އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކަކާ އެކު 4-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލި ކޮށް، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމް ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސެންޓޭ ނިއު އަށް ލީޑު ނަގައިދިނީ 20 ވަނަ މިނިޓުގައި ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުންނެވެ. އަދި 30 ވަނަ މިނިޓުގައި ޔާޔާ ބިލިޓީ ދިން ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ ނިއު އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ސެންޓޭގެ ހެޓްރިކް ފުރިހަމަ ކުރީ 61 ވަނަ މިނިޓުގަ އެވެ. އޭނާ ވަނީ އިބްރާހިމް މައިސާން ނަގައިދިން ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓުގައި ގުއިލާމޭ ޑަ ސިލްވާ ނަގައިދިން ބޯޅައަކުން ޖަހައިދިނީ އަލްހާޖީ ގެރޯ އެވެ.

ނިއުގެ ފަހު ލަނޑު ޖެހުމަށް ފަހު ކުޅުންތއެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސިޑިބަރި
ނިއުގެ ފަހު ލަނޑު ޖެހުމަށް ފަހު ކުޅުންތއެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސިޑިބަރި

މިއީ މި ސީޒަންގައި ނިއު އިން އޮޑި ބަލި ކުރި ފުރަތަމަ ފަހަރެވެ. ލީގުގައި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ބުރުގެ މެޗު 1-0 އިން އޮޑި ކާމިޔާބު ކުރި އިރު ދެވަނަ ބުރުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ގުރޫޕެއްގައި ވާދަކޮށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. އޮޑި އަކީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަނުންނެވެ.

ނިއު ވަނީ ރެކޯޑް 12 ފަހަރު އެފްއޭ ކަޕްގެ ތަށި އުފުލާލައިފަ އެވެ. އެންމެ ފަހުން އެ ޓީމު ޗެމްޕިއަންކަން ހޯދާފައި ވަނީ 2017 ވަނަ އަހަރެވެ. އެ އަހަރުގެ ފައިނަލްގައި ވެސް ސެންޓޭ ގޯލު ޖެހި އެވެ. އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. މީގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި މިހާރު އޮޑި ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ވެސް އެ އަހަރު ވަނީ ނިއު އާއެކު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

އެއަށް ފަހު 2022 ވަނަ އަހަރު މުބާރާތް ކުރިއަށް ގެންދިޔަ އިރު ނިއު ސަސްޕެންޝަނުން ސަލާމަތް ވެފައި އޮތް ނަމަވެސް އެ މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ. މިއީ އޭގެ ފަހުން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ނިއުގެ ފަހު ލަނޑު ޖެހުމަށް ފަހު ކުޅުންތއެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސިޑިބަރި
ނިއުގެ ފަހު ލަނޑު ޖެހުމަށް ފަހު ކުޅުންތއެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ސިޑިބަރި

މިރޭގެ ނަތީޖާއާ އެކު ބުދަ ދުވަހުގެ ހަވީރު ކުޅޭ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ މިއަދު ހަވީރު ކްލަބް އީގަލްސް ބަލި ކުރި ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ބްލޫ ސްޕޯޓްސް އަކީ ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު އުފެއްދި ކްލަބެކެވެ. އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ތިން އަހަރު ވަންދެން، ނިއު ސަސްޕެންޑްކޮށްފައި އޮތުމުން ނިއުގެ ސަޕޯޓަރުންނާ ގުޅިގެން ވާސިފް ވަނީ ރޭޑިއަންޓްގެ ނަމުގައި ވެސް ކްލަބެއް އުފައްދައިފަ އެވެ. ނަމަވެސް ރޭޑިއަންޓަކީ އޭރު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ރަމްޒު ކުރާ ކްލަބެއް ކަމަށް އެފްއޭއެމުން ނިންމުމުން، ރޭޑިއަންޓްގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު ވާސިފް އާއި އެ ކްލަބްގެ ބޯޑް އަލުން ނިއުއާ ހަވާލުވި އެވެ. އަދި ނިއު ސަސްޕެންޝަނުގެ ހާލަތުން ނެގުމަށް އޭނާ މުހިންމު ދައުރެއް އަދާކޮށް އަލުން ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު 2022 ގައި ނިއު އިން ހޯދީ ވެސް އޭނާގެ ޗެއާމަންކަމުގެ ދަށުންނެވެ.

ނިއުގެ މިހާރުގެ ޗެއާމަން އަހްމަދު މުބީން އެ ކްލަބާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރެއްވުމުން، އެ ފުރުސަތު ދިނުމުގެ ގޮތުން ވާސިފް އާ އެކު ނިއުގެ އޭރުގެ ބޯޑް އިސްތިއުފާ ދިނީ 2024ގަ އެވެ.

މި އަހަރުގެ އެފްއޭ ކަޕްގައި އަށް ޓީމު ވާދަކުރެ އެވެ. ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު މާދަމާ ކުޅޭ އިރު، ހަވީރު 4 ޖަހާއިރު ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ރޭގަނޑު 9 ޖަހާއިރު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.