ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ސެޕްޓެމްބަރު އިންޓަނެޝަނަލް ބްރޭކުގައި ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމަށް އެކުވެރިކަމުގެ ހަތަރު މެޗު ހަމަޖައްސައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގަ އެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބަންގްލަދޭޝް އިން ވަނީ އަމާޒު ކަނޑައަޅައިފަ އެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ތަބިތު އަވަލް އެ ގައުމުގެ 'ދި ޑެއިލީ ސްޓާ' އަށް ވިދާޅުވީ ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް 10 ދުވަހުގެ ތަމްރީން ކޭމްޕެއް އޮންނާނެ ކަމަށެވެ.

"އަހަރެމެން ހަތަރު މެޗު ހޯދައިދޭނަން. ބޭނުމަކީ ރޭންކިންގައި މައްޗަށް ޖެހިލުމާއި، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުން،"

ސާފް ޗެމްޕިއަންޝިޕުގެ ކުރިން ދެ ހަފުތާގެ އިތުރު ތަމްރީން ކޭމްޕެއް ވެސް ޓީމަށް ހަމަޖައްސައިދޭން ވަނީ ނިންމައިފަ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް 21 ގަ އެވެ. އެކަމަކު ސީޒަން ހުޅުވާ މެޗުގައި ވާދަކުރާ އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ނިސްބަތްވާ ބަޝުންދުރާ ކިންގްސް އާއި އަބަހާނީ ލިމިޓެޑުން އަދި ޕްރީ ސީޒަން ޕްރެކްޓިސް ނުފަށަ އެވެ.

ފެޑެރޭޝަނުން ބުނީ ކްލަބްތަކަށް ބަރޯސާ ވެވެން ނެތް ކަމަށާއި، ކުޅުންތެރިންގެ ފިޓްނަސް އާއި އަނިޔާގެ ހާލަތާއި، ޑައިޓުގެ ކަންކަން ކައިރިން ގައުމީ ޓީމުގެ ކޮމިޓީން ބަލަމުން ކަމަށެވެ.

"އުއްމީދުކުރަނީ އޮގަސްޓް ފެށެންވާއިރަށް ކްލަބްތަކުން ޕްރެކްޓިސް ފަށާނެ ކަމަށް،"

ބަންގްލަދޭޝްގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ލެސްޓާ ސިޓީގެ ހަމްޒާ ޗައުދަރީ އާއި އިޓަލީގެ ފަސް ވަނަ ޑިވިޝަނުގެ އޮބްލިއާ ކަލްޗިއޯ އަށް ކުޅޭ ފަހަމެދުލް އިސްލާމެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް ފަށަނީ ނޮވެމްބަރު މަހުގެ ފީފާ ބްރޭކުގެ ފަސް ދުވަސް ކުރިން ކަމުން މުބާރާތުގެ ކުރީކޮޅު އެ ދެ ކުޅުންތެރިންނަށް ނުކުޅެވިދާނެ އެވެ.