ފުޓްބޯޅައިގެ ރަށެއްގެ ގޮތުގައި ކުރިން މަޝްހޫރުވި ކ. ހުރާ އަލުން ފުޓްބޯޅައިގައި ވިދަން ފަށައިފި އެވެ.
ހުރައަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ގަދަ ބާރެކެވެ. ދިވެހި ލީގާއި ޕޮމިސް ކަޕް އެ ޓީމުން ވަނީ ކާމިޔާބުކުރި އެވެ، ކުރިން ބޭއްވި އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި އޭއެފްސީ ކަޕުން، ހުރާގެ އެ ޓީމުން ޖާގަ ހޯދި އެވެ.
މިހާރު އތީ ހުއްރިއްޔާއެއް ނޫނެވެ. މިހާރު އޮތީ ރަށުގެ ނަމަށް ސީދާ ނިސްބަތްކުރާ ޓީމެވެ.
އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ކޮލިފައިންގެ ޖާގައެއް ހޯދަން ކުޅޭ ސަރަހައްދީ ލީގަށް ހުރާ ވަނީ ކޮލިފައި ވެފަ އެވެ. އެ ޖާގަ އެ ޓީމުން ހޯދީ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
އަތޮޅުތެރޭގެ ތިން ޒޯނުގެ ޓީމުތަކުން ވެސް ވަނީ ސަރަހައްދީ ލީގަށް ތައްޔާރު ވެފަ
ރާއްޖޭގެ ދެވަނަ ޑިވިޝަން ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރީޖަން ލީގަށް ޕްރޮމޯޓް ވާން ކުޅެން ޖެހުނު ކޮލިފަޔާސްގެ ކުޅުން ނިންމާލާފައި ވާއިރު، މާލޭ ރީޖަން ލީގު ދެވަނަ ޑިވިޝަން ކުރިއަށް އެބަ ދެ އެވެ.
މާލެ ރީޖަންގެ އިތުރުން ރާއްޖެ ބަހާލާފައި ވަނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން އަދި ސައުތު ރީޖަން އަށެވެ. ކޮލިފިކޭޝަނަށް މާލެ ރީޖަން ފިޔަވައި ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ވެސް ވަނީ ދެ ޒޯނަކަށް ބަހާލައިފަ އެވެ.
ނޯތު ރީޖަން ލީގު: ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މަނަދޫ، ބ. އޭދަފުށި
ސެންޓްރަލް ރީޖަން ލީގު: ކ. ހުރާ، އދ. މަހިބަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ
ސައުތު ރީޖަން ލީގު: ލ. ގަން، ލ. ކުނަހަންދޫ، ގދ. ގައްދޫ، ސ. ފޭދޫ
ނޯތު ރީޖަން ލީގު ކޮލިފައިންގެ ޒޯން 1 ގެ ފައިނަލްގައި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ 3-3 އިން އެއްވަރު ވުމުން ޕެނަލްޓީގައި ކުރި ހޯދައި ހަނިމާދޫ ވަނީ އަންގާރ ދުވަހު ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ރީޖަންގެ ޒޯން 2 ގެ ފައިނަލްގައި 6-5 އިން ބ. އޭދަފުށީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ނ. މަނަދޫ އެވެ.
ސެންޓްރަލް ރީޖަން ކޮލިފަޔާސްގެ ޒޯން 1 ގެ ފައިނަލްގައި 3-0 އިން މަހިބަދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކ. ހުރާ އެވެ. އަދި ޒޯން 2 ގެ ފައިނަލްގައި ދ. މީދޫ އާއި ދ. ކުޑަހުވަދޫ އިއްޔެ ކުޅުނު ފައިނަލް މެޗު 1-1 އިން އެއްވަރު ވެގެން ޕެނަލްޓިގައި ކުރި ހޯދައިގެން ޗެމްޕިއަންކަން ހޯދާފައި ވަނީ ކުޑަހުވަދޫ އެވެ.
ސައުތު ރީޖަން ކޮލިފަޔާސްގެ ޒޯން 1 ގެ ފައިނަލް ލ. ކުނަހަންދޫއާ ވާދަކޮށް 3-0 އިން މޮޅުވެގެން ކާމިޔާބު ކުރީ ލ. ގަމެވެ. ޒޯން 2 ގެ ފައިނަލްގައި 1-0 އިން މިއަދު ސ. ފޭދޫ ބަލި ކޮށް ޗެމްޕިއަންކަން ހޯދީ ގދ. ގައްދޫ އެވެ.
ކޮންމެ ޒޯނެއްގެ ފައިނަލަށް ދާ ދެ ޓީމެއް ރީޖަން ލީގަށް ކޮލިފައި ވާނެ އެވެ. އަދި ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ.
މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.