ވެސްޓް ހޭމް ޔުނައިޓެޑްގެ ޑިފެންޑަރު އާރޮން ވެން ބިސާކާ، ގައުމީ ޓީމުގެ މެޗަށް ފަހު އެނބުރި ކުލަބަށް ދިއުމުގެ ހުއްދަ ކޮންގޯއިން ނުދިން ކަމަށް ބުނެ، އެ ކުލަބުން ފީފާއަށް މައްސަލަ ހުށަހަޅައިފި އެވެ.
މައްސަލަ ފެންމަތިވީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ވެސްޓް ހަމް ކުޅުނު މެޗުގައި ވެން ބިސާކާ ބައިވެރިވެފައި ނުވާތީ އެވެ. އުމުރުން 27 އަހަރުގެ ޑިފެންޑަރު ނެތި ކުޅުނު އެ މެޗުން ވެސްޓް ހެމް ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.
ކޮންގޯއިން 1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް ފައިނަލުގައި ޖެމެއިކާ ބަލިކުރުމަށް ފަހު އެވެ. އެ ކާމިޔާބީއާ އެކު ޓީމުގެ ކުޅުންތެރިން ވަނީ ގައުމުގެ ރައީސް ފީލިކްސް ސިސެކޭޑީއާ އެކު އުފާފާޅުކުރުމަށް ވެރިރަށް ކިންޝާސާ އަށް ގޮސްފަ އެވެ.
މި އުފާފާޅުކުރުންތަކުގައި ވެން ބިސާކާ ބައިވެރިވީ، އޭނާ އެނބުރި އިނގިރޭސިވިލާތަށް ދިއުމަށް ވެސްޓްހޭމުން އަންގާފައި ވަނިކޮށެވެ. މުހިންމު މެޗެއް ކުރިމަތީގައި އޮތުމުން ވެސްޓް ހޭމުން ވަނީ އިނގިރޭސިވިލާތަށް އޭނާ ދަތުރުކުރުމުގެ ޓިކެޓް ވެސް ނަގައިދީފަ އެވެ. އެކަމަކު އޭނާ ނުގޮސް، ގައުމީ ޓީމުގެ އުފާފާޅުކުރުންތަކުގައި ބައިވެރިވި އެވެ.
އެ ފްލައިޓްގައި އޭނާ ނުދިޔައީ ކޮންގޯގެ ފުޓްބޯޅަ އިދާރާއިން އޭނާ ދޫކޮށްލުމަށް އިންކާރު ކުރުމުން ކަމަށް ބެލެވެ އެވެ. މިއީ ފީފާގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ބުނެ ވެސްޓް ހޭމްއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް ފީފާ އަށް ހުށަހަޅައިފަ އެވެ.