނީ މާޒިޔާގެ ޑޮމިނޭޝަނެވެ. ނިއުގެ އަތުގައި އޮތް ދެ ލަނޑުގެ ލީޑަށް، ފަހަތުން އަރައި މާޒިޔާއިން ނިމުން ގެނެ އެވެ.
ދެވަނަ ހާފު ފެށިގެން 10 މިނެޓް ނުވަނީސް، ފޭދޫ އިއްބެ ލަނޑު ޖަހައި ފަރަގު ކުޑަ ކުރި އެވެ.
އެ ވަގުތު ނިއުގެ ޑިފެންސް އޮތީ ހާވިއާ ވެފަ އެވެ. އެ ހަމަލާގައި ފުރަތަމަ ބޯޅަ ހިފައިގެން ކުރިމަތިލީ ހައިޝަމް ހަސަން (ބިޑި) އެވެ. އޭނާ އަތުން ބޯޅަ ގެއްލުވާލެވުނަސް، ބޯޅަ ދުރަ ސާފުކޮށްލުމުގައި ނިއުގެ ޑިފެންޑަރުނަން ކާމިޔާބެއް ނުލިބުނެވެ.
ދެން އެ ބޯޅަ ލިބުނީ އިލާން އަށެވެ. އޭނާ އަތުން ބޯޅަ ހޯދަން ނިއުގެ ކީޕަރު އަހްމަދު ސަމީރު ވެސް ކުރިމަތިލި އެވެ. އެކަމަކު އޭނާ އަށް ބޯޅަ ލިބޭ ގޮތެއް ނުވި އެވެ. އަދި ނިއުގެ ކުޅުންތެރިން ބޯޅަ ބޭރުކޮށްލަން އުޅުނު ނަމަވެސް ބޯޅައިގެ ކޮންޓްރޯލް އޮތީ ގެއްލިފަ އެވެ. އެ ވަގުތު ފޭދޫ އިއްބެ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށް ދިނީ އިލާނެވެ. އަހްމަދު އައިހަމް (ފަތޯ) އޭރިއާގެ އަރިމަތިން އަރައި، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ގޯލްގެ ބުޑުގައި ހުރެ އިލާން ބޮލުން ގޯލްގެ ތެރެއަށް ވައްދާލި އެވެ.
އެ ގޯލްގެ ބިލްޑްއަޕްގައި މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމާއި އައިހަމްގެ ހިތްގައިމު ކޮމްބިނޭޝަން ޕްލޭއެއް ފެނުނެވެ.
ސެންޓަ ސާކަލްތެރެއިން އައިހަމް އެ ބޯޅަ ދިނީ ކުރީގައި ހުރި ލޫތު އަށެވެ. އޭނާ އެ ބޯޅަ ހިފައިގެން ކުރިއަށް ގޮސް އަލުން ބޯޅަ ފަހަތަށް ޕާސްކޮށްލީ އައިހަމް އަށެވެ. އައިހަމް އޭރިއާގެ އަރިމަތިން އަރައި ބޯޅަ ފޮނުވާލީ ނިއުގެ ޑިފެންޑަރު ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ.
މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވެގެން ނިމުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުމުގެ ބަދަލުގައި ނިންމީ ޕެނަލްޓީ ޝޫޓްއައުޓަށް ދިއުމަށެވެ.
ޕެނަލްޓީޝޫޓުއައުޓްގައި މާޒިޔާއިން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އިލާން، އައިހަމް، ނައްސާހް އިބްރާހިމް ނާސިރާއި އައިދު މުހައްމަދު ޖަވީޒާއި ހައިޝަމް އެވެ.
ނިއުއަށް ނާކާމިޔާބުވީ، އެ ޓީމުގެ މުހައްމަދު ނާއިމް ފޮނުވާލި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ކީޕަރު ހުސައިން ދިފާއު ކުރި އެވެ. އެ ޓީމުގެ އެހެން ޕެނަލްޓީތައް ޖެހީ ފުރަތަމަ ޕެނަލްޓީ ޑޯރީ، މޫސާ ޔާމީން، އަހްމަދު އަބްދުﷲ (ލިލީ)
ނިއުގެ މުހައްމަދު ނާއިމް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ހުސައިން ދިފާއު ކުރި އެވެ.
މާޒިޔާ މެޗުން މޮޅުކޮށްދިން ޕެނަލްޓީ ވައްދާލީ ހައިޝަމް އެވެ.