ވޯލްޑް ކަޕުން ސައުދީ އަރަބިއާ ކެޓުމުގެ ފުރިހަމަ ޒިންމާ ނަންގަވާކަން އިއުލާންކޮށް، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޔާސިރު އަލް މިސްހަލް އިސްތިއުފާ ދެއްވައިފި އެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން، ސައުދީ އަށް ހޯދުނީ ދެ ޕޮއިންޓެވެ. އެއީ މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑޭ އާއި އުރުގުއޭއާ އެއްވަރުކޮށް ހޯދި ދެ ޕޮއިންޓެވެ. އެކަމަކު ސްޕެއިން އަތުން ބަލިވީ އެވެ. ސައުދީ ފަހަތަށް ޖައްސާލުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކުޑަކުޑަ ކޭޕް ވާޑޭ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ވޯލްޑް ކަޕް ކައިރިވެފައި ވަނިކޮށް، ސައުދީގެ އޭރުގެ ކޯޗު ފްރާންސްގެ ހާވް ރެނާޑް މަގާމުން ވަކިކޮށް، ސައުދީން ކޯޗު ބަދަލު ކުރިއެވެ. އެ މަގާމު ހަވާލު ކުރީ ގްރީކް ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނުގެ ކޯޗު ޔޯރްގޮސް ދޯނިސްއާ އެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ވޯލްޑް ކަޕް އެހާ ކުޑަތަން ވެފައި ވަނިކޮށް، ސައުދީން ކޯޗު ބަދަލު ކުރުމަކީ ހެދި ގޯހެކެވެ. އެކަމަކު ދެވަނަ ފަހަރަށް ސައުދީގެ ކޯޗު ކަމާ ހަވާލުވި ރެނާޑް، މިދިޔަ މަހު ސައުދީގެ ވަޒީފާއިން ވަކި ކުރީ، ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ނަތީޖާއެއް ނުނެރެވުމުންނެވެ.

ރެނާޑް ވަނީ، ވޯލްޑް ކަޕްގެ ތެރޭގައި ޓިއުނީޝިއާގެ ކޯޗު ކަމާ ހަވާލުވެފަ އެވެ. އޭނާ އެ ޓީމާ ހަވާލުވީ، ފުރަތަމަ މެޗުގައި ކުރިމަތިވި ބޮޑު ބައްޔަށް ފަހު އޭރުގެ ކޯޗު މަގާމުގައި ހުރި ސަބްރީ ލަމޫޝީ ވަކި ކުރުމަށް ފަހު އެވެ. ޓިއުނީޝިއާ ވޯލްޑް ކަޕުން ކެޓި ނަމަވެސް، ރެނާޑް އެ ޓީމާ އެކު ކުރިއަށްދާނެ އެވެ.

ސައުދީން ވަނީ މިދިޔަ ތިން އަހަރު ފުޓްބޯޅަ އަށް ބިލިއަނުން ހަރަދުކޮށްފަ އެވެ. އެ ގައުމުގެ ލީގު ވަރުގަދަ ކުރަން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ، ކަރީމް ބެންޒެމާ އާއި ސެޑިއޯ މާނޭ ފަދަ ކުޅުންތެރިންނަށް ސައުދީގެ ކްލަބްތަކުން ބޮޑު ހޭދައެއް ކުރި އެވެ.

އެކަމަކު ގައުމީ ޓީމަށް އޭގެ ހަގީގީ ފައިދާއެއް ނުހޯދުނެވެ. މިސްހަލް ވިދާޅުވީ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ ނަންގަވާ ކަމަށެވެ.

"ވޯލްޑް ކަޕްގެ އަނެއް ބުރަށް ގައުމީ ޓީމު ކޮލިފައިނުވެ މުބާރާތުން މި ކެޓީ އަހަރެމެން އެންމެން އުންމީދު ކުރި ގޮތަކަށް ނޫން. މިއީ ވަރަށް ދެރަ ނަތީޖާއެއް. އަދި މިކަމުގެ ފުރިހަމަ ޒިންމާ އަހަރެން އަމިއްލައަށް ބޮލުގައި އަޅަން. އަހަރެމެންގެ ޓީމު މިއަށްވުރެ ރަނގަޅު ހިސާބަކަށް ދާނެ ކަމަށް އުންމީދު ކޮށްގެން ތިބި އެންމެހާ ސަޕޯޓަރުންގެ ކިބައިން އަހަރެން މައާފަށް އެދެން،" އާދިއްތަ ދުވަހުގެ ރޭ މިސްހަލް އެކްސްގައި ލިޔުނެވެ.

"ޒިންމާދާރުވުމަކީ އާ ފެށުމަކަށް [އާ ލީޑާޝޕަކަށް] ފުރުސަތު ދިނުން. އެހެންވީމާ އަހަރެންގެ މިހާރުގެ ދައުރު ހަމަވަންދެން މަގާމުގައި ނުހުންނަން މިހާރު މިވަނީ ނިންމާފަ."

އެފްއޭގެ ރައީސްކަމުގައި އޭނާ ހަތް އަހަރު ހޭދަކުރެއްވި އެވެ. އޭއެފްޕީން ސިފަކުރި ގޮތުގައި މިސްހަލްގެ އެންމެ ބޮޑު ކާމިޔާބަކީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަށް ހޯދައި ދިނުމެވެ. 

އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕް ވެސް އޮންނާނީ އެ ގައުމުގަ އެވެ.