މިހާރު ކުރިއަށް ދާ ބުރުނު ޝިކާރު ބޮޑީބޯޑިން މުބާރާތުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ މަގުބޫލް ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އްއްޔަ) ހޯދައިފި އެވެ.
ކުޑަ އައްޔަ ވަނީ ރާއްޖޭގެ ބޮޑީބޯޑިން ލީގު 2022 ގައި ފެށި ފަހުން ލީގުގައި މިހާތަނަށް ބޭއްވި ހުރިހާ ޑްރޮޕް ނީ އިވެންޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ބުރުނު ޝިކާރަކީ 10 ވަނަ ޑްރޮޕް ނީ އިވެންޓެވެ.
ބުދަ ދުވަހު އޮތް ބުރުނު ޝިކާރުގެ ޑްރޮޕަ ނީ އިވެންޓްގެ ފައިނަލުން ކުޑަ އައްޔަ މޮޅުވީ އާމިން އުމަރު މޫސާއާ ވާދަކޮށް 13.67 ޕޮއިންޓް ހޯދައިގެންނެވެ. އާމިން އަށް ހޯދުނީ 5.04 ޕޮއިންޓެވެ.
އާމިން އަކީ ފާއިތުވި ދެ އަހަރުގެ ލީގުގައި ވެސް ޑްރޮޕް ނީ އިވެންޓްތަކުގެ ފައިނަލްގައި ކުޑަ އައްޔައާ ވާދަ ކުރި އެތުލީޓެވެ. މި އަހަރުގެ ބުރުނު ޝިކާރުގެ އިތުރުން އޭނާ ވަނީ ގައުމީ ބޮޑީ ބޯޑިން ލީގުގައި އެންމެ ފަހުން ބޭއްވި ޑްރޮޕް ނީގެ އަށް އިވެންޓްގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ.
ޖުމްލަ ނުވަ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ މި އަހަރުގެ ބުރުނު ޝިކާރުގެ ޑްރޮޕް ނީ އިވެންޓްގެ ސެމީ ފައިނަލްގައި ކުޑަ އައްޔަ ވަނީ ނޫން މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ކުރި ހޯދައިފަ އެވެ. އަދި އާމިން ފައިނަލަށް ދަތުރު ކުރީ ސެމީގައި މުހައްމަދު އަޒާން އަހުމަދާ ވާދަ ކޮށެވެ.
ގައުމީ ލީގުގެ އިތުރުން ކުޑަ އައްޔަ ވަނީ ބައިނަލްއަގުވާމީ ލެވެލްގައި ވެސް ޑްްރޮޕް ނީގައި އޭނާގެ ކުޅަދާނަކަން ދައްކާލައިފަ އެވެ. އައިސީބީ ވޯލްޑް ޓުއާގައި 2022 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ އިވެންޓްގެ ސެމީ ފައިނަލްގައި ވާދަކޮށް އޭނާ ވަނީ އެ ސީޒަންގެ ޑްރޮޕް ނީގެ ދުނިޔޭގެ ރޭންކިން 12 ވަނައިގައި ނިންމާލައިފަ އެވެ.