އިޓަލީ ގައުމީ ފުޓްބޯޅަ ޓީމާއި، އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ފްރޭންކޯ ބަރޭސީ އުމުރުން 66 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ބަރޭސީ މަރުވީ، ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ އަހަރު އޭނާ ވަނީ ފުއްޕާމޭގައި އުފެދުނު ޓިއުމަރެއް ނަގަން އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭގެ ފަހުން ކެންސަރުގެ ސްޕެޝަލިސްޓެއްގެ ބެލުމުގެ ދަށުން އޭނާ ދިޔައީ އިތުރު ފަރުވާ ހޯދަމުންނެވެ.

މުޅި ކެރިއަރު މިލާނުގައި ހޭދަކުރި ބަރޭސީ ވަނީ އެ ޓީމަށް 1977-1997 އަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ، 15 އަހަރު ކެޕްޓަންކަން ކޮށްފައެވެ. އެ ޓީމު ދެ ފަހަރެއްގެ މަތިން ރެލިގޭޓްވި ނަމަވެސް، އޭނާ ވަނީ ވަފާތެރިކަމާއެކު ކްލަބުގައި މަޑުކޮށްފަ އެވެ.

ސިލްވިއޯ ބާލުސްކޯނީގެ ރަން ޒަމާނުގައި މިލާނުން އިޓަލީ އާއި ޔޫރަޕުގެ ފުޓްބޯޅައިގައި ރަސްކަން ކުރިއިރު، އޭނާއަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިލާނާއެކު އިޓާލިއަން ލީގު ހަ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ބަރޭސީގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އަދި ފަހުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕައޮލޯ މަލްޑިނީ ބުނީ، "ކެޕްޓަނާ ނުލައި އަހަރެމެން އުޅޭނީ ކިހިނެއްކަމެއް ނޭނގެ" ކަމަށެވެ.

ބަރޭސީ (ވ) 1994 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅެނީ. -- ފޮޓޯ: އޭއެފްޕީ
ބަރޭސީ (ވ) 1994 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅެނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެން ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު އޭނާ އަހަރެން ރައްކާތެރިކޮށްދިން. ޒުވާނެއްގެ ގޮތުގައި ހުރިއިރު މަގުދައްކައިދިން. އަދި ބޮޑު މީހެއްގެ ގޮތުގައި ހުރިއިރު ނަމޫނާއަކަށް. ބަރޭސީއަކީ އަހަންނަށް އެކުގައި ކުޅެލުމުގެ ޝަރަފު ލިބުނު އެންމެ ކުޅަދާނަ ކުޅުންތެރިޔާ،" މަލްޑިނީ ލިޔެފައިވެ އެވެ.

ބަރޭސީ ކުޑައިރު ފުރަތަމަ ދިޔައީ އޭނާގެ ބޭބެ އަދި އިންޓަ މިލާނުގެ ލެޖެންޑް ޖިސެއްޕޭ ބަރޭސީއާއެކު އިންޓަގެ ޔޫތު ޓީމުގެ ޓްރަޔަލްއަކަށެވެ. ނަމަވެސް އިސްކޮޅުން ކުޑަވުމުގެ ސަބަބުން އިންޓައިން އޭނާއަކަށް ފުރުސަތެއް ނުދިނެވެ. ނަމަވެސް ބަރޭސީއަކީ މޮޅު ޑިފެންޑަރަކަށް ވުމަށް އިސްކޮޅާއި ޖިސްމާނީ ވަރުގަދަކަން ލާޒިމް ނޫންކަން ސާބިތުކޮށްދިން ކުޅުންތެރިއެކެވެ. އޭނާއަކީ ވިސްނުންތެރިކަމާއެކު ގޭމް ރީޑްކޮށް، ކުޅުންތެރިންގެ ހަރަކާތްތައް ދެނެގަނެ، މުހިންމު ވަގުތުތަކުގައި ބޯޅަ ހޯދުމުގެ އިތުރުން އިދިކޮޅު ޓީމު އޮފްސައިޑް މަޅީގައި ޖެއްސުމުގެ މާހިރެކެވެ.

ބަރޭސީ ވަނީ އިޓަލީން 1982 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ސްކޮޑުގައި ހިމެނިފަ އެވެ. އޭގެ ފަހުން އިޓަލީން 1990 ގައި ތިން ވަނަ ހޯދިއިރާއި، 1994 ގައި ދެ ވަނަ ހޯދިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެމެރިކާގައި 1994 ގައި އޮތް މުބާރާތުގެ ދެވަނަ މެޗުގައި ބަރޭސީގެ ކަކުލުގެ މެނިސްކަސް އިރައިގެން ދިއުމުން، އޮޕަރޭޝަނެއް ކުރުމަށްފަހު އެނބުރި އައިސް ފައިނަލް މެޗުގައި ކުޅުނެވެ. އެ މެޗުގައި ބްރެޒިލްގެ އެޓޭކްތައް ހުއްޓުވުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އެކަމަކު، ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާއާއި ރޮބާޓޯ ބާޖިއޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ތަށި އުފުލާލީ ބްރެޒިލް އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު މިލާނުގެ ޔޫތު ޓީމަށް 2002-2008 އަށް ކޯޗުކޮށްދިން ބަރޭސީ، އެންމެ ފަހަކަށް ހުރީ ކްލަބުގެ އޮނަރަރީ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި މިލާން ފައުންޑޭޝަންގެ ޕްރޮޖެކްޓްތަކާއި ކްލަބުގެ ސަފީރެއްގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކަށް އޭނާ ދަތުރުކުރި އެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިލާނުން ވަނީ އޭނާ ބޭނުންކުރި 6 ނަންބަރު ޖާޒީ 1997 ގައި ރިޓަޔާކޮށްފަ އެވެ. އެއީ އިޓަލީގައި ކުޅުންތެރިޔަކަށް އެފަދަ ޝަރަފެއް ދިން ފުރަތަމަ ފަހަރެވެ.

ބަރޭސީ ވަނީ އިންގްލެންޑުގެ ފުލަމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް މަހެއްހާ ދުވަހު މަސައްކަތްކޮށްފަ އެވެ. އެކަމަކު މިލާން ނޫން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ސީޒަން ރަނގަޅަށް ނުފެށެނީސް އެނބުރި އައީ އެވެ.