ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕުން ކެޓައިގެން ދިއުމުގައި ކުރިމަތިވި މައްސަލަތައް ބަލައި ފިޔަވަޅުއަޅަން އެ ގައުމުގެ ރައީސް ލީ ޖައެ މިއުން އަންގަވައިފި އެވެ. 

ދެކުނު ކޮރެއާ ފަސޭހަ ގްރޫޕަކުން ދެވަނަ ބުރަށް ހޮވޭނެ ކަމަށް ބެލެވުނެވެ. އެކަމަކު މެކްސިކޯ އާއި ދެކުނު އެފްރިކާ އަތުން ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި ނަތީޖާއާ ގުޅިގެން ރައީސް ލީ، އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހީނުކުރާ ނަތީޖާއިން ހައިރާންކަމާއި މާޔޫސްކަން ލިބިވަޑައިގަތް ކަމަށެވެ.

ރައީސް ލީ ވިދާޅުވި ގޮތުގައި އެގައުމުގެ ކޯޗު ހޮން މްޔުންގްބޯ ހަމަޖެއްސުމުގައި ފުޓްބޯޅަ އެސޯސިއޭޝަނުން އަމަލުކުރި ވަކިފަރާތަކަށް ބުރަވެ ހުރެ ކަމަށެވެ. އޭގެ އެ މައްސަލަ ތަހުގީގު ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް، ރައީސް ލީ ވަނީ އަމުރުކުރައްވާފަ އެވެ. 

"ގާބިލުކަމަށް ބެލުމުގެ ބަދަލުގައި ވަކި ބަޔަކަށް އިސްކަންދީ. ނާގާބިލު މީހަކު ލީޑަރަކަށް ހޮވުމުން ނުކުންނާނެ ނަތީޖާ މިއަދު މިވަނީ ވަރަށް ސާފުކޮށް ފެނިފަ،" ރައީސް ލީ ވިދާޅުވި ނެވެ.

ޖުލައި 2024 ގައި ކޮރެއާގެ ކޯޗުގެ މަގާމަށް ދެވަނަ ފަހަރަށް ހޮންގް އައްޔަންކުރުމާ އެކު، ކޮރެއާގެ މީޑިއާތަކުން ވަނީ އެ ނިންމުމަކީ ހާމަކަން ބޮޑު ގޮތެއްގައި ނިންމި ނިންމުމެއް ނޫން ކަމަށް ބުނެ ފާޑު ވެސް ކިޔާފަ އެވެ. ނަމަވެސް ކޯޗު ހޮންގް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރައީސް ލީ ވިދާޅުވި ގޮތުގައި މިފަދަ ގޯސް ނިންމުންތައް ނިންމަނީ، މަގާމުތަކަށް މީހުން އައްޔަންކުރާ ފަރާތްތައް ޒިންމާދާރުކުރުވޭނެ ނިޒާމެއް ނެތުމުންނެވެ.

"އާންމު މަސްލަހަތަށްވުރެ އަމިއްލަ މަންފާއަށް އިސްކަންދީ މިފަދަ ނާގާބިލު އައްޔަންކުރުންތައް ނިންމަނީ މަގާމުގެ ބާރު ހުރި ފަރާތްތައް މޮނިޓާކޮށް ފިޔަވަޅު ނޭޅޭތީ،" ރައީސް ލީ ވިދާޅުވި ނެވެ.

މި މައްސަލައިގައި ކޯޗު މަގާމުން ވަކިކުރުމަށް ގައުމީ މަޖިލީހުގެ ވެބްސައިޓުގައި ފެށި ޕެޓިޝަނަށް ގިނަ ބައެއްގެ ސޮއި ވަނީ ހަމަވެފަ އެވެ. އެކަމަކު އޭނާ ވަނީ ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފަ އެވެ. މިއީ އޭނާގެ ކޯޗުކަމުގައި ކޮރެއާ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ދެވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން 2014 ގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ކޮރެއާ ކެޓީ ވެސް އޭނާ މަގާމުގައި ހުއްޓަ އެވެ. އެ ފަހަރު ވެސް ކޮރެއާ އަށް މުބާރާތް ނިމުނު ފަހުން އަމިއްލައަށް އިސްތިއުފާ ދިނެވެ. 

ކޮރެއާ ބައެއް ފިހާރަތަކަށް ކޯޗު ވަނުން މަނާކުރާ ބޯޑުތައް ހަރުކޮށްފައިވާ ފޮޓޯތައް ވެސް ދަނީ ސޯޝަލް މީޑިއާގައި ވައިގައި ހިފައިފަ އެވެ. 

ޓީމަށް ދިމާވި މި ނާކާމިޔާބީއަކީ މުޅި އޯގަނައިޒޭޝަނާއި މީހުން އައްޔަންކުރުމުގައި ހެދުނު ގޯސްތަކުގެ ނަތީޖާ ކަމަށް، އެ ގައުމުގެ ރައީސް ލީ ފާހަގަކުރެއްވި އެވެ.