ފަހު ހާފުގައި ކުޅެން އެރި ބަދަލު ކުޅުންތެރިން މެޗުގެ ފަހު ވަގުތު ޖެހި ގޯލުތަކުން 3-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލި ކޮށް ޓީސީ ސްޕޯޓްސް ކްލަބް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ފުރަތަމަ ފަހަރަށް ވިކްޓަރީގެ ބެންޗުން ފެނުނު މި މެޗުގެ ފުރަތަމަ ހާފް އެ ޓީމު ނިންމާލީ ކުރީގައި އޮވެގެންނެވެ. މި ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.
ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސެއިންގެ ބަދަލުގައި ސްރީލަންކާގެ ޗަލަނަ ޗަމީރާ ކުޅެން ނެރެފަ އެވެ. އަދި ދެވަނަ ހާފު ފެށީ އަހްނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ގެ ބަދަލުގައި މުހައްމަދު ދާނިޝް އިބްރާހިމް ކުޅެން އަރުވައިގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ޓީސީން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަތީޖާ އެއްވަރުވީ ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ޓީސީން މެޗުގައި ލީޑު ނެގީ 88 ވަނަ މިނިޓުގައި އައިހަމް ހަމްދޫން ޖަހައިދިން ގޯލުންނެވެ. މިއީ އޭނާ ކުޅެން ނުކުތްތާ މިނިޓެއް ތެރޭ ކާމިޔާބު ކުރިލަނޑެކެވެ. ޓީސީ ހާސްކަން ފިލުވާލީ 90 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ދާނިޝް ޖަހައިދިން ލަނޑުންނެވެ.
ޓީސީ ވަނީ އެންމެ ފަހުން 2022 ވަނަ އަހަރުގެ އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް ބަލި ވެފަ އެވެ. އޭގެ ނަމަވެސް އޭގެ ކުރީ ދެ އަހަރު، 2017 އަދި 2016 ގައި ޓީސީ ވަނީ މުބާރާތުގެ ފައިނަލް ކުޅެފަ އެވެ.
ހަތަރު ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ވިކްޓަރީ އެންމެ ފަހުން މި މުބާރާތުގައި ކުޅެފައި ވަނީ 2016 ވަނަ އަހަރެވެ. އެ ޓީމު 2010 ގައި އެންމެ ފަހުން ޗެމްޕިއަންކަން ހޯދި އިރު، އެންމެ ފަހުން ސެމީއާ ހަމައަށް ދަތުރު ކުރީ 2012ގަ އެވެ.
ސެމީ ފައިނަލްގައި ޓީސީ ވާދަ ކުރަން ޖެހޭނީ މިރޭ 9 ޖަހާއިރު ބުރު ސްޕޯޓްސް އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.