ރާއްޖޭގެ ޓީ20 ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތް އަނާކީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފި އެވެ.

ޗެމްޕިއަންކަން ހޯދައި އަނާކީ ވަނީ ކްރިކެޓްގެ އެއްވަނަ ޑިވިޝަން ކަމަށްވާ ޓީ20 ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފަ އެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އަނާކީ ކުޅުނު ޗެމްޕިއަންޝިޕް ފައިނަލް މެޗު ކާމިޔާބު ކުރީ ހަތް ވިކެޓުންނެވެ.

އަނާކީ އަށް ޓޮސް ދިމާވެގެން އެންމެ ފުރަތަމަ އެ ޓީމު ނިންމީ އުކާށެވެ. މި އިނިންސްގައި ބީޖީ އަށް 82 ލަނޑު ހެދުނު އިރު 15.5 އޯވަރު ތެރޭ ވަނީ ހުރިހާ ކުޅުންތެރިން ނުބައި ވެފަ އެވެ.

ބީޖީން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 26 ލަނޑު ހެދި ޑޮން ކަސުން އެވެ. އަނާކީގެ ނިފްރާސް ނަޒްމީ އާއި އިސުރު ސަމްޕަތު ވެސް ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ. އިސުރު ސަމްޕަތު ހަތަރު ވިކެޓް ނެގީ 2.5 އޯވަރު އުކައިގެންނެވެ.

ޓީ20 ޗެމްޕިއަންޝިޕްގެ ރަނަރަޕް ބީޖީ ސްޕޯޓްސް ކްލަބް.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް
ޓީ20 ޗެމްޕިއަންޝިޕްގެ ރަނަރަޕް ބީޖީ ސްޕޯޓްސް ކްލަބް.-- ފޮޓޯ: ކްރިކެޓް މޯލްޑިވްސް

ޖަވާބުގައި ކުޅެން އަރައި އަނާކީ ވަނީ 9.1 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައި ވެގެން 83 ލަނޑު ހަދައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮފު އެފްސީގެ ދިނޭޝް ކުމާރެވެ. އެންމެ މޮޅު ބެޓްސްމަނަކަށް އަނާކީގެ ސަމްޕަތު ދިނޭޝް ހޮވުނު އިރު އެންމެ މޮޅު ބޯލަރަކީ ބީޖީގެ ނިބޯދާ ޝިވަންތަ އެވެ.

ޖޫން 26 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޓީ20 ޗެމްޕިއަންޝިޕްގައި ނުވަ ޓީމު ވާދަ ކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ނުވަ ޓީމު ދެ ގުތޫޕަކަށް ބަހާލައިގެންނެވެ. 

ގުރޫޕް އޭގައި ވާދަ ކުރީ އައިޒީ އާއި ބީގީ އަދި ކްލަބް އޯލް ސްޓާގެ އިތުރުން ވިޗެންޒާ އާއި ވެސްޓް ސްޕޯޓްސް އެވެ. ގުރޫޕް ބީގައި ވާދަ ކުރީ އަނާކީ އާއި ސީބީއެމް އެކަޑަމީ އާއި ލަޔަންސް ރެކްރިއޭޝަން ކްލަބާއި ިއޮފު އެފްސީ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބީޖީ ވަނީ 41 ލަނޑުން އޮފު އެފްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސެމީގެ ދެވަނަ މެޗުން އަނާކީ މޮޅުވީ ވިސެންޒާއާ ވާދަ ކޮށް ދެ ވިކެޓުންނެވެ.