ސެމީ ފައިނަލްގެ ފަހު މެޗުގައި 4-3 އިން ކްލަބް އެމްޓީސީސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއާ އެކު މި އަހަރުގެ ފައިނަލްގައި ވެސް ވާދަ ކުރާނީ، މިދިޔަ އަހަރުގެ ފައިނަލް ވެސް ކުޅުނު އާރުއާރުސީ އާއި އެސްޓީއޯ އާރުސީ އެވެ. އެސްޓީއޯ ވަނީ ސެމީގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ 3-1 އިން ކްލަބް އެޗްޑީސީ ބަލި ކޮށްފަ އެވެ.

ރެހެންދި ޓާފް ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ހަތަރުވަނަ މިނިޓުގައި އަހުމަދު އަފްލާޒް ވަނީ އާރުއާރުސީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މި ހާފުގެ 10 ވަނަ މިނިޓުގައި އެމްޓީސީސީ އަށް އެއްވަރު ކޮށްދިނީ މުހައްމަދު އިސާމް (ޝަންޓެ) އެވެ.

ސޯރެސް، އެމްޓީސީސީ އަށް ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު
ސޯރެސް، އެމްޓީސީސީ އަށް ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު

އޭގެ ހަ މިނިޓު ފަހުން، ފައުލް ހަމަވެގެން އެމްޓީސީސީ އަށް ލިބުނު ދުރު ޕެނަލްޓީއަކުން އެ ޓީމަށް މެޗުގައި ލީޑު ނަގައިދިނީ ބްރެޒިލްގެ ކުޅުންތެރިޔާ ނޭޓަން ސޯރެސް އެވެ. އަދި މި ހާފުގެ ފަހު މިނިޓް ތެރޭ އެމްޓީސީސީގެ ފައުލް ހަމަވެގެން އާރުއާރުސީ އަށް ލިބުނު ދުރު ޕެނަލްޓީއަކުން ނަތީޖާ އެއްވަރު ކޮށްދިނީ ޝަނާން ރަޝާދެވެ.

އާރުއާރުސީ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ގާތްގާތުގައި ޖެހި ދެ ގޯލުންނެވެ. މެޗުގެ 29 ވަނަ މިނިޓުގައި އާދަމް ނާސިހް (އާދަންނާ) އެ ޓީމަށް އަލުން ލީޑު ހޯދައިދިން އިރު، އޭގެ މިނިޓެއް ތެރޭ ލީޑު ފުޅާ ކޮށްދިނީ އިރާންގެ ކުޅުންތެރިޔާ މުހްސިން މޮންޓަޒޭމީ އެވެ. މެޗުގެ މޮޅު ކުޅުންޔެރިއަށް ވެސް ހޮވުނީ އޭނާ އެވެ.

އެމްޓީސީސީން ކުރި މަސައްކަތުން މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓިއަކުން ސޯރެސް އެ ޓީމަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

މޮހްސިން (ވ) އާރުއާރުސީގެ ފަހު ލަނޑު ޖެހުމަށް ފަހު އަފްލާޒް (ކ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު
މޮހްސިން (ވ) އާރުއާރުސީގެ ފަހު ލަނޑު ޖެހުމަށް ފަހު އަފްލާޒް (ކ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ / ވިޝާހު ޒަރީރު

ފައިނަލްގެ ޖާގަ އާއެކު އާރުއާރުސީ ޓީމު ވަނީ ސަޕޯޓަރުންނާ އެކު ވަރަށް ބޮޑަށް އުފާފާލު ކޮށްފަ އެވެ. އުފާފާޅުކުރުމުގެ ތެރޭގައި ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި މަގުބޫލުކަން ހޯދި ނޯވޭގެ "ވައިކިން ރޯ" އެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެއަށް ފަހު ދަނޑުމަތީގައި އުފާފާލުކުރުން ނިންމާލީ ޓީމު އެއްކޮށް ޝުކުރުގެ ސަޖިދައަކަށް ތިރިވެ އެވެ.

މިއީ އާރުއާރުސީ ވިދިވިދިގެން ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ދިޔަ ހަތަރުވަނަ ފަހަރެވެ. އެ ޓީމު 2023 އަދި 2024 ގެ ފައިނަލްގައި ކްލަބް ވެމްކޯ އަތުން ބަލިވި ނަމަވެސް، މިދިޔަ އަހަރު ވަނީ ފައިނަލްގައި އެސްޓީއޯ އަތުން މޮޅު ވެފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީ މުބާރާތުން ކެޓީ ކުއާޓާ ފައިނަލްގައި އެސްޓީއޯ އަތުން ބަލި ވެގެންނެވެ.

މި  އަހަރުގެ ފައިނަލްގައި އާރުއާރުސީ އާއި ސްޓެލްކޯ ބައްދަލުކުރާނީ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރެވެ.